22 Dec 2011, 18:14
އިރާގުގެ ވެރިރަށް ބަޣުދާދުގައި މިއަދު ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކެއްގައި 60 މީހުން މަރުވެއްޖެ އެވެ.
އިރާގު ފުލުހުންނާ ހަވާލާދީ އަލްޖަޒީރާ ބުނި ގޮތުގައި ބަޣުދާދުގެ އެކި ކަންކޮޅުތަކުގައި މިއަދު ދިން ބޮމުގެ ނުވަ ހަމަލާގައި މަރުވި މީހުންގެ އިތުރުން އެތައް ބަޔަކު ޒަހަމްވި އެވެ.
އިރާގުގެ އޮފިޝަލުން ބުނާ ގޮތުގައި ހެނދުނު މީހުން މަސައްކަތަށް ދިޔަ ވަގުތު ދިން ހަމަލާތައް ދީފައި ވަނީ ބަޣުދާދުގެ މެދުތެރޭ ޑިސްޓްރިކްތައް ކަމަށްވާ ބާބުލް މުއާތަމްއާއި ކަރާދާގަ އެވެ. އަދި ބަޣުދާދުގެ އުތުރުގައިވާ އާދަމިއްޔާ އާއި ޝުއާލާއާއި ޝާބުގަ އެވެ. އަދި ހުޅަނގުގައިވާ ޣަޒާލިއާ އާއި ދެކުނުގައިވާ އަލް އާމިލު އާއި ދޫރާގައި ވެސް މިއަދު ހެނދުނު ބޮންގޮއްވި އެވެ.
ކާރުބޮމުގެ ހަމަލާތައް ދީފައި މިވަނީ އިރާގުގެ ނައިބު ރައީސް ތޯރިގު އަލް ހާޝިމީ ހައްޔަރުކުރުމުގެ އަމުރު ސަރުކާރުން ނެރުމާ ގުޅިގެން ސުންނީންނާއި ޝިޔައީންގެ މެދުގައި ހަމަނުޖެހުންތައް ފެށުމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގަ އެވެ.