07 May 2020, 12:29
ޖެނީވާ (މެއި 7): އާ ކޮރޯނާވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19 ބަލިން ރަނގަޅުވުމަށް ފަހު އަނެއްކާވެސް ވައިރަހުގެ ޓެސްޓަށް ޕޮޒިޓިވްވުމުގެ މާނައަކީ އެ މީހަކަށް އަލުން ބަލި ޖެހިފައި ވުން ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯއިން އެފަދައިން ބުނެފައި ވަނީ، ދެކުނު ކޮރެއާގައި ކޮވިޑް-19 ބަލިން ރަނގަޅުވި 100އަށް ވުރެ ގިނަ މީހުން އަލުން ޕޮޒިޓިވްވި ކަމަށް އެގައުމުން މިދިޔަ މަހު ރިޕޯޓު ކުރި ފަހުންނެވެ.
ޑަބްލިޔުއެޗްއޯގެ ފަރާތުން އޭއެފްޕީއާ ވާހަކަ ދެއްކެވި ތަރުޖަމާނަކު އިއްޔެ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހާ ބެހޭ ގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ބަލި ޖެހުމަށް ފަހު ފުއްޕާމޭ ރަނގަޅުވަމުންދާ އިރު މަރުވެފައިވާ ނުވަތަ ގެއްލުންވެފައިވާ އެތިކޮޅުތައް ފުއްޕާމެއިން ބޭރުކޮށްލަ އެވެ. އަދި ވައިރަހުގެ ޓެސްޓުތައް ޕޮޒިޓިވް ވަނީ އޭގެ ސަބަބުން ކަމަށް ވެދާނެ އެވެ.
ނަމަވެސް ވައިރަސް ހަށިގަނޑުގައި ދިރި ހުންނަ މުއްދަތު ދެނެގަތުމަށްޓަކައި ބަލިން ރަނގަޅުވެފައިވާ މީހުންގެ ސާމްޕަލް ނަގާ، އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހޯދަން އެބަ ޖެހޭ [ބަލިން ރަނގަޅުވާ މީހުންގެ ފަރާތުން] އެހެން މީހުންނަށް ވައިރަސް ފެތުރިދާނެތޯ.. ލައިވް ވައިރަސް ހުރުމުގެ މާނައެއް ނޫން އެ އެހެން މީހުންގެ ގަޔަށް އަރާފާނެއޭ،" ތަރުޖަމާނު ވިދާޅުވި އެވެ.
މީގެ ކުރިން، ޑަބްލިޔުއެޗްއޯގެ ހެލްތް އެމާޖެންސީސް ޕްރޮގްރާމްގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ މާރިއާ ވަން ކާހޮވްވެސް ވަނީ ބަލިން ރަނގަޅު ވުމަށް ފަހު އަނެއްކާވެސް ޕޮޒިޓިވްވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ވަނަ ފަހަރަށް އެ ޕޮޒިޓިވް ވަނީ ފުއްޕާމޭ ރަނގަޅުވަމުން އަންނަ އިރު ބޭރު ކުރާ، މަރުވެފައިވާ ސެލްތަކުންނެވެ. އަދި އެއީ ވައިރަސް އަލުން ހަށިގަނޑުގައި އެކްޓިވޭޓުވުން ނޫން ކަމަށާއި އޭގެ ސަބަބުން އެހެން މީހުންނަށް ވައިރަސް ނުފެތުރޭނެ ކަމަށް މާރިއާ ވިދާޅުވި އެވެ.
މީގެ އިތުރުން މާރިއާ ވެސް ވަނީ ވައިރަހާ ބެހޭ ގޮތުން އަދި އިތުރަށް މައުލޫމާތު ހޯދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެއް ފަހަރު ބަލި ޖެހުމުން ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭތޯ ފަދަ ސުވާލުތަކަށް އަދި ޖަވާބު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކަމަށް ބެލެވޭ ކޮރޯނާވައިރަހަށް މިހާތަނަށް ދުނިޔެއިން 3.7 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 264،000އަށް އަރާފަ އެވެ.