07 May 2020, 12:30
ހުޅުމާލެއަށް މަސް ކިރަން ގާތްކުރި ދޯންޏެއްގައި ހުރި ފަޅުވެރިއަކު އެ ދޯނިން ފައިބާ ހުޅުމާލޭގައި ތިބޭ އާއިލާގެ މީހުންނާއެކު އެއް ރޭ ހޭދަ ކުރުމަށް ފަހު ހުއްދަ ނުހޯދާ އއ. ރަސްދޫއަށް ދިޔުމުން ހައްޔަރުކޮށްފި އެވެ.
ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުން ދާތީ މާލެ ސިޓީ އޮތީ ލޮކްޑައުންގަ އެވެ. އެހެންވެ ހުއްދަ ނެތި މާލެއަށް އަރާ ފޭބުމަކީ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި މަނާ ކަމެކެވެ.
ފުލުހުން ބުނީ ހުޅުމާލެގައި ރޭ ކުރުމަށް ފަހު އެމީހާ ރަސްދުއަށް ގޮސްފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ރަސްދޫ ޓާސްކްފޯސްގެވެސް ހުއްދަ ނެތި ކަމަށެވެ. އެހެންވެ އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު އެމައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ހުއްދަ ތެނި އެއްރަށުން އަނެއް ރަށްރަށް ދިއުމާއި ކަރަންޓީނު ކުރުމުން ފިލައިގެން ދާ މައްސަލަތަކުގައި މީގެ ކުރިންވެސް ގިނަ ބަޔަކު ހައްޔަރުކޮށް ވަނީ ބަންދު މުއްދަތު ޖަހާފަ އެވެ.