ކޮވިޑް-19 ބިރުވެރި ރާޅު ދުނިޔޭގެ ހުރިހާ ބިތަކަށް ބިންދާލާފައިވާއިރު، މި ރާޅުގެ ދަށުވާ މީހުންގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ބަޔަކީ ދޮށީ އުމުރުގެ މީހުންނެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން "ހައި ރިސްކު" މީހުންގެ ގޮތުގައި ދުވަސްވީ މީހުން ފާހަގަ ކޮށްފައިވަނީ އެ މީހުންގެ ދިފާއީ ނިޒާމު ބަލިކަށިވެ، އިތުރު އެހެން ބަލިތައްވެސް އެ އުމުރުގައި ފެންނާތީ އެވެ.

މިހާތަނަށް ލިބިފައި ހުރި ހުރިހާ ތަފާތު ހިސާބުތަކުގެ ތެރެއިން ވެސް ހާލު އެންމެ ބޮޑަށް ގޯސްވެ، ދުނިޔެ ދޫކުރާ އެއް ބަޔަކީ ދުވަސްވީ މީހުންނެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން ދުނިޔެ ދޫކުރާ ގިނަ މީހުންގެ އުމުރު އުޅެނި 65 އަހަރުން މަތީގަ އެވެ.

ރާއްޖޭގައި ކޮރޯނާވައިރަހުގެ ތިން މަރު މިހާތަނަށް އައިރު، އޭގެ ތެރެއިން ދެ މީހުންނަކީ 80 އަހަރުވެފައިވާ ފަރާތްތަކެވެ. އަދި ބަލި ޖެހިފައިވާ އުމުރުން ދުވަސްވީ މީހުންގެ އަދަދު އުޅެނީ، 22ގަ އެވެ. އަދި ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަސް ފަރާތަށް ފަރުވާދޭއިރު އެއީ، އުމުރުން ދުވަސްވީ ފަރާތްތަކެވެ.

ހައިރިސްކް އުމުރުގެ ބަލި ޖެހިފައިވާ އަދަދު:

  • 61-70 އަހަރު : 16 މީހުން

  • 71-80 އަހަރު : 4 މީހުން
  • 81-100 އަހަރު: 2 މީހުން

ކޮރޯނާވައިރަހުގެ ރާއްޖޭގެ މި ނަމްބަރުތަކުން ބުނެދެނީ ވަރަށޤ ބޮޑު އަދި ސީރިއަސްވާހަކަ އެކެވެ. ކޮރޯނާވައިރަހުގެ ޝިކާރައަކަށްވާ ދުވަސްވީ މީހުން އިތުރުވަމުން އަންނަ ކަމެވެ. އަދި އެ އަދަދު އިތުރަށް މައްޗަށް ދިޔުމުގެ ފުރުސަތު އޮތް ކަމެވެ.

ބަލިމަޑުކަން ފެތުރޭ ގޮތުގައި ދިރާސާތައް ކުރައްވާ، ޑރ. ޝީނާ މޫސާ ރޭ އިންޒާރު ކުރެއްވި ގޮތުގައި މި ދުވަސްރުގައި ގެއިން ބޭރަށް ނިކުންނަ މީހުންގެ ފަރާތުން ބަލި ގޭބިސީތަކުގެ ތެރެއަށް ވަންނަމުން އެބަދެ އެވެ. އެހެން ކަމަށްވާ އިރު، އެފަދަ ފަރާތްތަކުން ގޭގައި ތިބޭ ހައިރިސްކް މީހުންނަށް ބަލައިގެން އުޅުމަށް ޑރ. ޝީނާ އިލްތިމާސް ކުރެއްވި އެވެ.

"މިހާރުވެސް މަޑުމަޑުން ގޭބިސީތަކަށް އިންފެކްޝަންތައް ވަންނަން ފަށާފަ މިވަނީ ސާވިސް އަށް ނުކުމެ އުޅޭ ގްރޫޕުގެ ތެރެއިން. މީގެ ތެރޭގައި ފެންނަ ނިސްބަތް ތަންކޮޅެއް ފަހުން ފެންނަން ފަށާނީ،" ޑރ. ޝީނާ ވިދާޅުވި އެވެ.

ގެއަށް ބަލި ވައްދާ މީހަކަށް ނުވޭ!

މަސައްކަތުގެ ގޮތުން ނަމަވެސް، ނޫނީ އެހެން ހާލަތެއްގައި ވެސް މިވަގުތު ގެއިން ބޭރަށް ނިކުންނަން ޖެހޭ މީހުން ގޭގައި އުޅޭ ނަމަ، ޑޮކްޓަރުންގެ އިރުޝާދަކީ ގޭގައި ތިބި ދުވަސްވީ މީހުންގެ ހިމާޔަތަށް ހާއްސަ ފިޔަވަޅުތައް އެޅުމެވެ. ގޭގައި ދުވަސްވީ މީހެއް އުޅޭނަމަ، އެ މީހުންނާ ގައިދުރުކުރަން ބެހެއްޓުމާއި ދުވަސްވީ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުން ބޭރަށް ނުދިޔުން އަދި ކޮންޓެކްޓް މަދުކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ.

އޭޕްރީލް 22، 2020: މާލޭ ލޮކްޑައުންގައި: މީހުން މަގުމަތީގައި ބާޒާރުކުރުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިޔަފާރިކުރުމަށާއި ވަޒީފާގެ ބޭނުމަށް ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ އޮންނަ މީހުން، ބޭރަށް ނިކުމެ އުޅޭ ވަގުތުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި، ކޮންމެހެން ބައްދަލު ކުރަން ޖެހޭ މީހުން ފިޔަވައި ގިނަ މީހުންނާ ބައްދަލުކޮށް ނުހެދުމުގެ މުހިންމުކަން މިވަނީ ބޮޑުވެފަ އެވެ. ކޮމިޔުނިޓީ ސްޕްރެޑެއް އޮތް މި ދަނޑިވަޅުގައި ގިނަ މީހުންނާ ބައްދަލުވުމަކީ ބައްޔަށް ހުށަހެޅޭނެ ކަމެކެވެ. ބަލަންވީ، ތިމާގެ އަމިއްލަ ގެޔަށް ބަލި ހިފައިގެންދާ މީހާއަށް ތިމާނުވުމުމަށެވެ.

"ގޭގައި ދުވަސްވީ މީހުން އުޅޭނަމަ، ބޭރަށް ދާ މީހުން ވެސް އިތުރު މީހުންނާ ބައްދަލުކުރުން މަދު ކުރުން ނޫނީ އެއްގޮތަކަށްވެސް ބައްދަލު ނުކުރުން މުހިއްމު. ހާއްސަކޮށް އެމީހުންގެ ކެއާޓޭކަރުން އިތުރު މީހުންނާ މިހާލަތުގައި ބައްދަލު ނުކުރުން. އަދި ގޭގައި ދެންތިބޭ މީހުންވެސް އިތުރު މީހުންނާ ބައްދަލުކުރުން ހުއްޓާލާ ކޮންޓެކްޓު ކުޑަކުރުން މުހިއްމު،" އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު އިރުޝާދުދެއްވާފައިވެ އެވެ.

މިވަގުތު ބަލި ފެތުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ، ޑެލިވަރީ ކުރާ މީހުންގެ ފަރާތުން ކަމަށްވާ އިރު، ގެއަށް ބޭނުންވާ ކާބޯތަކެތި އޯޑަރުކޮށްގެން ގެންނައިރު އެތަކެތި ރަނގަޅަށް ޑިސްއިންފެކްޓު ކުރުން ކޮންމެހެން މުހިންމެވެ.

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަލީގެ އަލާމާތްތަކަށް ސަމާލުވޭ!

ފްލޮރިޑާ އެޓްލާންޓިކް ޔުނިވާސިޓީގެ ޕްރޮފެސަރު ޑރ. ޖޯސެފް އޮސްލެންޑާ ސީއެންއެންއަށް ވިދާޅުވެފައިވާ ގޮތުގައި، އުމުރުން ދުވަސްވީ މީހުންނަށް ވައިރަސްގެ އަސަރު ކުރުމުގެ ސަބަބުން އެމީހުންގެ އުޅުމަށް ކުއްލިއަކަށް ބަދަލު އާދެ އެވެ.

ބަލި ޖެހުނު ދުވަސްވީ މީހުންގެ އުޅުމަށް އައި ބަދަލު ދިރާސާކޮށް، އެ ސްޓަޑީގައި ބުނެފައިވަނީ، ވައިރަސްގެ އަސަރު ކުރުމާ އެކު ދުވަސްވީ މީހުން ބައެއްފަހަރު ވާހަކަ ދެއްކުން މަދުވެ އެވެ. މަޑުމޮޅިވުމާއި، ހަނދާންނެތުން އަދި ކާން ބޭނުން ނުވުން އަދި ނިދުމުގެ އާދަތައް ބަދަލުވުން ފަދަ އަލާމާތްތައް ދުވަސްވީ މީހުންގެ ފަރާތުން ފެނެ އެވެ. ހާލު ދެރަވަނީ މި އަލާމާތްތަކަށް ފަހު އެވެ.

ޑރ. އޮސްލެންޑާ ވިދާޅުވާ ގޮތުގައި ދުވަސްވީ މީހުންގެ ފުށުން މި ބަދަލުތައް ފެންނަނީ، ވައިރަހުގެ ސަބަބުން ދުވަސްވީ މީހުންގެ ދިފާއީ ނިޒާމު އިތުރަށް ބަލިކަށިކޮށްލާތީ އެވެ. މީގެ އިތުރުން ކުރިން ސްޓްރޯކެއް ޖެހިފައިތިބޭ މީހުން ނުވަތަ ނާރުގެ ބައްޔަކަށް ފަރުވާ ހޯދާފައިތިބޭ މީހުންގެ ދިފާއީ ނިޒާމަށް މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދަތިވާކަންް ފާހަގަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ކޮވިޑް ޖެހިފައިތިބި 618 މީހުންގެ ތެރޭ ހައިރިސްކް މީހުން މަދު ނަމަވެސް، މިހާތަނަށް މަރުވި މީހުންގެ އަދަދަށް ބަލާއިރު އެ އާބާދީއަށް ނުރައްކާ ވަރަށް ބޮޑެވެ. އެ އުމުރުގެ މީހުން ހިމާޔަތް ކުރަން މިހާރު ފިޔަވަޅު ނާޅައިފި ނަމަ، ލޯބިވާ އެތައް ބަޔަކު މާކުރިން ވަކިވެދާނެ އެވެ.