ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ގެންދިޔުމަށް އަންނަ އެ ގައުމުގެ އަސްކަރީ މަނަވަރުތަކުގެ ތެރެއިން ފުރަތަމަ މަނަވަރު ރާއްޖޭގައި މިއަދު ބަނދަރުކޮށްފި އެވެ.

މިއީ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން މީހުން ފޮނުވުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އައި މަނަވަރެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން ބުންޏެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ 200 އެއްހައި ރައްޔިތުން މި މަނަވަރުގައި އެނބުރި ދާނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ހެޑް ރޯހިތު މީގެ ކުރިން "ސަން" އަށް ވިދާޅުވީ އިންޑިއާއަށް މީހުން ގެންދިއުމުގައި އިސްކަން ދޭނީ މިހާރު ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައި ތިބި މާބަނޑު އަންހެނުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށް ކަމަށެވެ.

ރާއްޖޭގައި މިވަގުތު އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިބި ކަމަށް ރޯހިތު ވިދާޅުވި އެވެ.

ރާއްޖެއިން އިންޑިއާއަށް ގެންދާ 200 މީހުން އެންމެ ފުރަތަމަ ގެންދާނީ ކޮޗިންއަށެވެ. އަދި ކޮޗިންގަައި 14 ދުވަހަށް އެމީހުން ކަރަންޓީން ކުރާއިރު އަދި އެ ފެސިލިޓީތަކަށް ފައިސާ ދައްކަން ޖެހޭނީ އެމީހުން އަމިއްލަ އަށް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.

އިންޑިއާއިން ވަނީ މީގެކުރިން ވެސް ޗައިނާ، އިޓަލީ، އިރާން، އަފްޣާނިސްތާން، މެލޭޝިޔާ އަދި ޖަޕާނުގައި ތިބި އެ ގައުމުގެ ރައްޔިތުން އެ ގައުމުތަކުން ނެރެފަ އެވެ.

ރާއްޖެއިން މިހާތަނަށް 617 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 54 މީހަކު ހިމެނެ އެވެ.