07 May 2020, 11:14
ކަރަންޓީނަށް ދަނީ ދެ ފަރާތުން އެއްބަސްވެގެން ކަމަށާއި އެއީ ޖަލެއް ނޫން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.
އައްޑޫ ހެރެތެރެ ރިސޯޓުގައި ކަރަންޓީނުކޮށްފައި ތިބި ފސް މީހަކު އިއްޔެ ފިލާފައިވަނިކޮށް ފުލުހުން ވަނީ އެ މީހުން ހޯދާފަ އެވެ.
އެކަމާއި ގުޅިގެން އޭސީޕީ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރަންޓީން ފެސިލިޓީއަކީ ޖަލެއް ނޫން ކަމަށާއި ދަނޑިމާރު އަޅައިގެން ބަލަހައްޓާ ތަންތަނެއްވެސް ނޫން ކަމަށެވެ.
"މިތަންތަނަށް ގެންދެވޭ ފަރާތްތަކާއި އަމިއްލައަށް އެތަންތަނުގައި ތިބެން އެއްބަސްވެގެން ދާ ފަރާތްތަކުގެ ޒިންމާއެއްވެސް ވެއެވެ. ފަރުދީ ޒިންމާ އަދާކުރައްވާ،" ފައިރޫޝް ވިދާޅުވި އެވެ.
އޭގެ މާނައަކީ، އެހެން މީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު ފުލުހުން ނާޅާނެ ވާހަކައެއްވެސް ނޫން ކަމަށް ފައިރޫޝް ވިދާޅުވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީނު ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ. އެ ބާރުގެ ދަށުން ކަރަންޓީނު ކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ޖިނާއީ ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ދެއްވައިފަ އެވެ.
ކޮވިޑް--19 ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ދެ ގިންތިއެއްގެ މީހުން ކަރަންޓީނަށް ގެންދެއެވެ. އެއީ އެ ބަލި ފެތުރޭ ތަނެއްގައު ހުރި މީހަކު ބަލި ނެތް ތަނަކަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރްންޓީން މުއްދަތެކެވެ. އެ ފަދަ ކަރަންޓީނަކަށް ދާނީ ދެ ފަރާތުން އެއްބަސްވެގެންނެވެ. ހެރެތެރެއަށް ގެންދިޔައީ ވެސް އެފަދަ ބަޔެެކެވެ. އެއީ ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ މާލޭގައި ތިބި ބަޔެކެވެ.
ދެން ކަރަންޓީނަށް ގެންދެވޭ ބަޔަކީ، ކޮވިޑް-19 ޖެހިފައިވާ މީހަކާއި ޑްއިރެކްޓް ކޮންޓެކްޓެއްވެ އެ ބަލީގެ އަލާމަތްތައް ފެންނަ މީހުންނެވެ. އެ ފަދަ މީހުން ކަރަންޓީނަށް ގެންދިއުމުގައި އެ މީހުން ރުހުން ހޯދަން މަޖުބޫރެއް ނޫނެވެ.