07 May 2020, 10:58
ކޮވިޑް19 އާއި ގުޅިގެން އެޗްޑީސީ އިން ދޭން ނިންމާފައިވާ ކުލީގެ ލުއިކަން ހޯދުމަށް އެދޭ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޑީސީ އިން ރޭ ކުރި އިއުލާނުގައި ބުނީ އެ ކޯޕަރޭޝަނުންދޭ ދެ މަސްދުވަހުގެ ކުލީގެ ރިލީފަށް އެދިފައިނުވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ. މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެޗްޑީސީ އިން އެދެއެެވެ.
އެޗްޑީސީ އިން ދޫކޮށްފައިވާ ފްލެޓްތަކުގެ އިތުރުން ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ދައްކާ ފައިސާ ނުވަތަ ކުލީގެ 30 ޕަސެންޓް ފައިސާ ކުރިއަށް އޮތް ދެ މަހު ދައްކާކަށް ނުޖެހޭނެ އެވެ.
ކުލީގެ 30 ޕަސެންޓް ލުއިކޮށްދެން ނިންމާ، އެ ފައިސާ ދެއްކުން ފަސްކޮށްދެން ނިންމާފައިވަނީ ދެ މަސްދުވަހުގެ މުއްދަތަކަށެވެ.
ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ފޯމު ހުށަހަޅަންޖެހޭނީ[email protected]އަށެވެ.
މީގެ އިތުރުން މިދުވަސްވަރަކީ ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ ދުވަސްވަރަކަށްވާތީ، އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
ހައުސިން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ސްކީމްތަކަށް ބަދަލު ކުރުމުގެ ފުރުސަތުވެސް އެޗްޑީސީ އިން ވަނީ ހުޅުވާލައިފައެވެ. އަދި އިސްލާމިކް ސްކީމްގެ ދަށުން ފައިސާ ދައްކަން ޖެހޭ ތާވަލަށް ގެނެވޭ ބަދަލުގެ ސަބަބުން ކޮންޕައުންޑް އިންޓްރެސްޓް ނާރާނެ ކަމަށް ވެސް އެޗްޑީސީން ބުންނެވެ.