އާލިޔާގެ ހިތަށް ބިރުވެރިކަން ވަނެވެ. މަގުން މީހަކު ފެންނަން ހުރީއެއްވެސް ނޫނެވެ. އަރްސަންއަށް އޭނަގެ ސިކުނޑީގައި ހިނގައިގަތް އެއްޗެއް އެނގުނީކަހަލައެވެ. ކުއްލިއަކަށް އޭނަގެ އަތުގައި ހިފާ ދަމައިގަތްގޮތަށް ގޭޓުން އެތެރެއަށް ވައްދައިފިއެވެ. އަރްސަންއާއި މާޒިން ހާދަ ތަފާތެވެ. މީނަގެ މިހުންނަ "ވައިލްޑް" ބައިގެ ކުޑަ ކުޑަ ޒައްރެއްވެސް މާޒިންއަށް ދެއްވާފައިނުވެއެވެ.

"މަގުމަތީގައި ތިއްބާ ދެން ހެޑްލައިން އަޅާނީ އަަހަރެން ނިގާބީއަކާ ރައްޓެހިވެއްޖެޔޭ ކިޔާފައި. އަހަރެމެންނަށް ވާހަކަދެއްކިދާނެތަ؟ "އަރްސަން އެހިއެވެ.

"މަގުމަތިން ހިނގާ އަންހެނުންނަށް ގޯނާކުރުމަކީ ކޮންކަހަލަ ކަމެއްކަން އެނގޭތަ؟ ވާހަކަ ދައްކަން ބޭނުންވާއިރަށް ތިގޮތަށް ގަޔަށް އަތްލާކަށް ނޫން އޮންނަނީ. ގަދަބާރުން ދައްކާނެ އިތުރު ވާހަކައެއް ނެތް............" އާލިޔާ ރުޅިވެރިގޮތަކަށް ބުނެލިއެވެ.

"ދުވަހަކު އެއްވެސް މީހަކު ބުނިތަ ތިއަށްވުރެ ފޫހި އަޑެއް އަންހެންކުއްޖަކަށް ލިބިފައެއް ނުވެއޭ...."

"އެކަމެއް ނޭގޭ. އެ ފޫހި އަޑު އަހާ ހިތުން ތިބޭފުޅާ އުޅުއްވަނީ. އަހަރެން މިދަނީ.." އާލިޔާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

"އަހަރެން ކީ އެއްޗެއް އަޑެއްނީވޭތަ؟ " އަރްސަން ކުރި ބެއްދިއެވެ.

"މިއީ ކްރައިމްއެއްކަން ނޭގޭތަ" އާލިޔާ ހުރީގޮތް ދޫކުރާގޮތަކަށް ނޫނެވެ. އެންމެ ބޭނުންތެރިވި ދަނޑިވަޅުގައި ސުކައިނާއަށް ފެންޑާއަށް ނިކުމެވުނެވެ. ފެނުނު މަންޒަރަކުން ހައިރާންވުމުގެ އިތުރަށް ނުރުހުންވިއެވެ. ނިތްކުރިއަށް ވެރިވާން އުޅުނު ރޫތައް ރަގަޅުކޮށްލާފައި ހިނގައިގަނެވުނީ އެ ދެކުދިން ތިބި ދިމާލަށެވެ.

"މިއޮތް ވާރޭ ވެހިގަންނަނީނު. އެތެރެއަށް ވަދެލަންވީނު..." ސުކައިނާ ހިނިތުންވެލިއެވެ.

" ތި އޯގާތެރިކަމަަށްޓަކާ ޝުކުރިއްޔާ މެޑަމް ސުކައިނާ. އެކަމަކު އަޅުގަނޑުގެ ގެ މިހިރީ ޖެހިގެން. ގެއާއި ހަމަޔަށް ދެވިދާނެ.............." އާލިޔާ ލިބުުނު ފުރުސަތުގެ ބޭނުން ހިފާ ވަގުތުން ފިޔަވަޅުތައް އަވަސްކޮށްލައިފިއެވެ. ސުކައިނާ އަރްސަންއާއި ސުވާލުކުރުމުން ނިކަން ހަމަޖެހިލާފައި ބުނީ އޭނަ އާލިޔާ ބިރުގަންނަވަން ކޮށްލި ކަމެއްކަމަށެވެ. ސުކައިނާ ދަރިފުޅަށް ވިސްނައިދިނީ އެފަދަ އަމަލުތަކުން އަގު ވެއްޓިދާނެކަމުގައެވެ. މީޑިއާތަކުން އެމީހުންގެ ކޮންމެ ހަރަކާތަކަށް ފާރަލާއިރު ވިސްނަންޖެހޭނެ ކަމުގައެވެ. ޚާއްސަކޮށް ނިގާބީންނާ މެދުގައެވެ.

ޖިބްރީލް އަރްސަންއަށް އަޔާޒުއާއި އަދާގެ ގުޅުމެއްނެތްކަން ޔަގީންކޮށްދިނެވެ. އެކަމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހިތަށް ލިބުނެވެ.

***

އަޔާޒު އިސްތިޚާރާ ނަމާދުކުރުމުން އަދާއާއި ކައިވެނި ކުރުން ރަގަޅުކަމަށް ފެނުނެވެ. އަދާއާއިމެދު ގޮތެއް ނިންމުމުގައި އާލިޔާގެ ބާރުއެޅުންވެސް ހިމެނެއެވެ. އަދާގެ އަޚުލާގު ރަގަޅުވެފައި ދީނަށް އުޅެން ބޭނުންވާ ވަރުން ފަހަރެއްގައި ތެދުވެރި ވަފާތެރި ބައިވެރިޔަކަށް ވެދާނެކަމުގައި އާލިިޔާ ވަނީ ބުނެފައެވެ. ނަމަވެސް އޭނަގެ މި ނިންމުމާމެދު ޖިބްރީލް ހިތްހަމަނުޖެހި މައްސަލަ ޖައްސަފާނެއެވެ. އެކަމަކު އޭގެ އަނެއް ފަރާތަށްވެސް ވިސްނަން ޖެހޭނޫން ހެއްޔެވެ. އަދާ ހުރީ އަރްސަންއާއި ކައިވެނި ކުރާކަށް ނޫނެވެ. އެއީ އަދާ ބުނާގޮތުން އޭނަގެ މާޒީއެވެ. ޖިބްރީލްވެސް އޭނައަށް އިވުނު ޚަބަރެއް ޔަގީންކޮށްލަން އޭނަގެ ގާތުން އެހީއެވެ. މިންކާ ބުނާގޮތުން އަދާ ދިރިއުޅެނީ އޭނަ ގާތުގައި އެގޭގައެވެ. އޭނަގެ ދޮންބެވެސް އުޅެނީ އެމީހުންނާ އެކުގައެވެ. އަޔާޒް އެކިގޮތްގޮތަށް ޚިޔާލުކުރުމަށްފަހު އެންމެފަހުން ނިންމީ އަދާއާއި ކައިވެނި ކުރުމަށެވެ. އިތުރު ބަޔަކަށް އެންގުމުގެ މާނައެއް އޮތްކަމަކަށްވެސް އޭނަ ނުދެކުނެވެ. އޭނަ އަދާގެ ބައްޕައާއި ވާހަކަދެއްކީ އަމިއްލައަށެވެ. ވަލީހޯދަން އަޔާޒު އައުމުން އަދާގެ ބައްޕަ ކިތަންމެ ރުޅިއަޔަސް އޭނައަކީ ދުރުވިސްނޭ މީހަކަށްވީމަ އެއްބަސްވީއެވެ. ދަރިފުޅުގެ އުފަލަށްޓަކައެވެ. އަދި ގެއިން ނުކުމެގެންގޮސް އެފަދަ ބީރައްޓެހި ވެށްޓަކަށް ދިޔުމަށްފަހު އަދާއަށް ހެޔޮވިސްނި ފިލާވަޅެއް ލިބި އަނބުރާ ގެއަށް އައިސްދާނެކަމުގެ އުއްމީދުގައެވެ.

***

ޖިބްރީލްއަށް އަޔާޒު އެ ޚަބަރު ދިނުމުން ޖިބްރީލްގެ ހިތް ހުއްޓުނުފަދަ އިހުސާސެއް ކުރެވުނެވެ. ނަމަވެސް ވަރަށް އަވަހަކަށް ހަމަޔަކަށް އެޅުނެވެ. އަޔާޒް އެކަން ހިނގިގޮތް ކޮންމެވެސް ވަރަކަށް ކިޔާދިނެވެ. ޖިބްރީލް ކުރިން އެހިއިރު އޭނަ އަދާއާއި ކައިވެނިކުރަން ޚިޔާލުކޮށްފައި ނުވާކަމުގެ ޔަގީންކަން ދިނެވެ. ޖިބްރީލް ހަގީގަތުގައި އަޔާޒްގެ ފަރާތުން ބޭނުންވީ ކޮންކަމެއް ކަމެއް އޭނައަކަށް ނޭގުނެވެ. ޖިބްރީލް އެވާހަކަ ދެއްކުމުގެ މަގުސަދަކީ ކޮބާކަމެއް ނޭގުނެވެ. އަޔާޒް ދެކުނުގޮތުން އަރްސަންއާ އަދާގެ ކައިވެނި ރޫޅުނީއެވެ.

ޖިބްރީލް އާއި އަރްސަން ތިބީ ފަތާފެންގަނޑު ކައިރީގައެވެ. ރޯދަވީއްލުމަށްފަހު ދެމީހުން ރާޒުވާ ކުޅެން ތިބެފައި ޖިބްރީލް އެ ޚަބަރު ދިނީއެވެ. އަރްސަންއަށް ކެތް ނުކުރެވުނެވެ. ލޯ ފެންކަޅިވެގެން ދިޔުމާއެކު ކަރުނަތިއްކެއް ކޯތާފަތުން ފައިބައިގެން ދިޔައެވެ. އެއް އަތުން ފޮހެލިއެވެ. ބަގީޗާގައި ދިއްލާލާފައިވާ ބޮކީގެ އަލީގައި އަރްސަންގެ މޫނަށް ވެރިވި ހިތާމަވެރި އަސަރުތައް ޖިބްރީލްގެ ހިތްވެސް ހިތާމައިން ކަޅިކޮށްލިއެވެ.

"ސޭމް އައިމް ސޮރީ. އަހަންނަށް އަސްލު އަޔާޒްއަށް ޕްރެޝާ ނުކުރެވުނީ. އަޔާޒު ބުނި ބަހަށް އިތުބާރުކުރެވުމުން އިތުރަށް އެކަން ނުކުރާށޭ އަދާއާއި ވާހަކަދައްކައިގެން ނުވާނެއޭ ބުނެ މަޖުބޫރު ނުދެއްކުނީ. ކިހިނެއް އެނގޭނީ އަޔާޒް އަދާއާއި މެރީކުރަން ނިންމާނެކަމަށް. ދެމީހުންގެ މިޒާޖުވެސް އެހާ ތަފާތު..."

އިރުކޮޅެއްވާންދެން އަރްސަން ރާޒުވާގެ މަންތިރީގައި މަޑުމަޑުން ހިފަހައްޓާލައިގެން އިނދެފައި ޗެކްމޭޓް ކިޔާފައި ގޭމް ނިންމައިލިއެވެ. އޭނަ މޮޅުވިއިރު ހީލީ ކާމިޔާބުން ފުރިގެންވާ ގޮތަކަށެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ކާމިޔާބުވުމަށް އޭނަ މަސައްކަތް ކުރާނެކަން ޖިބްރީލް ދެނެގަތެވެ.

"ޑޮކްޓަރ އަޔާޒުއަށް މަރުހަބާ. ހީޒް ވަން ހެލް އޮފް އެ ލަކީ ގައި........" އަރްސަން ބުނެލިއެވެ.

"ސޭމް. އަދާ ކީއްވެ އެރޭ.........."

"ދޮންބެ. ބުނެފާނަން ސިކްރެޓެއް. ހުރިހާ މައްސަލައެއް ޖެހުނީ ދީނީ ޚިލާފުވުންތަކެއްގެ ސަބަބުން. އަދާ ބޭނުންވީ ކަައިވެނި ކުރުމުގެ ކުރިން ބުރުގާއަޅަން. އަޅުގަނޑަށް ވީގޮތަކީ އޭރު އިލާހަކުވާކަން ގަބޫލުނުކުރެވުނީ. މަރުވުމަށްފަހުވެސް ވާނީ ހަމަ ވިހެއުމުގެ ކުރިންހެން ހުސްކަމުގެ ތެރެއަށް މީހާ ދާނީއޭ ހިތަށް އެރީ. އަވަހަަށް ދުނިޔެއަށް ނާދެވިގެން އުޅުންފަދަ މީހާ އެގްޒިސްޓްވާފަދަ އެއްވެސް އިހުސާސެއް ނުހުންނަ ފަދައިން މަރުވުމަށްފަހުވެސް ހަމަ އެގޮތަށް ވާނެކަމަށް ގަބޫލުކުރީ. މިހާރު ޕޭޖުތައް ބަލަމުންގޮސް އެކަން ބަދަލުވެއްޖެ. މަރުވުމަށްފަހު ހަގީގަތުގައި ކަލަކު ވެއްޖެއްޔާ ވާނީ ކިހިނެއް؟ މުސްލިމުންނަށް ހުރިހާ ނަސީބެއް. އެތީސްޓުންނަށް ލަނޑެއް ލިބޭނީ. މިވާހަކަތައް ބަޔާންކުރަން ލިޔެފައި ހުންނަ ދީނީ ޕޯސްޓްތަކުން އެކަނިއެއްނޫން ލޯ ހުޅުވައިލެވުނީ. ވިސްނައިލީމަވެސް ކްރިއޭޓާއެއް ނެތި ދުނިޔޭގައި ވާހާ އެއްޗެއް އަމިއްލައަށް ނުއުފެދޭނެކަން އެނގިއްޖެ. ބިގްބޭންގް ތިއަރީއާއި އެއްޗެހިވެސް ދިރާސާކުރިން. ނައު އައި ބިލީވް އިން އޯލްމައިޓީ. ކުރިއަކުން ނުކުރަން. އެެހެންވެ އަދާ ރުޅިވީ......" އަރްސަން ބުނަމުން ދިޔައެވެ.

"ނަމަވެސް އަދާ އެހާ ލޯބިވިނަމަ އަހަންނަށް ވިސްނައިދޭން މަސައްކަތްކުރީސް..." އަރްސަން ހިތާމަވެރި ގޮތަކަށް ހިނިތުންވެލިއެވެ.

"ކޮންމެ ގޮތެއްވިޔަސް ފަސްޓް ލަވް ހިތުން ފިލައިގެނެއްނުދާނެ.." ޖިބްރީލް ބުނެލިއެވެ.

"އަހަރެން ކިހާ ސެލްފިޝް. ހަމައެކަނި އަމިއްލަ ނަފުސާމެދު ވިސްނަނީ. ދޮންބެއަށްވެސް ލޯބީގައި ނާކާމިޔާބު އެކަމަކު ސަޕޯޓްދިނުމެއް ނެތި އަމިއްލަ ހާލާމެދު ޝަކުވާކޮށް ހިތް ބަންޑުންކޮށްލެވެނީ. އެއްފަހަރުވެސް ދޮންބެގެ ހާލު އަހާނުލެވޭ. " އަރްސަން ހިތަށް އެތައް އެއްޗެއް އަރާ ފޭބިއެވެ.

"ފުރަތަމަ ލޯބި ކާމިޔާބެއް ނުވާނެއޭ ބުނަނީ ތެދެއްކަން އެނގިއްޖެ. މިގޭ އެއްވެސް ކުއްޖަކަށް އެ ނަސީބެއް ނުލިބުނު. ކޮބާ ދޮންބެގެ ގާލް. "

"އެކަން ހަދާން ނައްތާލައިފިން. މިހާރު ހުރިހާ ކަމަކަށްވުރެ މުހިއްމީ ކެރިއާ. ޕޭޝަންޓުން. އިންސާނީ ޚިދުމަތަށްވުރެ އެހެން ކަމެއް އިސްކުރާކަށް ޚިޔާލުގައި ނެތް. ޔޫ ނޯ ވަޓް؟ ހިތާމަތަކުން އަރައިގަންނަން އެންމެ މޮޅު އުކުޅަކީ ވީހާވެސް ބިޒީކޮށް މަސައްކަތުގައި ދެމިހުރުން. އޭރުން ހިތާމައަށް ޖާގައެއްނެތް. ސޭމްވެސް ކޮންމެވެސް ކަމެއް ފަށާ...." ޖިބްރީލް ސޯފާގައި ހަމަޖެހިގެން ލެނގިލިއެވެ.

"ވަރަށް އަވަހަށް. ދޮންބެވެސް ފުރުމުގެ ކުރިން ސަޕްރައިޒެއް ދޭނަން...."

އޭނަދެން މަޝްހޫރުވާނީ ރައީސްގެ ދަރިފުޅުގެ ގޮތުގައެއް ނޫނެވެ. ބޮޑު ކުންފުންޏެއްގެ ސީއީއޯގޮތުގައެވެ. އެންމެންވެސް ގަދަރުކުރާ ޒުވާން ބިލިއަނަރެއްގެ ގޮތުގައެވެ. ސިޔާސީމީހުން މުށުތެރޭ ލެވޭފަދަ ނުފޫޒުގަދަ މީހަކަށް އޭނަވާނެއެވެ. އަދި ބޭނުންގޮތަކަށް ގައުމުގެ ކަންތައްވެސް ހިންގާނެއެވެ. ޒާތީ ދިރިއުޅުމާއިމެދުވެސް އުދަގޫ ނިންމުންތަކެއް އޭނަ ނިންމަން އެބަޖެހެއެވެ.

އެންމެ ކުރިން އޮތީ އަދާއެވެ.

އޭނަ އަދާ ދުރަށް ދިޔަކަނުދޭނެއެވެ.

ބޭވަފާތެރި ކެހިވެރިއަކަށް ވެ އޭނަގެ ދިރިއުޅުން ނިންމާލިކަމުގެ ސަޒާ އޭނަ ދޭނީ އެހެން ގޮތަކަށެވެ. ސަބަބަކީ އަދިވެސް ހިތުގައި އަދާއަށްޓަކާ ހަމަ އެވަރަށް ލޯބިވާތީއެވެ. އޭނަ މާޒިންގެ ހުށަހެޅުން ގަބޫލުކުރާނެއެވެ. އާލިޔާއާއި ކައިވެނިކޮށްގެން އެމީހުންގެ ދިރިއުޅުމަށްވަދެ އަދާއަށް ދުވަހަކު އޭނަގެ ފަރާތުން ސަލާމަތްވުމުގެ ފުރުސަތު ނުދޭނީއެވެ. ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލުކުރިޔަސް ވަކި ދީނަކަށް އުޅުން ލާޒިމުކަމަކަށް އޭނަ އަދި ނުދެކެއެވެ. އޭނަދެކޭ ގޮތުން މުސްލިމުން ހިސާބަށްވުރެ ހަރުކަށީއެވެ. އާލިޔާއައި އަޔާޒް ނިސްބަތްވަނީ ހަރުކަށި ފިކުރަށެވެ. މާޒިން ބުނާހެން މިފަދަ މީހުން ނުހުއްޓުވައިފިނަމަ މުޖުތަމައަ ފަސާދަވެދާނެއެވެ. އޭނަގެ ބައްޕަވެސް މަސައްކަތް ކުރައްވަނީ ސެކިއުލާ ވެރިކަމެއް ރާއްޖެއަށް ގެނައުމަށެވެ.

***

ބޯ ވިލާތަކުން އުދަރެސް ފޮރުވާލަފައިވާއިރު ދުނިޔެމަތި ރޭގަނޑުހެން ކަޅުކޮށްލާފައިވިއެވެ. ވައިގެ ރުޅިވެރި ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ގަސްތަކުގެ ގޮފިތައް އެކަތި އަނެކައްޗާއި ޖެހޭ އަޑު ފަޒާގައި ހަރުލާފައިވިއެވެ. މޫސުން ގޯސްވެފައިވާއިރު ސްކައިޕެލެސްގެ ސިޓިންރޫމްގައި ތިބެ ފުޅާ ބިއްލޫރި ދޮރުތަކުން އެ މަންޒަރު ބަލައިލަން ނިކަން ހިތްގައިމެވެ. މައިމޫންގެ ހަތަރު ދަރިން ސޯފާތަކުގައި ތިބިއިރު މާޒިން ރާހިލް ނުފެންނަކަމަށް ބުނެ ޝަކުވާކުރަމުން ދިޔައެވެ.

"ބިޒީކޮށް ރިޒޯޓް ހެދުމުގައި މިއުޅެނީ.." ރާހިލް އެންމެފަހުން އެއްބަސްވިއެވެ.

"ރެކޫންއާއެކު ވެސް ހާދަ ފެނެއޭ. ބެސްޓީތަ؟ "

"އޭނަގެ ނަމަކީ ރެކޫންއެއް ނޫން. ރުކުން. އަރަބި ރީތިނަމެއް. ޒިން ރޭސިސްޓްނުވޭ...." ރާހިލް ބުމައަރުވާލަމުން ހިނިތުންވެލިއެވެ.

"މަންމަ އަބަދުވެސް ކުކީގެ ސޮފްޓް ހާޓްގެ ވާހަކަ ބުނޭ. ޚާއްސަކޮށް ކުޑައިރު ނިކަމެތިކުދިންނާއިި ޑިސްއޭބްލްޑް ކުދިންނާ އެކުވެރިވާ ވާހަކަވެސް ކިޔާ. އެހެންވެދޯ މިހާރު ބަންގްލާދޭޝްކުދިންނާއެކު ތިއުޅެނީ. އަދި ކޮންމެވެސް މީހަކު ބުންޏޭ ޑޮޓުންނާއެކުވެސް ފެނެއޭ. އެއީ ތެދެއްތަ؟ " މާޒިން އެއްލޯ ކުޑަކޮށްލިއެވެ.

"ސީރިޔަސްތަ؟ " ޖިބްރީލްވެސް އެހިއެވެ. އެންމެން އެވާހަކައަށް ސަމާލުވިއެވެ.

"ތިކަމެއް ނޭގޭ. ރާހިލްގެ ނަމުގައި އެތީސްޓް ޕޭޖްތައް އެބަ ހިންގާ. އިވޭހާ އަޑުތައް ގަބޫލުނުކޮށްބަލަ. މިއުޅެނީ ބައްޕަމެންގެ ހިޔަނިން ނުކުމެ އަމިއްލަ ފައި މައްޗަށް ތެދުވާން. އެދުވަހަކުން ހަގީގަތް ދުނިޔެއަށް ހާމަވާނެ. ފަސާދަ ވާހަކަތައް ނޭހުން ބުއްދިވެރި ޒިން..." ރާހިލް ބުނެލިއެވެ.

"އޯ. ހާދަ މެޗުއާ ވެއްޖެއޭ. ކޮބާ ކުރިން މިގޭގައި އުޅުނު ހަލަނި ކުކީ...."

"އޭނަ މަރުވެއްޖެ.." ރާހިލް އެއް ލޯ މަރައިލިއެވެ.

"ދެން ޖިންސްގެ ފައި ކުރުކޮށްނުލައްޗޭ...." މާޒިން ހޭންފެށިއެވެ.

"ދީނުގައި އޮތީ އެހެން ކަމަށްވަންޏާ އެއިން ކޮންމެ ކަމެއް ކުރަން މިހިރީ...." ރާހިލް ޖިންސްގެ ފައިކުރި އޮޅަންފެށިއެވެ."ދެން ފަަހަރަކުން ފެންނާނީ އިސްތަށިގަނޑު ދިގުކޮށް ތުނބުޅި ވެސް ޖަހާލާފައި......އޭރުން ކިހިނެއްވާނީ...."

"ކޮޕީކެޓް. ތިއްތިއާއި ވާދައަށްތަ؟ " މާޒިން ވެސް އަނގަޔަށް ގޮތެއްހެދިއެވެ.

"ހިޒް އިންޓެންޝަން އިޒް ޑިފެރެންޓްއެއްނު..." ރާހިލް ކަތި ނަޒަރަކުން އަރްސަންގެ މޫނަށް ބަލައިލިއެވެ.

އަރްސަން މޫނު ހަދައިލިއެވެ. ޖިބްރީލްއަށް އެކަން ފާހަގަވިއެވެ. އެދެކުދިންގެ ދޭތެރޭ ހިނގި އަރައިރުމުގެ ސަބަބު ފުރަތަމަ ފަހަރަށް ޖިބްރީލްގެ ހިތުގައި ބިރުވެރިކަމާއެކު ހިނގައިގަތެވެ. ހަގީގަތުގައިވެސް ދީނީ ފިކުރުތައް ތަފާތުވެ އާއިލާތެރޭވެސް ބައިބައިވުން އުފައްދަންފެށީއެވެ. މިއީ ކިހާ ލޯބިން އެކީ އުޅުނު އާއިލާއެއް ހެއްޔެވެ؟

ޖެހި ބާރު ގުގުރިއައީ އިންޒާރެއްފަދައިންނެވެ. ކަޅު ދެލިގަނޑެއްހެން އޮތް އުދަރެހުގައި ހުދު ރޮގުތައް ކެނޑިގެން ދިޔައީ ކަރުދާސްގަނޑެއް ފަޅައިގެންދާ ފަދައިންނެވެ. ސުކައިނާ ތައިމޫރުގެ ދޮށީ އަނބި ސޯފިއާއާއި ފޯނުން ވާހަކަދައްކަމުން ހުރެ ތިރިއަށް އައެވެ. ޖިބްރީލްގެ ފެއާވެލް ވީހާ ކުލަގަދަކޮށް ބާއްވަން އޭނަވަނީ ނިންމާފައެވެ. ތައިމޫރުގެ ދަރިފުޅުވެސް ޖިބްރީލްއާއެކު ދާތީ ދެކުދިންގެ ފެއާވެލް އެއްކޮށް ބޭއްވުމުން ނޫސްތަކުގެ ހެޑްލައިން ފަޅުފިލާނެއެވެ. ގައުމު ހިންގަން ތިބި މީހުންގެ ދަރިންގެ ގާބިލުކަމުގެ ވާހަކަ ދެކެވޭނެއެވެ. އޭނަ އެންމެ ފަޚުރުވެރިވަނީ ޖިބްރީލްއާއިމެދުގައެވެ. އެކަމަކު އެ ދަރިފުޅު މިވީހާ ދުވަހު އޮތީ ގެންގުޅޭ ދަރީގެ ގޮތުގައި ނަންވެފައެވެ. އެންމެނަށް ހަގީގަތް ފާޅުކޮށްދޭން ބޭނުންވިޔަސް ރައީސްގައިގާ ހުުތުރު ލައްގަނޑެއްވެސް ޖެހިދާނެއެވެ.

ސުކައިނާ ވާހަކަދައްކަމުން ނުކުމެ ކައުޗްގައި އިށީދެ ކުޝަންއެއް އުނގަށްލިއެވެ. ފޯނު ބާއްވާފައި ދަރިންނަށް ސަމާލުކަން ދޭން އުޅުނުތަނާ ދެވަނަ ފޯނެއް އައެވެ. ސުކައިނާ އެވާހަކަތައް އަހަން އިންއިރު މޫނުގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ.

"އެހެންތަ؟ އާނ އަހަރެމެންގެ ހޮސްޕިޓަލުގައި ކީއްކުރަން މިގައުމުގެ އެއްވެސް ތަނެއްގެ ވަޒީފާގައި ނުހުރެވޭނެ. އެލައިސަން ގަނޑުވެސް ބާތިލުކުރުވާނަން..." ސުކައިނާގެ މޫނު ރުޅިންގޮސް ރަތްވިއެވެ. "މަގޭ ފުރާނަފަދަ ދަރީގެ ހިތުގައި ޖައްސާފައި އުފަލުން ހުރެވުނަކަ ނުދޭނަން...."

މާޒިންއާއި ރާހިލްއާއި ދެބެން އަމިއްލަ ވާހަކަތަކެއްގައި ތިބުމުން މަންމަގެ ވާހަކަތައް ފަހުން ނުވިޔަސް އަރްސަންއާއި ޖިބްރީލްއަށް ނަގައިގަނެވުނެވެ. މަންމަ އެބުނީ ޑޮކްޓަރ އަޔާޒުއަށް ދޭން އަދަބުގެ ވާހަކައެވެ. ލައިސަންސް ބާތިލުކުރުވަން އޭނަގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުވުމަކީ ސްކައި ޕެލެސްއަށް ބޮޑުކަމަކަށް ނުވާނެއެވެ. އެއީ ޖިބްރީލްއަށް އަޑުއަހަން ފަސޭހަވި ވާހަކައެއް ނޫނެވެ. އެއްކޮޅުން އެންމެ ގާތް އެކުވެރިޔާއެވެ. އަނެއްކޮޅުން އެންމެ ލޯބިވާ ކޮއްކޮއެވެ. ވަކި ކޮޅަކަށް ބުރަވުން ފަސޭހައެއް ނޫނެވެ. އެއްވެސް މީހެއްގެ ފަރާތުން ބަދަލުހިފުމަކީ އޭނަގެ އުސޫލެއްނޫނެވެ.

***

އަޔާޒްއާއި އަދާގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ ވަރަށް ސާދާކޮށެވެ. އެއްވެސް ދެއްކުންތެރިކަމެއް ނެތެވެ. ނަމަވެސް އާއިލާ މީހުންނާއި އެކުވެރިންނަށް ސަޔެއް އޮތެވެ. ގާޟީ ކައިވެނިކޮށްދެއްވުމުން އަދާގެ ހިތުގައި އެހެން ކަހަލަ އަސަރުތަކެއް ހިނގައިގަތެވެ. އަޔާޒްފަދަ ބީރައްޓެހި ނުވެސް ދަންނަ ސީރިޔަސް މިޒާޖުގެ މީހަކާއެކު ކައިވެނީގެ ގޮށް ޖެހުމުން ދެންވާނީ ކިހިނެއްހެއްޔެވެ. އަރްސަންގެ ހަދާންތައް ކުޑަކޮށް ހިތުގެ ކަނަކުން އުދަގޫކޮށްލިއެވެ. ކުށްވެރިކަމުގެ އިހުސާސް ހިނގައިގަތެވެ.

"މާފުކުރޭ އަރްސަން. އައި ލަވްޑް ޔޫ. އެކަމަކު އެލޯތްބަށްވުރެ އިސްކުރެވުނީ ދީނީ ލޯބި.." އަދާ ހިތާ ހިތުން މާފަށް އެދުނެވެ. ލޮލުން ކަރުނަ ނިރައިލިއެވެ.

***

އާލިޔާވެސް ހިނިތުންވެލިއެވެ. އަމިއްލަ ކައިވެނި ކުރެވުމުން ވާނީވެސް މިހާ ބޮޑުއުފަލެއް ހެއްޔެވެ؟ އޭނަގެ ދޮންބެގެ އެކަނިވެރިކަން ފިލާ އަޅާލާނެ ހަޔާތުގެ ބައިވެރިޔެއް އެތައް އަހަރަށް ފަހު އެލިބުނީއެވެ. އޭނަ ހެޔޮ ދުޢާކުރިއެވެ. ދެމަފިރިންނަށް ބަރަކާތްލެއްވުމަށާއި ސާލިހު ދަރިން ދެއްވުމަށްވެސް އެދުނެވެ.

"އާލިޔާ. މިކަންވެސް މިނިމުނީ.....ދެން އޮންނާނީ މާޒިންއާއި އާލިޔާގެ ފަހަރު.." މިންކާ އާލިޔާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އަތަށް ލައްވާފައި ހުރި ތުނި އަންގިންވެސް މިންކާގެ އަތުގެ ފިނިކަން އިހުސާސްވިއެވެ.

"ސަބަބަކީ މިހާރު އަރްސަންއާއި އަހަންނާ ދޭތެރޭ އެކަކުވެސް ނެތް.."މިންކާ ވިސްނައިލިއެވެ. އަރްސަންމަތިން ހަނދާންވުމުންވެސް މުޅި ހަށިގަނޑު ގަނޑުފެންކޮޅެއްހެން ފިނިވެގެން ދެއެވެ.

ކުއްލިއަކަށް ފޯނަށް އައި މެސެޖަކުން އާލިޔާގެ އުފާވެރިކަން އެއްކޮށް ދަމައިގަތެވެ. އަރްސަންއޮތީ ކައިވެންޏަށް ހުށަހަޅާ މެސެޖްކޮށްލާފައެވެ. އަދި ގުޅާފައި ބުނެލި ޖުމްލައިން އޭނަގެ މުޅީ ވުޖޫދު ގަނޑުކޮށްލިއެވެ. އަރްސަން އާއި ކައިވެނި ކުރުން ނޫން ދެވަނަ އެއްވެސް މަގެއް އޭނައަކަށްވެސް ނެތެވެ. ނަފްރަތުކުރާ މީހަކާއި ކައިވެނި ކުރުމަށްވުރެ ބަދުނަސީބުކަމެއް އަންހެންކުއްޖެއްގެ ތަގުދީރުގައި ލިޔުއްވާފައިވާނެ ކަމެއް ނޭގެއެވެ. އެކަމަކު އޭނަ އިސްތިޚާރާކުރާނެއެވެ. އޭނަ މިހިރީ ކޮންމެ އުދަގުލަކާއި ބުރައެއް އުފުލަން ތައްޔާރަށެވެ. އެންމެ ފަހަރަކުވެސް އޭނަ ކުޅަދުންވަންތަ މާތް ރަސްކަލާނގެ އާޔަތްތަކުގެ މަތިން ހަދާން ނައްތައެއް ނުލާނެއެވެ. މި އާޔަތުންވެސް ހިތަށް ލިބިގެން ދިޔަ ފިނިކަން ބުނެދޭކަށް ނޭގުނެވެ.

" فَإِنَّ مَعَ الْعُسْرِ يُسْرًا ޝުއަލީ ވިތް ޑިފިކަލްޓީ ކަމްސް އީޒް..."

"ފާޑުފާޑަށް އިންޒާރުދޭނެ ކަމެއްނެތް. މެރީކުރަންޏާ ކުރޭ. ދެމީހުންނަށް އުދަގޫވާނީ ހަމައެއްވަރަށް.." އާލިޔާ ނުރުހުމާއެކު ބުނެލިއެވެ.

"ކާކު؟ " މިންކާ އެހިއެވެ.

ނުނިމޭ