22 Dec 2011, 16:49
މަސްތުވާތަކެތި ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވި މީހަކު 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މަސްތުވާއެއްޗެއް ބޭނުން ކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވެ، 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ ވ. ހަފޮޅު ފާތިމަތުގެ މައްޗަށެވެ.
ފާތިމަތުގެ މައްޗަށް ނިޔާ ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އޮކްޓޯބަރު 10 ، 2009 ވަނަ އަހަރު އޭނާ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަޅާފައި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އޭނާގެ އަތުގައި އެ ޕެކެޓް އޮތްކަން ހެކީންގެ ހެކިބަހުންނާއި ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
މީގެ އިތުރުން ސެޕްޓެމްބަރު 16 ،2010 ދުވަހު ވެސް ފާތިމަތުގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ފެނިފައިވާ ކަމަށެވެ. އެ ދުވަހު އޭނާގެ އަތުގައި އެ ޕެކެޓް އޮތްކަން ހެކީންގެ ހެކިބަހުންނާއި ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ އެއް ވަނަ ނަންބަރާއި ހަވާލާދީ ހަމަ އެ މާއްދާގެ (ބ) ގެ ދަށުންނެވެ.
މީގެއިތުރުން ދައުލަތުން އޭނާގެ މައްޗަށް ކުރި ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރެސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދެ ދައުވާ ވަނީ ސާބިތު ނުވެފައެވެ.
ގާޒީ ވިދާޅުވީ އެ ދެ ދައުވާ ސާބިތުވެފައި ނުވަނީ ފާތިމަތުގެ ކުޑަކަމުދާ ތަކެތި ނެގުމުގައި އިޖުރާއީގޮތުން ފުރިހަމަ ކުރަންޖެހޭ ކަމެއް ފުރިހަމަ ކޮށްފައި ނުވާތީ ކަމަށެވެ.