އައްޑޫ ހެރެތެރެ ރިސޯޓުގައި ކަރަންޓީނުކޮށްފައި ތިއްބާ ފިލި ފަސް މީހުންގެ ތެރެއިން ނުފެނި ބާކީ ތިބި އިތުރު ދެ މީހަކު ހޯދާ ފުލުހުން އެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ ބުނެފައިވާ ގޮތުގައި ފިލި ފަސް މީހުންގެ ތެރެއިން ތިން މީހަކު ރޭވަނީ ހޯދައި ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، ބާކީ ތިބި މީހުން ފުލުހުން ވަނީ ހޯދައި މިހާރު ހައްޔަރުކޮށްފަ އެވެ. އެ މީހުން ހައްޔަރު ކުރީ މިއަދު ފަތިހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހެރެތެރެ ރިސޯޓްގައި ކަރަންޓީނު ކުރަނީ މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން، އައްޑޫ އަދި ފުވައްމުލަކަށް ދިޔަ ފަރާތްތަކެވެ. ފިލާފައި ވަނީ އައްޑޫ އަދި ފުވައްމުލަކަށް ނިސްބަތްވާ ބައެކެވެ.

މާލޭގައި ތާށިވެފައި ތިބި އެހެން ރަށްރަށުގެ މީހުން ގެންދިޔުމުގެ އުސޫލެއް އެކުލަވާލައި އެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީނު ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ. އެ ބާރުގެ ދަށުން ކަރަންޓީނު ކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ޖިނާއީ ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ދެއްވައިފަ އެވެ.

އެޗްޕީއޭއިން އަންގާފައިވާ ގޮތާ ހިލާރަށް ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ހުއްދައާ ނުލައި ދަތުރު ކުރާ މީހުންވެސް ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.