07 May 2020, 11:06
"ބަގީޗާއިން މޭވާ ބިނދެ ގެނައުމަށް ފުދޭ ވަރުގެ ވަގުތު ލިބޭނެ ތަ ތިޔަ ދަތުރުގެ ކުރީން. ނުވަތަ އެ ކަން ތިޔަ ދަތުރު ގޮސް އައުމުގެ ފަހަށް ލަސް ކޮށް ލާނީ ތަ؟" ކަޢުބުގެ އަންހެނުން ސުވާލު ކުރިއެވެ.
"މޭވާތައް ފީވެދާނެ ކަމުގެ ބިރު އެބަ އޮތް. އެހެންވީމާ އެންމެ ފުރަތަމައަށް އެކަން ކުރާނީ. ﷲއާ ވަކީލް." ކަޢުބު ބުންޏެވެ.
އަނބިމީހާއާ ވާހަކަ ދައްކާން ހުރުމަށް ފަހު ކަޢުބު ގެއިން ބޭރަށް ނުކުތެވެ. މަގުމައްޗަށް ނުކުތް ތަނާ، ހަނގުރާމައިގެ ދަހަނާ އަޅައިގެން އައިސްއައިސް މީހަކު ކަޢުބުއަށް ސަލާމް ގޮވައިލިއެވެ.
"އައްސަލާމު ޢަލައިކުމް!"
"ކާކު! އަބޫޤަތާދާ ތަ؟ ބޮޑުބޭބެގެ ދަރިފުޅު! ޥަޢަލައިކުމުއްސަލާމް ޥަރަޙްމަތު ﷲ ޥަބަރަކާތުހޫ." ކަޢުބު ސަލާމް ބަލައިގަތެވެ.
"ކޮބާ، ތަބޫކަށް ދިއުމަށް ތައްޔާރު ވެއްޖައިން ތަ؟" އަބޫޤަތާދާ ސުވާލު ކުރިއެވެ.
"އަހަންނަށް ހީވަނީ އަދި ވަގުތު އެބަ އޮތް ހެން. ލަޝްކަރު ތައްޔާރު ވުމާއި ފުރުމަށް. އެހެންވެ ގޭގެ ބައެއް ކަންކަން ކޮށްލަން އަދި މި އުޅެނީ." ކަޢުބު ޖަވާބު ދިނެވެ.
"ކަޢުބު! ހަގީގަތުގައި ވަގުތެއް ނެތް. ވީމާ ތިޔަ ހެން ލަސް ނުކޮށް މި ކަމުގައި އަވަސް ކުރުމަށް ނަސޭހަތްތެރި ވަން. ﷲގެ އަދުއްވުން ނުތިބޭނެ އަހަރެމެން ތައްޔާރު ވާނެ ހައި އިރަކުން ތައްޔާރު ވެގެން އެމީހުން ގާތަށް ދާން ދެނެއް. އެމީހުންގެ ލަޝްކަރު މަދީނާއާ ހަމަޔަށް އައުމުގެ ކުރީން ގޮސް ތަބޫކާ ހަމައިން އެމީހުން ހުއްޓުވުން އަހަރެމެން ބޭނުން ވަނީ." އަބޫޤަތާދާ ބުންޏެވެ.
"އަޚާ! މިއީ ދިގު ދަތުރެއް. ދަތުރުގެ ކޮއްތު ތައްޔާރު ކުރުމާއި އަދި އެހެނިހެން ކަންކަން ވެސް ހުންނާނެ. އެންމެ ފުރަތަމައަށް އަހަރެން މި އުޅެނީ އަހަރެމެންގެ ދަނޑުން މޭވާތައް ބިނދެ، ދަނޑުގެ މަސައްކަތްތައް ނިންމާލަން. އެއަށް ފަހު ތަބޫކަށް ދިއުމުގެ ކަންތަކާ އަހަރެން އުޅޭނަން." ކަޢުބު ބުންޏެވެ.
އެހެންް ބުނެފައި ކަޢުބު ދިޔައީ އޭނާގެ ކަދުރު ރުއްތަކުން ކަދުރު ކަނޑާށެވެ. ކަދުރުތައް ކަނޑައި ގޯނިތަކަށް އަޅައި ނިންމާލެވުނީ މާ އަވަހަކަށް ނޫނެވެ. ގޯނިތަކަށް ކަދުރު އަޅައިގެން ދެ ހިމާރެއްގެ މައްޗަށް ކަދުރު ގޯނިތައް އަރުވައިގެން ގެއަށް ގެނައުމަށް ފަހު ކަޢުބު އޭނާގެ އަންހެނުންގެ ގާތުގައި ބުންޏެވެ.
"ތީގެ ތެރެއިން ކަދުރު ވަށްޓަކަށް އަޅާ. އަހަރެެން ތަބޫކަށް ދާ ދަތުރު މައްޗަށް. ވަށްޓަށް އަޅާ އިރު، ބޮޑަށް ދޮން ވެފައި ހުރި ކަދުރު ބަހައްޓާނީ މަތީގައި. އޭގެ އަޑީގައި އަނެއް ބައި."
"އެއީ ކީއް ކުރަން؟" ކަޢުބުގެ އަންހެނުން ސުވާލު ކުރިއެވެ.
"އޭރުން ހަލާކު ނުވެ ގިނަ ދުވަހު ބެހެއްޓޭނީ. އަދި ނަގާ އިރު ވެސް ފުރަތަމަ ނެގޭނީ ބޮޑަށް ދޮން ވެފައި ހުރި ބައި. އަވަހަށް ހަލާކު ވާނީ ވެސް އެ ބައި." ކަޢުބު ބުންޏެވެ.
"މައްސަލައެއް ނެތް. ތިޔަ ކަންތައް އަހަރެން ކުރާނީ ހަމަ ތިޔަ ބުނި ގޮތަށް." ކަޢުބުގެ އަންހެނުން ބުންޏެވެ.
އެ ވަށްޓަށް ކަޢުބު ބުނި ގޮތަށް ކަދުރު އަޅައި ނިމުމުން ކަޢުބު އޭނާގެ އަންހެނުންނަށް ބުންޏެވެ.
"އަދި ވެސް އެއް ވަށި ގެނޭ."
"ދަތުރު މައްޗަށް ދެ ވަށީގެ ކަދުރު ގެންދަނީ ތަ؟" ކަޢުބުގެ އަންހެނުން އެހިއެވެ.
"ނޫން. ދަތުރު މައްޗަށް ގެންދާނީ އެއް ވަށި. އަނެއް ވަށި އެއީ ގޭގެ އަހުލުވެރީން ކެއުމަށް. ގޭގެ އަހުލުވެރީން ކައިބޮއި ހަދާނެ ތަކެތި ގޭގައި ހުރިކަން ފުރުމުގެ ކުރީން ކަށަވަރު ކުރާން އަހަރެން ބޭނުން. ގޯނިތަކުގައި ހުރި ކަދުރުން ކަދުރު ނަގާނީ ވަށްޓަށް ނެގި ކަދުރު ހުސްވެއްޖެ ނަމަ." ކަޢުބު ބުންޏެވެ.
ކަދުރު ގޯނިތައް ރަނގަޅަށް ގުދަަންކޮށް ގައިންތާހިރު ވެ، ފެންވަރައިގެން ކަޢުބު ނުކުތީ ތަބޫކަށް ދިއުމުގެ ދަތުރަށް ތައްޔާރު ވުމަށެވެ. ހަނގުރާމައިގެ ދަހަނާ އެޅުމުގެ ކުރީން ކަޢުބު ބޭރަށް ނުކުތީ ލަޝްކަރު ޖަމާވާން އެންގެވި ހިސާބަށް ގޮސް ދަތުރުގެ ތައްޔާރީތައް ދިޔަ ހިސާބެއް ބަލައިލުމަށެވެ.
އެހެންނަމަވެސް ކަޢުބު ގެއިން ބޭރަށް ނުކުތް އިރު ވެސް މަދީނާގެ ލަޝްކަރު ފުރައިފިއެވެ. މަދީނާގައި ތިބީ މުނާފިގުންނާއި ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަކުދީންގެ އިތުރުން މަދީނާ ބެލެހެއްޓުމަށް ބޭތިއްބެވި ހުއްރާސުންނެވެ.
ލަޝްކަރުގެ ތައްޔާރީތައް ކުރިޔަށް ގެންދާން ހަމަޖެހިފައި އޮތް މައިދާނަށް ކަޢުބު ނުކުތް އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މި ކަމާ ކަޢުބު ހައިރާން ވިއެވެ. އެހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރު ވެގެން ލަޝްކަރު ފުރައިފާނެ ކަމަށް ކަޢުބު ހިއެއް ނުކުރެއެވެ.
"އަނެއްކާ!! އެއްވެސް މީހަކު މި ތަނުގައި ނެތީ ކީއްވެ؟ ލަޝްކަރު ފުރީ ބާ؟" ކަޢުބުއަށް ބުނެވުނެވެ.
"އޭ ކަޢުބު! އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ތަ ތިޔަ ދަނީ؟ ނުވަތަ ތިބާގެ ޅެންތަކުގެ ތެރެއަށް ގަސީދާއެއް އިތުރު ކޮށްލަނީ ތަ؟" ޝުރައިޙު ބުންޏެވެ.
"އެއްމެން ފުރައިގެން ދިޔައީ ތަ؟" ކަޢުބު ޝުރައިޙާ ސުވާލު ކުރިއެވެ.
"އާނ. އެއްމެން ފުރައިގެން ގޮސްފި. އަހަރެންނާއި ކަލޭ ފަދަ އުޒުރުވެރީން އެކަނި މަދީނާގައި މަޑުކޮށްގެން މި ތިބީ." ޝުރައިޙު ބުންޏެވެ.
"ކަލޭގެ އުޒުރަކީ ކޮބާ؟ ކަލެއަކީ ހަނގުރާމަ ކުރެވޭ އުމުރުގެ މީހެއް." ކަޢުބު އެހިއެވެ.
"އަހަރެން މަޑު ކުރީ އަހަރެންގެ ބަލި މަންމަ ބެލުމަށް." ޝުރައިޙު ބުންޏެވެ.
"މިދިޔަ އަހަރު ކަލޭގެ މަންމަ މަރުވެއްޖެއެއް ނޫން ތަ؟ އަހަރެމެން ކަލެއަށް ތައުޒިޔާ ކިޔާން ދިޔަ ހަނދާން ވެސް ވޭ." ކަޢުބު ބުންޏެވެ.
"އަހަރެން މަންމައޭ މި ބުނީ އަހަރެންގެ މަންމަ ފަރާތު ބޮޑުދައިތައަށް. އެއީ އަހަރެންގެ މަންމަގެ މަގާމުގައި އިން ދައްތައެއް." ޝުރައިޙު ބުންޏެވެ.
"އޭނާގެ ދަރީންނެއް ނެތް ތަ؟" ކަޢުބު އެހިއެވެ.
"މިކަމުގެ ތެރެއަށް ވަދެ، ތަހުގީގު ތިޔަ ކުރަނީ ކީއްވެ؟ ކަލެއަކާ ބެހޭ ކަމެއް ނޫން. އަހަރެންގެ ޒާތީ ކަންކަމަކީ. ކަލޭ ވެސް ތިޔަ ހުރީ އުޒުރަކާ ނުލައި މަދީނާގައި މަޑުކޮށްގެންނެއް ނޫންތަ؟" ނުރުހުމުގެ ރާގެއްގައި ޝުރައިޙު ބުންޏެވެ.
"ނޫން. އަހަރެން ތަބޫކަށް ނުދާކަށް ނޫޅެން. އަހަރެން މި ނުކުތީ ވެސް ލަޝްކަރުގެ ތައްޔާރީތައް ދަނީ ކިހިނެއްތޯ ބަލާން. އަހަރެން ހީ ކުރީ އެމީހުން އަދިވެސް ތިބޭނީ ތައްޔާރުވުމުގައި ކަމަށް." ކަޢުބު ބުންޏެވެ.
"އެހެންތަ؟ ތިޔައީ ހާދަ ރަނގަޅު އަދި ދެކޮޅު ޖެހޭ ވާހަކައެކޭ. ކަލޭ ގެއަށް ގޮސް ދަހަނާ އަޅައިގެން ކިތައްމެ ބާރަށް ދިޔަޔަސް ކަލެއަކަށް އެމީހުން އަތުނުވާނެ. ލަޝްކަރު ފުރައިގެން ދިޔަ ފަހުން ހަތަރު ދަމަށް ވުރެ ގިނަ އިރުވެއްޖެ." މަލާމާތުގެ ރާގެއްގައި ޝުރައިޙު ބުންޏެވެ.
*****
"ސާހިބާ! މުސްލިމުންގެ ބޮޑު ލަޝްކަރެއް މަދީނާއިން ތަބޫކަށް ދިއުމަށް ފުރައިފި." އަސަދު އޭނާގެ ސާހިބާއަށް ދެންނެވިއެވެ.
"އެއީ ކިހިނެއް؟ އަހަރެމެން މި ތިބީ އެމީހުންނާ ހަނގުރާމަ ކުރުމަށް ލަޝްކަރު އެކުލަވާލައިގެން އައިސް. އަހަރެމެންނަށް މަދީނާއާ ހަމަޔަށް ދެވުމުގެ ކުރީން މުސްލިމުންނަށް އާދެވޭން ވީ ކީއްވެ؟" ލަޝްކަރުގެ ވެރިޔާ ސުވާލު ކުރިއެވެ.
"އެމީހުންނަށް ޚަބަރު ލިބުނު ގޮތެއް. އަދި އެހާ އަވަހަށް ތައްޔާރު ވެގެން މަދީނާއިން ފުރި ގޮތެއް އަހަރެމެންނަކަށް ނޭނގޭ. އެކަމަކު އަހަރެމެންނަށް ޚަބަރު ފޯރުކޮށް ދޭ މީހުން ވަނީ މަދީނާއިން މިހާރު ލަޝްކަރު ފުރައިފާނެ ކަން ކަށަވަރު ކޮށްދީފައި." އަސަދު ބުންޏެވެ.
"ލަޝްކަރުގައި ބައިވެރި ނުވެ މަދީނާގައި ތިބީ ހަނގުރާމަ ކުރާ އުމުރުގެ ކިތައް މީހުން ތަ؟" ލަޝްކަރުގެ ވެރިޔާ އެހިއެވެ.
"އަށްޑިހަ އެތައް މީހެއް." އަސަދު ޖަވާބު ދިނެވެ.
"އެމީހުންގެ ތެރެއިން އަހަރެމެންނަށް ވާގި ވެރިވާނޭ ބަޔަކު ތިބި ތޯ ބަލާ." ލަޝްކަރުގެ ވެރިޔާ އެންގިއެވެ.
*****
"އަބޫޤަތާދާ! ކޮބައިތަ ކަލޭގެ ބޮޑުބޭބެގެ ދަރި ކަޢުބު ބްނު މާލިކް؟ އޭނައާ ބެހޭ ގޮތުން މިއަދު ﷲ ގެ ރަސޫލާ ސުވާލު ކުރެއްވި." މުސްލިމުންގެ ލަޝްކަރުގެ ތެރެއިން މީހަކު އަބޫޤަތާދާއާ ސުވާލު ކުރިއެވެ.
"އާނ. އެކަލޭގެފާނު ކަޢުބުގެ ވާހަކަ އެއްސެވި އަޑު އަހަރެން ވެސް އެހިން. ކަޢުބު ނައީ ކީއްވެގެން ކަން އަދި ނާންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގޭތީ އަހަރެން އެކަލޭގެފާނަށް ޖަވާބެއް ނުދިނީ. އޭނާ ނާންނާނެ ވާހަކައެއް އަހަރެންގެ ގާތަކު ނުބުނޭ. އޭނާ ބުނި އަންނާނަމޭ ވެސް. އުޒުރުވެރީން ﷲ ގެ ރަސޫލާއަށް އެކަން އެންގުމަށް ވިދާޅުވުމުން ވެސް އޭނާ އުޒުރުވެރީންގެ ދަފްތަރުގައި ނަމެއް ނުލިޔުއްވާ. ބައެއް މީހުން ކަޢުބޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާކަން އަހަންނަށް އޮތީ އެނގިފައި." އަބޫޤަތާދާ ބުންޏެވެ.
"އަހަރެމެން ނުދައްކަން. އަހަރެމެން ﷲ ގެ ރަސޫލާގެ އަރިހުގައި ވެސް ދެންނެވީ، ވީ ކީއް ކަން ނޭނގެޔޭ. ކަޢުބުގެ ކިބައިން ހެޔޮ ކަމެއް މެނުވީ ނުދެކެމޭ."
"ﷲ ގެ ރަސޫލާއަށް މާ ރަނގަޅަށް އެނގި ވަޑައިގަންނަވާނެ. އެހެން ނަމަވެސް އެކަލޭގެފާނު ކަންކަން ނިންމަވާނީ ހެތްކާއި ގަރީނާގެ މައްޗަށް." އަބޫޤަތާދާ ބުންޏެވެ.
*****
"ބައްޕާ! ތިޔަ ހުރީ ދެރަވެފައި ތޯ؟" ކަޢުބުގެ ދަރިފުޅު ޢަބްދުﷲ އެހިއެވެ.
"ދަރިފުޅާ މި ވަގުތު ބައްޕަ އެކަނި އިނދެލުމަށް ވަގުތުކޮޅެއްް ދީ." ކަޢުބު ބުންޏެވެ.
"ބައްޕާ. ބައްޕަގެ ގަސީދާއިން ބައިތެއް އަޅުގަނޑު ދަސްކޮށްފިން. އެއީ ޙުނައިން ހަނގުރާމައާ ބެހޭ ގޮތުން ހެއްދެވި ގަސީދާ." ޢަބްދުﷲ ބުންޏެވެ.
"އަސްލު ވެސް ތަ؟ ވަރަށް ރަނގަޅު ދަރިފުޅާ!" ކަޢުބު ބުންޏެވެ.
"އޭގައި ބައްޕަ ވަނީ ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ފަޚުރުވެރިކަމުގެ ވާހަކަ ދައްކަވާފަ." ޢަބްދުﷲ ބުންޏެވެ.
"ދަރިފުޅާ ޢަބްދުﷲ ފުދިއްޖެ. ދަރިފުޅާ ފުދިއްޖެ." ކަޢުބުއަށް ރޮވިއްޖެއެވެ.
- ނުނިމޭ -