07 May 2020, 08:55
ދިއްލީ (މެއި 7): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ލޮކްޑައުންކޮށްފައި އޮތް އިންޑިއާގައި 112 މިލިއަން މީހުންގެ ވަޒީފާ މިދިޔަ މަހު އެކަނިވެސް ގެއްލިފައިވާ ކަމަށް އެގައުމުގެ ޕްރައިވެޓް ރިސާޗް އޭޖެންސީއަކުން ބުނެފި އެވެ.
ސެންޓާ ފޯ މޮނިޓަރިން ދަ އިންޑިއަން އިކޮނޮމީ (ސީއެމްއައިއީ)އިން ބުނި ގޮތުގައި އެގައުމުގައި ވަޒީފާ ނެތް މީހުންގެ މިންވަރު މިހާރު ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އެގޮތުން މާޗް މަހު 8.7 ޕަސެންޓުގައި އޮތުމަށް ފަހު މިދިޔަ މަހު ވަޒީފާނެތް މީހުންގެ މިންވަރު ވަނީ 23.5 ޕަސެންޓަށް އަރާފަ އެވެ. އަދި މިހާރު އެ އަދަދު ވަނީ 27.1 ޕަސެންޓަށް އިތުރުވެފަ އެވެ.
މާޗް 25ގައި އިންޑިއާ ލޮކްޑައުން ކުރުމާއެކު އެންމެ ފުރަތަމަވެސް ގެއްލެން ފެށީ އެގައުމުގެ 90 ޕަސެންޓު މީހުން އަދާ ކުރާ ނުރަސްމީ ވަޒިފާތަކެވެ. ނަމަވެސް ޒަރޫރީ ހިދުމަތްތައް ފިޔަވާ އެހެން ހުރިހާ ވިޔަފާރިތައް ހުއްޓުމަކަށް ގެނައުމާ ގުޅިގެން ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ މީހުންގެ ވަޒީފާއަށްވެސް ވަނީ އަސަރުކޮށްފަ އެވެ.
އެގޮތުން މީޑިއާ، ވައިގެ ދަތުރުފަތުރު، ރީޓެއިލް، ހޮސްޕިޓާލިޓީ، އުފެއްދުންތެރިކަމުގެ ދާއިރާއާ ގުޅުން ހުރި ބޮޑެތި ކުންފުނިތަކުން ވަނީ ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އެއްކޮށް ހުއްޓާލަން ޖެހޭނެ ކަމަށް ކަމާ ބެހޭ މާހިރުން ލަފާ ކުރައްވަ އެވެ.
މިދިޔަ މަހު ވަޒީފާ ގެއްލުނު 112 މިލިއަން މީހުންގެ ތެރެއިން 91.3 މިލިއަން މީހުންނަކީ ކުދި ވިޔަފާރިތައް ހިންގާ މީހުންނާއި ލެބަރާއިންނެވެ. އަދި އަމިއްލަ މަސައްކަތްތައް ކުރާ 18.2 މިލިއަން މީހުންނާއި މުސާރަ ލިބޭ 17.8 މީހުންގެ ވަޒީފާ ވެސް ގެއްލުނެވެ.
އިންޑިއާގައި އެހެން ދާއިރާތަކާ ހިލާފަށް ދަނޑުވެރިކަމުގައި މަސައްކަތް ކުރާ މީހުންގެ އަަދަދު ވަނީ ފާއިތުވި ދެ މަސް ތެރޭ އިތުރުވެފަ އެވެ. އަދި ދުވަހު މުސާރައިން ދިރިއުޅޭ މީހުންގެ ވަޒީފާ ގެއްލުމުން އެމީހުން ދަނޑުވެރިކަން ކުރަން ފެށުމަކީ އާއްމު ކަމެއް ކަމަށް ސީއެމްއައިއީ އިން ފާހަގަ ކުރި އެވެ.
އިންޑިއާގެ އިގުތިސާދު ދިރާސާ ކުރާ މާހިރުން ވަނީ ލޮކްޑައުންގެ ސަބަބުން ލިބޭ ގެއްލުން އަދިވެސް އިތުރުވަމުން ދާނެ ކަމަށް ބުނެފަ އެވެ. އެގައުމުން ވަނީ ލޮކްޑައުންގެ މުއްދަތު މިމަހުގެ 17އާ ހަމަޔަށް އިތުރުކޮށްފަ އެވެ. ނަމަވެސް ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަ ސަރަހައްދުތަކުގައި މިހާރު ވަނީ ފިޔަވަޅުތައް ލުއިކޮށްފަ އެވެ.