07 May 2020, 09:15
މިމަސް ނިމޭއިރު ދުވާލަކު ދެލައްކަ މީހުން ކޮރޯނާއަށް ޓެސްޓްކުރެވޭނެކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.
ބޮރިސް އެފަދައިން ވިދާޅުވިއިރު މިދިޔަ ހުކުރު ދުވަހުގެ ކުރިން ދުވާލަކު 100،000 ޓެސްޓް ހެދޭނެކަމަށްވެސް ސަރުކާރުން ކުރިން އޮތީ ބުނެފައެވެ. އެ ވައުދު ނުފުއްދުނުއިރު މިދިޔަ އާދިއްތަ ދުވަހު ހަދައިފައިވަނީ 85،186 ޓެސްޓެވެ.
ބޮރިސް ވިދާޅުވީ ޑިމާންޑަށްވުރެ ގިނައިން ޓެސްޓްކިޓްތައް ސަޕްލައިކުރެވޭނެ ކަމަށެވެ.
" މިހާރުވެސް އެއްލައްކައެއްހާ ޓެސްޓް އެބަކުރެވޭ މިހާރު ދުވާލަކު.އެކަމަކު އަމާޒަކީ މިމަސް ނިމޭއިރު ދުވާލަކު 200،000 ޓެސްޓް ހެދުން. އެއަށް ފަހު އެއަށްވުރެވެސް ގިނައިން ޓެސްޓްކުރަން ފެށުން" ބޮރިސް ވިދާޅުވިއެވެ.
މިދިޔަ މާޗް މަހުގެ މެދުތެރޭވެސް ބޮރިސް ވިދާޅުވީ ދުވާލަކު 250،000 ޓެސްޓްކުރަން އަމާޒު ހިފައިފައިވާ ކަމަށެވެ. އޭރުވެސް ޖަރުމަނު ވިލާތުން ދިޔައީ ދުވާލަލު 500،000 ޓެސްޓްތައް ހަދަމުންނެވެ.
އިނގިރޭސިވިލާތަކީ މުޅި ޔޫރަޕްގައިވެސް ކޮވިޑް އެންމެ ބޮޑަސް ފެތުރުނު އެއް ގައުމެވެ. އެގައުމުގެ 200،000 މީހުންނަށް ބަލިޖެހުނުއިރު 30،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެސްވެފައެވެ.
ދާދި ފަހުން ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށްވެސް ކޮވިޑް ޖެހިގެން އައިސީޔޫގައި ފަރުވާ ދިނެެވެ. ނަމަވެސް ހާލުކޮޅު ރަނގަޅުވުމުން އެމަނިކުފާނު މިހާރު ވަނީ މަސައްކަތަށް ނުކުމެވަޑައިގެންފައެވެ.
މައުލޫމާތު: ބީބީސީ