އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީއެއް ކަމަށްވާ ހެރިއެޓްވޮޓް ޔުނިވާސިޓީން، ރާއްޖޭގެ ކްލިކް ކޮލެޖަށް "އެފްރޫވްޑް ލާނިންގް ޕާޓްނަރު"ކަން އިއްޔެ ދިނުމާ ގުޅިގެން އެ ކޮލެޖުން ޔުނިވާސިޓީގެ ފަސް ޑިގްރީ ކޯހެއް ފެށުމަށް ނިންމައިފި އެވެ.

ކްލިކް ކޮލެޖުން ބުނި ގޮތުގައި އިއްޔެ ލިބުނު ހުއްދައާ ގުޅިގެން ކޮލެޖުން މިއަންނަ މަހު އެ ޔުނިވާސިޓީގެ ދެ ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހަކާއި ބެޗްލާ އޮފް އާޓްސް އިން މެނޭޖްމެންޓް ކޯހެއް ހިމެނޭ ކަމަށެވެ. އަދި އެ ކޯސްތަކަކީ މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެޕްރޫވް ކުރެވިފައިވާ ކޯސްތަކެއް ކަމަށް ވެސް ކްލިކް ކޮލެޖުން މައުލޫމާތު ދިނެވެ.

ކްލިކް ކޮލެޖުން ބުނީ، މިއަންނަ މަހު ފަށާ އެ ދެ ކޯހުގެ ފީއަކީ 60،000 ރުފިޔާ ކަމަށާއި ކޯސްފީ ދެއްކުމަށް ހަމަޖެހިފައި ވަނީ ދެ ސެމިސްޓާ އަށް ބަހައިލައިގެން ކަމަށެވެ. އެއީ ސެމިސްޓާ އަކު 15،000 ރުފިޔާ ދެއްކުމަށް 5000 ރުފިޔާގެ ތިން އިންސްޓޯލްމެންޓް އަށް ބަހާލައިގެން ކަމަށާއި ކޯސްފީގެ ތެރޭގައި އެގްޒާމްފީ ވެސް ހިމެނޭ ކަމަ ށެވެ.

ހެރިއެޓްވޮޓް ޔުނިވާސިޓީއަކީ 190 އަހަރުވެފައިވާ، ދުނިޔޭގެ 34 ގައުމެއްގައި ޕްރޮގްރާމްތައް ހިންގަމުންދާ 10،500 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ އިނގިރޭސި ވިލާތުގެ ބިޒްނަސް ކޯސްތައް ހިންގާ ޔުނިވާސިޓީތަކުގެ ތެރެއިން އެންމެ ޓޮޕްގައި އުޅޭ އެއް ޔުނިވާސިޓީ އެވެ.

އަދި ސަންޑޭ ޓައިމްސްގެ ޔުނިވާސިޓީ ގައިޑްގެ "ސްކޮޓިޝް ޔުނިވާސިޓީ އޮފް ދަ އިއާ 2012/2011ގެ ފަހުރުވެރި މަގާމް ހާސިލްކޮށްފައިވާ ޔުނިވާސިޓީއެއް ވެސް މެ އެވެ.

ކްލިކް ކޮލެޖުން ބުނި ގޮތުގައި އެ ކޯސްތަކަށް ކުރިމަތިލުމަށް ހުށައަޅަން ޖެހޭ ފޯމްތައް މިހާރު އެކޮލެޖުން ދޫކުރަމުން އަންނަ ކަމަށާއި ވެބްސައިޓްއިން ވެސް ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ކްލިކުން ބުންޏެވެ.