ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ޓެކްސަސްގައި ކަނޑައަޅާފައިވާ ލޮކްޑައުންއާއެކު ނިންމާފައިވާ ނިންމުންތަކާ ހިލާފަށް ބޯކޮށާ ސެލޫން އެއް ހުޅުވާފައި ހުރުމުގެ ސަބަބުން އެތަނުގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.

ޓެކްސަސްގެ ޑެލަސްގައި ހުރި ސެލޫން އެއް ކަމަށްވާ ސެލޮން އަ ލަ މޯޑް، ވަނީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ކަންތައްތަކާއި ގަވާއިދުތަކާ ހިލާފަށް އެތަން ހުޅުވާފައި ބަހައްޓާފައެވެ.

އެކަމާ ގުޅިގެން ސެލޫންގެ އޯނަރު ޝެލީ ލޫތާ ވަނީ ހަފްތާއަކަށް ޖަލަށް ލާފައެވެ. އެކަމާ ގުޅިގެން އޭނާ ޖަލަށް ލުމާ މެދު ކޯޓުން ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން ގާޒީ އެންގީ އެކަމާ ގުޅިގެން ޝެލީ މައާފަށް އެދިއްޖެ ނަމަ އޭނާ ދޫކޮށްލާނެ ކަމަށެވެ.

އެހެންނަމަވެސް ޝެލީ އެކަމާ ގުޅިގެން މައާފަށް އެދިފައެއް ނުވެއެވެ.

"އަހަރެން ޖަލަށް ލާން އަންގަނީ އަހަރެން ދަހި ކަމަށް ބުނެ އަދި އަމިއްލަ އެދުން ބޮޑު ކަމަށް ބުނެ. އެކަމު އަމިއްލަ ދަރިންނަށް ކާންދޭން ގޮތެއް ހޯދުމަކީ އަމިއްލަ އެދުން ބޮޑުވުމެއް ނުން،" އޭނާ ބުންޏެވެ.

ޑެލަސް ކޯޓުން އަންގާފައިވަނީ މިއަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ ސެލޫން ބަންދުކޮށްފައި ބެހެއްޓުމަށެވެ. އަދި އޭގެ އިތުރުން ޝެލީ ވަނީ 7،000 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ.