ބައެއް ދީނީ ޖަމާއަތްތަކާއި އިދިކޮޅު ޕާޓީތަކުން އިންތިޒާމްކޮށްގެން މާދަމާ ބާއްވާ މުޒާހަރާއަކީ އިސްލާމްދީން ހިމާޔަތްކުރުމަށް ކުރާ މުޒާހަރާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މުޒާހަރާ އަށް ނުކުންނާނީ ސަރުކާރު ބަދަލުކުރުން ނުވަތަ ބަޔަކު ފަލީހަތް ކުރުން ނުވަތަ ބަޔަކު މެރުން ފަދަ ފޮރިފައިވާ މަގުސަދުތަކެއް އޮތުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަސީމު ވިދާޅުވީ މުޒާހަރާކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވާ ކަންތައްތަކާ މެދު މަޝްވަރާކުރުމަށް ސަރުކާރުން އެފަރާތްތަކަށް ދައުވަތު ދިން ކަމަށާއި ނަމަވެސް އެކަމަށް އިޖާބަދީފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރާނީ ދިވެހި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދީނުގެ އަސާސެއް ނޫނިއްޔާ އެކަންތައްތަކާ ދޭތެރޭގައި ވާހަކަ ދައްކަން ޖެހޭނެ. ސަރުކާރުން ދައުވަތު ވެސް އެރުވި ބައެއް ޖަމާއަތްތަކަށް ވާހަކަ ދައްކަން. އެހެން ނަމަވެސް އެއްވެސް ޖަމާއަތަކުން ކުރިއަކަށް ނާދޭ އެވާހަކަ ދައްކާކަށް. އެބޭފުޅުން ދީނީ ކަމެއްގައި ވިއްޔާ ކޮންމެހެން މުޒާހަރާއަކަށް ނުކުންނާކަށް ނުޖެހޭ. އެހެނެއް ނޫން އެ ބޭފުޅުންގެ ފޮރުވިފައި އޮތް މަގުސަދަކީ ސަރުކާރު ވައްޓާލުން ކަމަށް ނޫނިއްޔާ ބަޔަކު މީހުން ފަލީހަތް ކޮށްލުން ކަމަށް ނޫނިއްޔާ ބަޔަކު މީހުން މެރުން ކަމަށް ނޫނީއްޔާ ބަޔަކު މީހުންނާ ދެކޮޅަށް ހަރުކަށިކަންތަކެއް ހިންގުން ކަމަށް ވަންޏާ ނުކުންނާނެ،" ނަސީމު ވިދާޅުވި އެވެ.

މާދަމާގެ މުޒާހަރާގައި އެއްވެސް ހަރުކަށި އަމަލުތަކެއް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށާއި މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށާއި އެހެންވީމާ މުޒާހަރާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީމު ވިދާޅުވީ މުޒާހަރާ އަށް ތައްޔާރުވުމުގެ ގޮތުން ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހިންގާފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ބައިނަލް އަގުވާމީ މުޖުތަމައުން ރާއްޖެއާ މެދު ކަންބޮޑުވާ ކަމަށެވެ. ނަމަވެސް އަދި އެކަމާ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނަނީ މުޒާހަރާގެ ކަންތައްތައް ދާނެ ގޮތެއް ނޭނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދީނީ މިނިވަންކަމަށް ގޮވާލައި މުޒާހަރާކުރި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ހިއްލަތު ރަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ނެރުނު ބަޔާނާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ބައިނަލްއަގުވާމީ މުޖުތަމައުން ކަންބޮޑުވާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް ރާއްޖެ އިން ރާއްޖޭގެ ގާނޫނު އަސާސީ ހިމާޔަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ތަހުގީގުކުރަން ޖެހޭ ކަމެއް އެއްވެސް މީހަކު ހައްޔަރު ނުކުރިޔަސް ތަހުގީގު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެމްނެސްޓީގެ ބަޔާނަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޕްރެޝަރެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީ މާބޮޑު އިޝޫއެއް ވެސް ނޫން ކަމަށް ވެސް ނަސީމު ވިދާޅުވި އެވެ.