އެންމެ ކުޑައިރުއްސުރެވެސް ގޭގައި ތައްޔާރުކުރެވޭ ހާއްސަ ކެއުންތަކުގެ ތެރެއިން އަހަންނަށް އެންމެ މީރު އަދި ހާއްސަ އެއް ކެއުމަކީ، ފެން ފޮޅި އާއި ކިރެވެ. ރޯދަމަހަށް ހާއްސަ މި ކެއުން ގޭގައި ތައްޔާރުކުރާ ކޮންމެދުވަހަކީވެސް ނިކަން ފޯރިގަދަ އާއިލީ ރޫހެއް ބަދިގެތެރޭގައި އޮންނަ ދުވަހެކެވެ. ކިތަންމެ ގިނައިން ހެދި ނަމަވެސް، އަބަދުވެސް އޮންނާނީ މަދުވެފަ އެވެ.

ގާތްގަނޑަކަށް 16 ވަރަކަށް އަހަރުފަހުން، "ސަން" ގެ ޓީމާއިއެކު އެނބުރި އަމިއްލަ ރަށަށް ދިއުމުގެ ފުރުސަތު ލިބުނުއިރު، އަހަރެންގެ އުފަން ރަށުން ކިޔުން ތެރިންނަށް މި ކިޔައިދެނީ ގައްދޫ ސްޓައިލްގެ ފެން ފޮޅި އާއި ކިރު ތައްޔާރުކޮށްލާނެ ގޮތެވެ.

"ސަން" އިން މި ރޯދަ މަހު ގެނެސްދޭ ހާއްސަ ސެގްމަންޓެއްގެ ގޮތުގައި،"ހުވަދޫ ބަދިގޭ" ގައި މުޅިން ވެސް ގެނެސްދޭނީ، ގދ. ގައްދޫ އާއި ގއ. ގެމަނަފުށީގައި ތައްޔާރުކުރާ އެރަށްރަށުގެ ހާއްސަ ކެއުންތަކެވެ.

ފެން ފޮޅިއާއި ކިރަކީ އެންމެ ކުރީއްސުރެވެސް ގދ.ގައްދޫގައި ތައްޔާރުކުރާ އެރަށުގެ ހާއްސަ ކެއުމެކެވެ. ރަށުގެ އިސްރަށްވެހިން ގާތުގައި އަހާލުމުންވެސް ރަށުގައި މި ކެއުން ތައްޔާރު ނުކުރާ ދުވަސްވަރެއް ދަންނަ އެކަކުވެސް ނެތެވެ. ފެންފޮޅިއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ތައްޔާރުކުރާ އެއްޗަކަށްވާއިރު މި ކެއުން ހާއްސަވެ ތަފާތުވަނީ އެކުގައި މި ބޭނުންކުރާ "ކޮމްބިނޭޝަން"ގެ ސަބަބުން ކަމުގައިވެދާނެ އެވެ. ހަމައެޔާއެކު ގައްދޫގައި ހަދާ ފެންފޮޅިވެސް އާންމު އެހެން ފެންފޮޅިތަކާއި ތަފާތެވެ.

އަހަރެމެންގެ ކްރޫ އަށް ފެންފޮޅިއާއި ކިރު ތައްޔާރުކުރާ ގޮތް ދައްކައިދީ އޭގެ މީރު ރަހަ ބަލާލުމުގެ ފުރުސަތު ދިނީ ޚަދީޖާ މުހައްމަދު އެވެ. މިއޮތީ އޭނާގެ ރެސިޕީ އެވެ.

ބޭނުންވާ ތަކެތި

- ފޮޅި ތައްޔާރުކުރުމަށް

  • 1 ޖޯޑު ހަނޑޫ

  • 1 ޖޯޑު ގޮދަން ފުށް
  • ކުޑަ ކާށްޓެއްގެ ކިރު
  • 2 ބިސް

- ކިރު ތައްޔާރުކުރުމަށް

  • 1 ޖޯޑު ބައި ހަނޑޫ

  • ކުޑަ ފުށްކޮޅެއް
  • ކާށިކިރު
  • ހަކުރު
  • މާފެން، ރާނބާފަތް ނޫނީ ކާފުރުތޮޅި

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ ފެންފޮޅި ތައްޔާރުކުރުމަށްޓަކައި، ހަނޑޫ ހިމުންކުރުމަށްފަހު، ފުށާއި، ބިސް، އަދި ކިރު އެއްކޮށްލާ ރަނގަޅަށް ގިރާލާށެވެ. އޮލަމިން ހުންނަންޖެހޭނީ ފަސޭހައިން ތަވައަށް އަޅައި ތުނިކޮށް ފިހެވޭވަރަށެވެ. ނޫނީ ތަވާމައްޗަށް އަޅާލުމުން އެއްކޮށް ފެތުރިގެންދާ ވަރަށެވެ.

އެހެން ފޮޅިތަކާއި ހިލާފަށް މިރަށުގައި ފެންފޮޅި ފިހުމަށްޓަކައި މުޅިތަވައަށް އެޅުމުގެ ބަދަލުގައި އަޅަނީ ތަވާގެ އެއްފަރާތަށެވެ. ބޭނުންނަމަ އެއްފަހަރާ ދެފޮޅި ފިހާނަމަ ތަވާގެ ދެފަރާތުން ދެފޮޅި ފިހެވޭނެއެވެ. ތަވާމަތީގައި ފުށްގަނޑު ރޯފިލުމުން ތަވާމަތިންނަގާ ދޮލަނގެއްގައި ނުވަތަ ތަބަކެއްގެ ތެރޭގައި ބޭއްވުމަށްފަހު ހިމަކޮށް އެއްވަރަށް އޮޅާލާށެވެ.

ދެން ކިރުކެއްކުމަށްޓަކައި، ހަނޑޫ ފުނޑާފައި ފުށްކޮޅާއި ހަކުރު އަދި ބޯކިރު ގިރާލާށެވެ. އެއަށްފަހު ފުރާނާލާށެވެ. ދެން އުނދުންމައްޗަށް އަރުވާ މަޑު ގިނީގައި ހުއްޓާނުލާ ހަލުވަމުން ކައްކާލާށެވެ. ރާނބާފަތް ނަމަ ކައްކާއިރުގައި އަޅާނީ އެވެ. ކާފުރުތޮޅި އަޅާނަމަ ގިރާއިރުވެސް އެޅިދާނެ އެވެ. މާފެންނަމަ ކެކެމުންދާއިރު އަޅާނީ އެވެ. ހުރިހާއެއްޗެއް ރަނގަޅަށް ކެކި އޮލަވުމުން އެހެރީ ކިރު ކައްކާ ނިމިފަ އެވެ.

ކްރޫގެ މެންބަރެއް ފެންފޮޅިއަޅަނީ

ތާރީހު ދިރާސާކުރައްވާ ބޭފުޅެއްކަމުގައިވާ ނާޖިހު ދީދީ ވިދާޅުވަނީ ފެންފޮޅި ނުވަތަ ކިރުފޮޅިއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ހަދާ އެއްޗެއް ކަމަށާއި ނަމަވެސް އެކި ރައްރަށުގައި ތައްޔާރުކުރާ ގޮތް ތަފާތު ކަމަށެވެ.

ދިވެހި ރަހަތަކުގެ އެންމެ ދުވަސްވީ ބައެއް ރެސިޕީތައް ލިބެން ހުރި، ރައީސް މުހައްމަދު އަމީންގެ "ކަރުނަޔާ ނުލާ ކެއްކުން" ފޮތުގައިވެސް ފެންފޮޅިއެއްގެ ރެސިޕީވަނީ ހިމަނައިފަ އެވެ.

އަމީން ދީދީ ލިޔުއްވާފައިވާ ގޮތުން ފެންފޮޅި ފިހަން ބޭނުން ވަނީ ހަޑޫ ނާޅިއަކާއި، 3 ކާށީގެ ކިރާއި 2 ކުކުޅު ބިހެވެ. ނަމަވެސް ގައްދޫގެ ފެންފޮޅީގެ ތަފާތަކީ ހަނޑޫފުށް ބޭނުންކުރާ މިންވަރަށް ގޮދަންފުށްވެސް ހިމެނުމެވެ. އަދި ހަމައެޔާއެކު، ގައްދޫގެ މި ފެންފޮޅީގެ ތުނިކަމާއި، އޮޅާފައި ހުންނަލެއްވެސް އެހެން މިފަދަ ފޮޅިތަކާއި އަޅާބަލާއިރު ހިމޫނެވެ. މިއީވެސް މި ރެސިޕީ ގައްދޫ މީހުންނަށް ހާއްސަވާ އަދި އެހެން ރަށްރަށުގެ ފެންފޮޅިއާއި ތަފާތުކޮށްދޭ ކަމެކެވެ.

ގައްދޫގެ ތާރީހީ ބައެއްކަންކަން ދިރާސާކުރައްވާ އަދި އެކަމުގެ މައުލޫމާތު އެއްކުރެއްވި އަހްމަދު ސައީދު ވިދާޅުވީ ފެންފޮޅިއާއި ކިރަކީ ގައްދޫގައި ޒަމާނުއްސުރެވެސް ހާއްސައެކިއެކި މުނާސަބަތުތަކަށް ތައްޔާރުކޮށްއުޅުނު ހާއްސަ ކެއުމެއް ކަމަށެވެ. މިގޮތުން ރޯދަމަހާއި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ އީދު މީލާދީ ކަމުގައިވާ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހާއި ބޮޑު މާލޫދު ރޭގެ ދަމަށްވެސް މި ކެއުން ހާއްސަކޮށް ކައްކާ އުޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އަހަރުމެންނަށް ރެސިޕީ ބުނެދިން، ހަދީޖައްތަ ބުނާގޮތުގައި ރޯދަމަހުގެ ވަކިދުވަސްތަކަކަށްވެސް މި ކެއުން ކައްކާއުޅެ އެވެ.

"ކުރީގަ އަހަރެމެންގެ މަންމަމެން ކައްކާނެ (ފެންފޮޅި) ރޯދަމަހުގެ ދެދުވަހުން އެއްދުވަހު، ފަސް ދުވަހުން ނޫނީ މަންމަ ބުނާނެ ރަމަޟާން މަހުގެ 10 އެއް ވަކިކުރާށޭ. އެހެންވީމަ 10 ވަނަ ދުވަހު، 20 ވަނަ ދުވަހު ދެން އީދު ވިލޭރޭ ވެސް ކައްކާނެ." އޭނާ ބުންޏެވެ.

ހަދީޖައްތަ ބުނާގޮތުގައި މިހާރުވެސް ފެންފޮޅިއާއި ކިރު މި ތައްޔާރުކުރަނީ އެންމެ ކުރިން ހަދީޖައްތަގެ މާމަ އާއި މަންމަވެސް މި ތައްޔާރުކުރާ މިނަށް އެއްވެސް ބަދަލެއް ނެތި އެވެ. ހަދީޖައްތަ އާއި އެކީ އަހަރެމެންގެ ކްރޫއަށްވެސް ފެންފޮޅި އެޅުމުގެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ލިބުނެވެ. އެގެއިން ކޮންމެ މީހެއްވެސް ނުކުތީ ފެންފޮޅިއެއް އަޅަން ދަސްކޮށްގެނެވެ. ނުވިތާކަށް އެ މީރު ކެއުމުގެ ރަހަވެސް ބަލާލެވި ބަނޑުވެސް ފުރާލައިގެނެވެ.

އަހަރުމެންގެ މި އެޑްވެންޗާ ވީޑިއޯއިން ބަލައިލާށެވެ.

--

  • ވީޑިއޯ ނެގީ: މުހައްމަދު ޝަފީއު، އިބްރާހިމް މިސްބާހު އަދި މަރިޔަމް މާޝާ ނައީމް.

  • އެޑިޓްކުރީ: މުހައްމަދު ޝަފީއު.