މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި 53 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ދެވަނަ ފުރުސަތުގެ ދަށުން މިނިވަންކުރި މީހަކު ވަގުނޫޓް ވިއްކާފައި ވާތީ ހަމަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ވަގުނޫޓު ވިއްކި މައްސަލާގައި ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ވ. ފޮތިވެލި އަހުމަދު ދިނާހުގެ މައްޗަށެވެ.
މި މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ފެބްރުއަރީ 7 ،2008 ދުވަހު މ. ސާފްޝޮޕް ފިހާރައަށް ސައްހަ ނޫން 500 ރުފިޔާގެ ނޫޓެއް ވިއްކިކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާ ހަމަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 95 ވަނަ މާއްދާގެ ދަށުން ނެވެ.
ގާޒީ ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 95 ވަނަ މާއްދާގައި ވަނީ އެފަދަ ކުށެއް ސާބިތުވާ މީހަކު ޖަލަށް ލުން ނުވަތަ ޖޫރިމަނާކުރުން ނުވަތަ އަރުވާލުން ކަމަށެވެ.

ގާޒީ ވިދާޅުވީ ދިނާހަށް ލުއި އަދަބެއް ދިނުމުގެ ގޮތުން ޖޫރިމަނާ ނުކުރީ އޭނާ ދައުވާއަށް އިންކާރު ކޮށްފައި ވާތީ ކަމަށެވެ. އަދި އޭނާ އަރުވާލަން ހުކުމް ނުކުރީ އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 53 އަހަރުގެ ކުށުގެ ރެކޯޑު އޮތް މީހަކަށް ވާތީ އޭނާ އަރުވާލައިފި ނަމަ އެ ރަށެއްގެ މުޖުތަމައުއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެތީ ކަމަށެވެ.