ކޮވިޑް19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެމްޓީސީސީގެ މުވައްޒަފަކު ހިމެނިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް "ސަން"އަށް ވިދާޅުވީ މިއަދު ޕޮޒިޓިވްވި އެކުންފުނީގެ މުވައްޒަފަކީ ވިލިމާލގައި ހުންނަޭ ފެރީ ޓާމިނަލްގައި މަސައްކަތްކުރާ މީހެއް ކަމަށެވެ.

އާޒިމް ވިދާޅުވީ އޭނާ ކޮވިޑް19އަށް ޕޮޒިޓިވްވީ ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދިއުމުން އޭނާ ބައްޔަށް ޓެސްޓުކުރުމުންނެވެ.

އޭނާ ޕޮޒިޓިވް ވެފައިވާ އިރު، އާޒިމް ވިދާޅުވީ އޭނާއާ ސީދާ ކޮންޓެކްޓުވެފައިވާ ހުރިހާ މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ.

ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދާކަމަށް އާޒިމް ވިދާޅުވިއެވެ. އެހެން ނަމަވެސް މި ހާލަތުގައިވެސް ފެރީ ޓާމިނަލުން ދޭ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ފްރޮންޓްލައިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އުސޫލަކަށް އަމަލުކުރަމުންދާ ކަމެވެ. މާލެ ސަރަހައްދުގައި އެމްޓީސީސީއިން ފޯރުކޮށްދޭ އާންމު ފެރީ، ސްޕީޑް ފެރީ، މެޓްރޯ ބަސް އަދި ޕްރައިވެޓް ހަޔާ ހިދުމަތުގައި މަސައްކަތްކުރާ ޕްރަންޓްލައިން މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމް މީގެ ކުރިން އެ ކުންފުނިން ވަނީ ހަމަޖައްސައިފައެވެ.

"އެމްޓީސީސީގެ ހުރިހާ ލޮބުވެތި މުވައްޒަފުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުރީ ސަފުގައި ތިއްބަވައިގެން ރައްޔިތުންނަށް ކޮށްދެއްވަމުން ތިޔަ ގެންދަވާ ނަމޫނާ ހިދުމަތަށް ފަށްފަށުން ޝުކުރުއަދާ ކުރަން،" އާޒިމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

އެމާލެ ސަރަހައްދުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަރާތްތައް އައިސޮލޭޝަން ފެސިލިޓީތަކަށް ކަންޑުމަގުން ގެންގޮސްދިނުމާއި، އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ މުދާ ކަނޑު މަގުން ފޯރުކޮށްދިނުމާއި އަދި އެއްގަމު މަގުން ދެވޭ އެކިކަހަލަ ލޮޖިސްޓިކަލް ސަޕޯޓް ފޯރުކޮށްދެނީ އެމްޓީސީސީއިންނެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ ސިއްހީ ހިދުމަތްތެރިން ވަޒީފާއަށް ގެންދިޔުމަށް ބާއްވާ ފެރީވެސް އޮޕަރޭޓު ކުރަނީ އެ ކުންފުނިންނެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެސްޓީއޯގެ މުވައްޒަފަކާއި އެމްޕީއެލްގެ މުވައްޒަފަކުވެސް މީގެ ކުރިން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.