06 May 2020, 19:36
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 10 މޮބައިލްގެ ހަދަން ބޭނުންވާ ތަކެތި ޗައިނާއިން ހަދިޔާކޮށްފިއެވެ.
ޗައިނާގެ ސަފީރު ޖޭންގް ލީ ޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެގެތައް ހަދަން ބޭނުންވާ ސާމާނުތަކުގެ ތެރެއިން "ޕްލޭންކް" ނުވަތަ ލަކުޑީގެ ތަކެތި ޗައިނާގެ ސީސީސީސީ ކުންފުނިން ހަދިޔާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ސަރުކާރުގެ އިދާރާތަކުން އެދިގެން ހޮސްޕިޓަލްތަކުގައި ބޭނުންކުރާ 101 ސެޓް އެނދުވެސް މިހާރު ހަދައިދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.
ބިދޭސީން ބައިތިއްބަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ކަރަންޓީނު ފެސިލިޓީއަށް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންނާއި މަސައްކަތް ކުރުމަށް ބޭނުންވާނެ ސާމާނު ޗައިނާއިން މިހާރު ވަނީ ދީފައެވެ.
އަށްސަތޭކަ މީހުންގެ ޖާގައިގެ އެ ކަރަންޓީނު ފެސިލިޓީގެ 68 ޕަސެންޓް ނިމިފައިވާއިރު މިމަހު 18 ހިސާބުގައި އެތަން ނިމޭނެކަމަށް ވަނީ ބުނެފައެވެ.
ޗައިނާއިން މީގެ ކުރިން ރާއްޖެއަށް ވަނީ 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ހަދިޔާކޮށްފައެވެ.
މިހާތަނަށް ކޮވިޑް ޖެހިފައިވަ 618 މީހަކު ވަނީ ފެނިފައެވެ. އަދި އެ ބަލި ޖެހިފައިވާ ދެ މީހަކު ވަނީ މަރުވެސްވެފައެވެ.