ކޮރޯނާވައިރަސް ކޮވިޑް-19ގެ އިތުރު 44 ކޭހެއް މިއަދު ރާއްޖެއިން ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ އެ 44 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި 34 ބަންގްލަދޭޝް މީހުން އަދި އިންޑިއާގެ ދެ މީހުންނެވެ.

މިއަދު މީގެ ކުރިން ބަންގްލަދޭޝް މީހަކު ވައިރަހަށް ޕޮޒިޓިވްވިކަން އެޗްޕީއޭއިން ވަނީ އިއުލާނުކޮށްފަ އެވެ. އެހެންކަމުން، މިއަދުގެ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 45 އެވެ.

މި 45 މީހުންނާއެކު މިހާރު ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 618 އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ބަންގްލަދޭޝްގެ 324 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ވައިރަހަށް ޕޮޒިޓިވްވި ދިވެހީންގެ އަދަދަކީ 213 އެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވެފައި ވަނީ ދެ މީހެކެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ބަންގްލަދޭޝް މީހާ މަރުވީ ސީދާ ބަލީގެ ސަބަބުން ނޫން ނަމަވެސް، ބައްޔަށް ޕޮޒިޓިވްވެފައި ވުމުން އޭނާގެ މަރުވެސް ގުނަނީ ކޮވިޑް-19 މަރެއްގެ ގޮތުގައެވެ.

ކޮވިޑް-19 މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުންވެސް ވަނީ ފެނިފައެވެ. އެ ރަށްތައް ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސް ކުރަމުންދާއިރު، އެއް ރަށުން އަނެއް ރަަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފަ އެެވެ.

ކުރިއަށް އޮތް ދެ ހަފްތާއަކީ ރާއްޖޭގައި ބަލީގެ ހާލަތު އެންމެ ގޯސްވާނެ ހަފްތާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.