އިންޑިއާގެ ނުވަ ސިޓީއެއްގައި ތިބި 200 ދިވެހީން އަންނަ ހަފްތާގައި ރާއްޖެ ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

އިންޑިއާގެ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިންގައި ތިބި 200 ދިވެހީން ގެންނަން ހަމަޖެހިފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ ފްލައިޓުގައި އެ މީހުން އަންނާނީ އަމިއްލައަށް ޓިކެޓު ނަގައިގެންނެވެ. ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި ޓިކެޓުގެ ކަންކަން ކުރިއަށްގެންދާނީ މޯލްޑިވިއަންއިންނެވެ.

އެ ފްލައިޓު ދަތުރުކުރަން ހަމަޖެހިފައި ވަނީ މާލެއިން ދިއްލީއަށް، ދިއްލީއިން ޓްރިވެންޑްރަމްއަށް އަދި ޓްރިވެންޑްރަމްއިން އަނބުރާ މާލެއަށެވެ. ފްލައިޓް ޖައްސާ ދެ ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހީން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

އަނބުރާ ރާއްޖެއަށް ގެންނަ މީހުންގެ ތެރޭގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ކުރިއަށް އޮތްތަނުގައިވެސް އިންޑިއާގައި ތިބި ދިވެހީން އަނބުރާ ގެންނަން އިތުރު ފްލައިޓުތަކެއް ބާއްވާނެ ކަމަށެވެ.

ކޮވިޑް-19 ވައިރަސް ފެތުރެން ފެށުމުން ލޮކްޑައުންކޮށްފައިވާ ގައުމުތަކުގައި ގިނަ އަދަދެއްގެ ދިވެހީން އަދިވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ގެނައުމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ މޯލްޑިވިއަންގެ ފްލައިޓުތައް ފޮނުވައިފައެވެ.