އެމްޑީޕީން މާދަމާ ނުކުންނަކީ ދިވެހި ރައްޔިތުން "މެދުމިނަށް" ކުރާ ތާއީދު ހާމަކޮށްލުމުގެ ބޭނުމުގައި ކަމަށާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މާދަމާ ނުކުމެވަޑައިގެންނަވަނީ އެކަމުގައި ލީޑާ ޝިޕް ދެއްވުމުގެ ބޭނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ. ޒުހެއިރު މިހެން ވިދާޅުވީ މިއަދު މެންދުރު މުލިއާގޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ އެކު ރައީސް ނަޝީދު ބޭއްވެވި ބައްދަލުވުމާ ބެހޭ މައުލޫމާތު ދެއްވަމުންނެވެ.

ޒުހެއިރު ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހިނަށް ހޯދައިދިނުމުގައި އެމްޑީޕީގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ކަމަށް ރައީސް ނަޝީދު ދެކެވަޑައިގެންނަވާ ކަމަށާއި މާދަމާގެ މުޒާހަރާއަށް ރައީސް ނުކުމެވަޑައިގެންނަވަނީ އެއްވެސް ބަޔަކާއި ޖަދަލުކުރެއްވުމުގެ ނިޔަތުގައި ނުވަތަ އެއްވެސް ބަޔަކާއި ދެކޮޅުވެ، ދިމާކުރުމުގެ ނިޔަތުގައި ނޫން ކަން ރައީސް ފާހަގަކުރައްވާ ކަމަށެވެ. އަދި މާދަމާ ބޮޑު މުޒާހަރާއަށް ނުކުންނަ ފަރާތްތަކަށާއި އެފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް ރައީސް އިހްތިރާމް ކުރައްވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

"އެއްވެ އުޅުމުގެ މިނިވަން ކަމަކީ ކޮންމެ ދިވެއްސަކަށް ލިބިގެންވާ ހައްގެއް އެއީ ރައީސް ކަމުގައި ވިޔަސް، އެހެންމެ މާދާމާ އެމްޑީޕީން ބާއްވާ އެބައްދަލުވުމަކީ ދިވެހި ރައްޔިތުން "މެދުމިނަށް" ކުރާ ތާއީދު ހާމަކޮށްލަން ބާއްވާ ޖަލްސާއެއް ނުވަތަ ބައްދަލުވުމެއް ކަން އެމަނިކުފާނު ފާހަގަކުރައްވާ، މިހާރު މުޒާހާރާއެކޭ ވެސް ނުކިޔަން، ބައްދަލުވުމެކޭ މިކިޔަނީ،" ޒުހެއިރު ވިދާޅުވި އެވެ.

މާދަމާގެ މުޒާހަރާގައި ގަޔަށް އަތް އިސްކޮށް، ގޯސްކަމެއް ކޮށްފާނެ މަދު ބަޔަކު ތިބެދާނެ ކަމަށާއި މައިގަނޑު ގޮތެއްގައި އަދާލަތު ޕާޓީން އަކީ ވެސް މާރާމާރީ އަށް އަދި ހަމަނުޖެހުމަށް ތަރުހީބު ދެއްވާނެ ބައެއް ނޫން ކަމުގައި ރައީސް ދެކެވަޑައިގެންނަވާ ކަމަށާއި އަދި ދެން ތިބީ ވެސް އެކަހަލަ ކަންތައްތަކަށް ތަރުހީބު ދީފާނެ ބައެއް ކަމެއް އެމަނިކުފާނު ދެކެވަޑައި ނުގަންނަވާ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.

"މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި ޖެހިޔަސް ޖަހައިގެން ނުވާނެ ކަމަށް، އަދި އެތަނަށް ދާންވާނީ ވެސް ޖެހިޔަސް ޖަހައިގެން ނުވާނެ ބޭފުޅުން ކަމަށް،" ޒުހެއިރު ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ މިއަދު ވިދާޅުވީ މިއަދުގެ އެ ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވުނީ މާދަމާގެ މުޒާހަރާއާ މެދު އަލުން ވިސްނުމަށް އެދި އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ޕެޓިޝަންގެ މައްޗަށް ކަމަށާއި ބައްދަލުވުން ކުރިއަށް ދިޔައިރު މުޒާހަރާއާ ދެކޮޅު މައިނޯރިޓީ ވިސްނުމެއް އޮތް ނަމަވެސް މެޖޯރިޓީ އޮތީ މުޒާހަރާ ބާއްވާ ގޮތަށް ކަމަށެވެ.

މުސްތަފާ ވިދާޅުވީ މިއަދުގެ އެބައްދަލުވުމުގައި ވެސް އެމްޑީޕީގެ މުޒާހަރާ މާދަމާ ނުބާއްވާ ހޮނިހިރު ދުވަހަށް ފަސްކުރުމަށް އޭނާ ހުށަހެޅުއްވި ކަމަށާއި އެގޮތަށް ތާއީދު ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ޕާޓީގެ ނިންމުމަށް ތާއީދުކުރައްވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

"މުޒާހަރާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމަށް ތާއީދުނުކުރާ ކަމަށް، އަދި މާދަމާގެ މުޒާހަރާ ފަސް ކުރުމަށް ތާއީދުކުރާ ކަމަށް ވެސް އަޅުގަނޑު ބަޔާންކުރިން، އެކަމަކު އެކަމަކަށް ތާއީދެއް ނުލިބުނު. ރައީސް ހާމަކޮށްދެއްވި އެމަނިކުފާނުގެ ސިޔާސަތުތައް މިކަމުގައި، އަޅުގަނޑު ނިކުންނަންޏާ ނިކުންނާނީ ޕާޓީގެ ނިންމުމަށް ތާއީދުކުރުމުގެ ގޮތުން ކަމަށް." މުސްތަފާ ވިދާޅުވި އެވެ.

މުލިޔާގޭގައި މިއަދު ބޭއްވި އެބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖުމްލަ 119 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައީސް ނަޝީދު މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވުމަށާއި މާދާމާ އެމުޒާހަރާ ބޭއްވުމަށް ނިންމެވީ ގައުމީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

އެމްޑީޕީން މާދަމާ ބާއްވަން އުޅޭ މުޒާހަރާ ބޭއްވުމާ މެދު އެ ޕާޓީގެ ގައުމީ މަޖިލީހުން އަލުން ވިސްނުމަށް އެދި ތައްޔާރުކޮށްފައިވާ ޕެޓިޝަނެއްގައި އެމްޑީޕީ އަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ ސޮއިކޮށްފައިވަނީކޮށެވެ.