ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ އަށް ދިން ލުޔާއެކު، މިހާތަނަށް 9.6 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްދީފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ކޮވިޑް19 އާއި ގުޅިގެން ޑިއުޓީ މައާފުކޮށްދީފައިވާާ ތަކެތީގެ އިތުރުންވެސް، މި ހާލަތާ ގުޅިގެން އިތުރު ބައެއް ތަކެތިން ނަގާ ޑިއުޓީ ލުއިކުުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ބައެއް ތަކެތިން ޑިއުޓީ މައާފު ކުރުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީ އާއެކު މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުއާ ފޭސްމާސްކާއި، ޑިސްއިންފެކްޓެންޓް، އަންގި، ސެނިޓައިޒާ، ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިން ޑިއުޓީ ވަނީ ޑިއުޓީ ކަނޑާލައިފައެވެ.

މިހާތަނަށް ރާއްޖެ އެތެރެކުރި ފޭސްމާސްކުން 3.4 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްދީފައިވާއިރު، އަތްދޮންނަން ބޭނުންކުރާ ސެނިޓައިޒާ ފަދަ ތަކެތިން 1.2 މިލިއަން ރުފިޔާ، އަދި ޕްރޮޓެކްތިވް އިކުއިޕްމެންޓުން 4.9 މިލިއަން ރުފިޔާގެ ޑިއުޓީ ވަނީ މައާފުކޮށްދީފައެވެ.

ކަސްޓަމްސް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ ޝަރީފް ވިދާޅުވީ ކޮވިޑް19 ގެ ހާލަތާއެކު މިހާތަނަށް 4.7 މިލިއަން ފޭސް މާސްކު ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އަދި 240 މެޓްރިކް ޓަނުގެ ޑިސްއިންފެކްޓެންޓާއި 59 ޓަނުގެ ސެނިޓައިޒާ ރާއްޖެ އެތެރެކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.