06 May 2020, 15:31
މިއީ ރޯދަމަހު ކެއުންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތާ ބެހޭގޮތުން އާންމުކޮށް ކުރެވޭ ސުވާލުތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކްލިނިކަލް ނިއުޓްރިޝަނިސްޓުހެމާޝްރީ ނަރަޔަނަންދެއްވާފައިވާ ޖަވާބުތަކެއްގެ ދިވެހި ތަރުޖަމާއެވެ.
މި ޖަވާބުތައް "ސަން"ގައި ޝާއިއުކުރާނީ ހަތަރު ލިޔުމެއްގެ މައްޗަށް އެކުލެވޭ ސިލްސިލާއެއްގެ ގޮތުގައެވެ. މިއީ މި ސިލްސިލާގެ ތިންވަނަ ލިޔުމެވެ. މި ސިލްސިލާގެ މި ލިންކުތައް މެދުވެރިކޮށް ވިދާޅުވެވޭނެއެވެ.
7. ހަކުރުބަލި ހުންނަ މީހުން ރޯދަމަހު ސަމާލުކަން ދޭންވީ ކަންކަމަކީ ކޮބާ؟
ހަކުރުބަލި ހުންނަ މީހުން މާ ގިނަ ވަގުތު ނުކައި ނުބޮއި ހުރުމަކީ ސިއްހަތަށް ނުރައްކާވެދާނެ ކަމެކެވެ. ނުވަތަ ތަފާތު މައްސަލަތަކާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ. އެހެންކަމުން ހަކުރުބަލި ހުންނަ މީހުން ރޯދައަށް ހުންނަ އިރު ސަމާލުކަންދޭންވީ ބައެއް ކަންކަމަކީ:
ލޭގައި ހަކުރު ހުންނަ މިންވަރު (ބްލަޑް ގްލޫކޯޒް ލެވެލް) ގަވައިދުން ބެލުން.
- މާ ގިނަ އިރު ވަންދެން ނުކައި ނުބޮއި ހުރުމަކީ ހައިޕޯގްލިސީމިއާ ނުވަތަ ލޭގައި ހުންނަ ހަކުރު މާބޮޑަށް މަދުވުމުގެ ނުރައްކަލަށް ހުށަހެޅިދާނެ ކަމެއް. އެހެންކަމުން ރޯދަ ވީއްލާ ވަގުތު ލަސްނުކޮށް ރޯދަވީއްލުން މުހިންމު.
- ސްޓާޗީ ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ (މަލްޓިގްރެއިން ބްރެޑް، އޯޓްސް އެކުލެވޭ ސީރިއަލް، ބާސްމަތީ ބަތް އަދި އެކި ކަހަލަ މުގާއި ބީންސް އަދި މޭވާއާއި ތަރުކާރީ ފަދަ) ކެއުން.
- ޗަޕާޓީ (ރޮށި) އަދި ސެމޮލީނާ ހިމެނޭ ކާނާއަކީ ލޭގެ ގްލޫކޯޒް ލެވެލް އެއް މިންވަރެއްގައި ހިފަހައްޓައިދޭ ކާނާ.
- ހަކުރާއި ކެފެއިން ނުހުންނަ ބުއިންތައް ބުއިމަށް ސަމާލުވާންޖެހޭ. ވަކިން ހާއްސަކޮށް ރޯދަ ވީއްލުމަށްފަހު އަދި ހާރުކެއުމަށް.
- ފެޓްސް އަދި ހަކުރު ހިމެނޭ ކާނާ މާ ގިނައިން ކެއުމުން ދުރުހެލިވުން. މިފަދަ ތަކެތި ގިނައިން ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވޭ. އަދި އެ ލެވެލް ކޮންޓްރޯލްކުރުމަށް އެއީ ހުރަހެއް.
- ރޯދަ ހިފާ ނަމަ މެޑިކަލް ޕްރޮފެޝަނަލްއަކާ މަޝްވަރާކުރުން.
- އެކި ބާވަތްތައް ހިމެނޭ، މިންހެޔޮ ކެއުމެއް (ބެލެންސްޑް ޑައެޓެއް) ނެގުމަށް އިސްކަންދިނުން. އޭގެ ތެރޭގައި ކާބޯހައިޑްރޭޓްސް، ފެހިކަން ގަދަ ފަތާއި ތަރުކާރީ، ނަޓްސް އާއި ސީޑްސް އަދި ރަނގަޅު މިންވަރެއްގެ ޕްރޮޓީން ހިމަނަންވާނެ.
8. ރޯދަމަހު ކަސްރަތުކުރުމުގައި ވިސްނަންވީ ކޮން ކަންކަމަކަށް؟
- ކޮންމެ ދުވަހަކުވެސް މަދުވެގެން 30 މިނިޓަށް ކަސްރަތެއް (ފިޒިކަލް އެކްޓިވިޓީއެއް)ގައި ޝާމިލުވެ އުޅުން. ބޮޑަށް އެދެވިގެންވަނީ އެއާކޮންޑިޝަން ކޮށްފައި ހުންނަ ތަނެއްގައި މިކަން ކުރުން.
- ދުވާލުގެ ވަގުތު، ހާއްސަކޮށް ހޫނު މޫސުމުގައި ހައި އިންޓެންސިޓީ ކަސްރަތުކުރުމާ ދުރުހެލިވުން. ހޫނު ދުވަސްތަކުގައި ހަށިގަނޑުން ފެން މަދުވާ ވަރު އިތުރުވޭ. އަދި މިކަމުން ޑީހައިޑްރޭޝަނަށް މަގުފަހިވެދާނެ.
- ރޯދަމަހު ކަސްރަތުކުރުމަށް ފަސޭހަ ވަގުތެއް ކަނޑައެޅުން. ބޮޑަށް އެދެވިގެންވަނީ ރޯދަ ވީއްލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ނުވަތަ ރޯދަ ވީއްލާތާ ދޭއް ނުވަތަ ތިން ގަޑިއިރު ފަހުން ކަސްރަތުކުރުމަށް. ރޯދަ ވީއްލާ ވަގުތަށްފަހު ހަށިގަނޑުގެ ހަކަތައިގެ ބޮޑު މިންވަރެއް ބޭނުންކުރެވޭނީ ކާނާ ހަޖަމުކުރުމަށް ކަމުގައި ވާތީ އެ ވަގުތު އެހެނިހެން ފިޒިކަލް އެކްޓިވިޓީތަކާއި މާ ބޮޑަށް ހެލިފެލިވެ އުޅުމާ ދުރުހެލިވާންޖެހޭ.
- ތިމާގެ ސިއްހީ ހާލަތާ މެދު ޔަގީން ނުވާނަމަ ޑޮކްޓަރަކާ މަޝްވަރާކޮށްލުން އެދެވިގެންވޭ.
- މާ ގިނަ އިރު އެއްވެސް ކަމެއް ނުކޮށް ހުރުމާ (މިސާލަކަށް ގިނަ ވަގުތު ޓީވީ ކުރިމަތީގައި އިށީނދެ ހުރުން ފަދަ) ދުރުހެލިވާންޖެހޭ. އޭގެ ބަދަލުގައި ގޭތެރޭގައި އެންމެން އެކުގައި ކުރެވިދާނެ ކަންކަން ރޭވިދާނެ. މިސާލަކަށް ގޭތެރޭގެ އެކިއެކި މަސައްކަތްތައް ރާވައިގެން އެންމެންނަށް ކުރެވިދާނެ.
- ހެލިފެލިވެ އުޅޭއިރު ބޯ އެނބުރުމާއި، ހޮޑުލަވާ ގޮތް ވުމާއި، ނޭވާލާން އުނދަގޫވުމާއި އަދި މެޔަށް ތަދުވުން ފަދަ ކަމެއް މެދުވެރިވާނަމަ އެ ފިޒިކަލް އެކްޓިވިޓީއެއް ހުއްޓާލަންޖެހޭ.
- ރޯދައަށް ހުންނަ ވަގުތު ޑީހައިޑްރޭޝަނުން ރައްކާތެރިވުމަށްޓަކައި، ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެން ބުއިން.
9. ރޯދަމަހު ގޭސްޓްރިކް މައްސަލަތައް ކުރިމަތިވާނަމަ ހަދާނީ ކިހިނެއް؟
- ހަޖަމު ކުރުމަށާއި ހައިޑްރޯކްލޮރިކް އެސިޑް އުފެއްދުމަށް ފެނަކީ ވަރަށް މުހިންމު އެއްޗެއް. ގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެއް.
- ކާ ވަގުތު ކާނާ ރަނގަޅަށް ހަފައި، ހަށިގަނޑުން ކުރަންޖެހޭ މަސައްކަތަށް ލުޔެއް ދިނުން.
- ހަމަޖެހިލައިގެން އިނދެ ކެއުން.
- މާ ބޮޑަށް ކައްކާފައިވާ (އޯވާ ކުކްޑް) ތަކެތި ކެއުމާ ދުރުހެލިވުން.
- ކެފެއިން އެކުލެވޭ ތަކެއްޗާ ދުރުހެލިވުން. ކެފެއިނޭޓެޑް ފުޑްސްއަކީ ގޭސްޓްރިކް މައްސަލަ އިތުރަށް ގޯސްވުމަށް މެދުވެރިވެދާނެ ސަބަބެއް.
- ކެއުމަށްފަހު ހޫނު ނުވަތަ ތާފަނާ ފެންތައްޓެއް ބުއިން. މިއީ ހަޖަމުކުރުމުގެ މަސައްކަތަށް ލިބޭނެ އެހީއެއް.
(ފަހުބައި އަންނަ ހަފްތާގައީ)