މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ބަލި ކޮންޓްރޯލްކުރަން އިންޑިއާއިން ތައާރަފްކުރި ކޮންޓެކްޓް ޓްރޭސިން އެޕް " އާރޯގަޔާ ސަތޫ" ބޭނުންނުކުރާނަމަ ޖޫރިމަނާކުރަން އިންޑިއާގެ ސިޓީއެއް ކަމަށްވާ ނޮއިޑާއިން ނިންމައިފައެވެ.

ނޮއިޑާގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ލޯ އެންޑް އޯޑާ އަކިލޭޝް ކުމާރު ވިދާޅުވީ އެޕް ޑައުންލޯޑްނުކުރާ ފަރާތްތަކުގެ މައްސަލަ ބަލާނެ ކަަމަށެވެ. އަދި އެ މީހުންނާ މެދު ފިޔަވަޅު އަޅާނީތޯ ނުވަތަ އިންޒާރެއް ދީ ނޫނީ ޖޫރިމަނާކުރާނީތޯ ނިންމާނީ ކޯޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ޕީނަލް ކޯޑުގެ 188 ވަނަ މާއްދާގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުން 1000 ރުޕީސްއިން ޖޫރިމަނާކޮށް ހަ މަސް ދުވަހަށް ޖަލަށް ލުމުގެ ބާރު އޮވެއެވެ.

" އެޕް ނެތި އުޅެނިކޮށް ފެނިގެން އެޕް އަޅާށޭ ބުނުމުން އެކަން ކޮށްފިނަމަ ދޫކޮށްލާނަން. ނަމަވެސް ތަކުރާރުކޮށް އެކަން ނުކޮށްފިނަމަ ފިޔަވަޅު އަޅާނަން. މޮބައިލް ޑޭޓާ ނެތިއްޖެނަމަ ހޮޓް ސްޕޮޓްދޫކޮށްދީގެންވެސް ޑައުންލޯޑް ކުރުވާނަން. ދެން ފޯނުގަ ސްޕޭސް ނެތިއްޖެނަމަ އެމީހުންގެ ފޯނު ނަންބަރުނަގައި ފަހުން އެމީހުން އެޕް އަޅާތޯ ޗެކް ކުރާނަން" ކުމާރު ވިދާޅުވިއެވެ.

މާރުކޭޓާއި ބޯޑަރު ސަރަހައްދުތަކުގައި ފުލުހުން ޕެޓްރޯލްކުރާއިރ މީހުން އެޕް އަޅައިގެން އުޅޭތޯ ބަލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ސަރުކާރުގައާއި ޕްރައިވެޓްތަންތަނުގައި މަސައްކަތް ކުރާ މީހުންވެސް އެ އެޕް ބޭނުންކުރަން މީގެ ކުރިން ވަނީ އަންގައިފައެވެ.

އިންޑިއާގެ 49،391 އެއްހާ މީހުންނަށް މިހާރު ކޮރޯނާ ވަނީ ޖެހިފައެވެ. އަދި އެ ބަލީގައި 1694 މީހުން ވަނީ މަރުވެފައެވެ.

މައުލޫމާތު: އިންޑިއަން އެކްސްޕްރެސް