ވޮޝިންޓަން (6 މޭ 2020): ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާއިން އުފައްދާފައިވާ ކްރައިސިސް ސެލް ނުވަތަ އެކާރިސާއާ ދެކޮޅަށް ވައިޓް ހައުސް އިން އެކުލަވާލާފައިވާ ފެޑްރަލް ޓާސްކްފޯސް އުވާލަން މަސައްކަތް ކުރައްވާކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ މިއީ ކުއްލިއަކަށް އޭނާ ނިންމަވާ ނިންމުމެއްކަމަށާއި މިގޮތަށް ނިންމުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބޭނެ ކަމުގައެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް އެކުލަވާލި ފެޑްރަލް ޓާސްކްފޯސް ގެ ބޭނުން މިހާރު ނެތްކަމަށާއި އެ ކްރައިސިސް ސެލް އިން ރަނގަނޅު އަދި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމުގައެވެ.

މިހާރު އެމެރިކާއިން އިސްކަންދެނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ސިއްހީ މިންގަނޑުތަކަށް ރިއާޔަތްކޮށްގެން އެމެރިކާ ހުޅުވާލައި އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ކޮވިޑް-19 އާ ދެކޮޅަށް ޓްރަމްޕް އުފެއްދެވި ކްރައިސިސް ސެލް ނުވަތަ ފެޑްރަލް ޓާސްކްފޯސް ގެ ވެރިއަކަށް ހުންނަވަނީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އެވެ.

ޓްރަމްޕް ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތް ވުމުގެ މަސައްކަތް ދެން ކުރަންޖެހޭނީ ސްޓޭޓްތަކުގެ ފެންވަރުގައާއި އެމެރިކާގެ ރައްޔިތުން ފަރުދީ ގޮތުންކަމުގައެވެ. ފަރުދީ ގޮތުން ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ރިޢާޔަތް ކޮށްގެން ރައްޔިތުން އުޅުމުން ކޮވިޑް-19 އިން އެމެރިކާ ސަލާމަތް ކުރެވޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް މިހެން ވިދާޅުވިއިރު އެމެރިކާގައިވަނީ ކޮވިޑް-19 އެއްވެސް ވަރަކަށް ކޮންޓްރޯލް ނުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައެވެ.

ޖޯންޒް ހޮޕްކިންޒް ޔުނިވާސިޓީގެ ރެކޯޑްތައް ދައްކާގޮތުން އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 1.2 މިލިޔަނަށްވުރެ މައްޗަށް ގޮސްފައިވާއިރު އެރޯގާގައި މަރުވި މީހުންގެ އަދަދުވަނީ 72 ހާހަށްވުރެ މައްޗަށް ގޮސްފައެވެ.

ޑރ. އޮސްޓާއޮލްމް

އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރާ މަސައްކަތްތައް ނާކާމިޔާބުވެފައިވާއިރު އެމެރިކާގެ އާބާދީގެ 60 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުންނަށް އެރޯގާ ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ މިނެސޯޓާ ޔުނިވަސިޓީގެ ސެންޓާ ފޮ އިންފެކްޝަސް ޑިޒީޒް އިންވަނީ ދީފައެވެ.

އެ ޔުނިވާސިޓީގެ ސެންޓާ ފޮ އިންފެކްޝަސް ޑިޒީޒް ގެ ރިސާޗް އެންޑް ޕޮލިސީ ޑައިރެކްޓަރު ޑރ. މައިކަލް އޮސްޓާއޮލްމް ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ލަފާކުރެވިފައިވާ ވަރަށްވުރެ މާބޮޑަށް އެމެރިކާގައި ކޮވިޑް-19 ފެތުރިފައިވާ ކަމުގައެވެ.

މިހާރުގެ އަދަދުތަކަށް ބަލާއިރު އެމެރިކާގެ އާބާދީގެ 5 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުންނަށް އެ ބަލި ޖެހިފައިވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށް ޑރ. އޮސްޓާއޮލްމް ވިދާޅުވިއެވެ.

އެމެރިކާގެ އާބާދީއަކީ ގާތްގަނޑަކަށް 328 މިލިޔަނެވެ. އެމެރިކާގެ އާބާދީގެ 60 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހޭނެކަމަށް މިނެސޯޓާ ޔުނިވަސިޓީން އަންދާޒާ ކުރާއިރު އެއީ ގާތްގަނޑަކަށް 196 މިލިޔަނާއި 229 މިލިޔަނާ ދެމެދުގެ އަދަދެއްގެ މީހުންނެވެ. އެމެރިކާގެ އާބާދީގެ 5 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުންނަށް މިހާރުވެސް ކޮވިޑް-19 ޖެހިފައިވާނެކަމަށް އަންދާޒާ ކުރާއިރު އެއީ ގާތްގަނޑަކަށް 16 މިލިޔަނާއި 49 މިލިޔަން އާ ދެމެދުގެ އަދަދެއްގެ މީހުންނެވެ.

އެމެރިކާގައި މިހާރުވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 10 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވާއިރު ހާހަކަށްވުރެ ގިނަ މީހުން ދުވާލެއްގެ މައްޗަށް އެ ރޯގާގައި މަރުވެއެވެ. (އަލްޖަޒީރާ + ސީއެންއެން)