22 Dec 2011, 16:01
މަދަނީ އިއްތިހާދާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން މާދަމާ ބާއްވާ ބޮޑު މުޒާހަރާގައި އެއްވެސް ފަރާތަކުން ހަމަނުޖެހުމެއް ހިންގާފާނެތީ ތައްޔާރީ ހާލަތަކަށް އައިސްފައިވާ ކަަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ.
ބޮޑު މުޒާހަރާގެ މައްސަލަ ދިރާސާ ކުރާ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ސަލާމަތީ ބާރުތަކުގެ ވެރިން ހާޒިރު ކުރުމުން ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ އަޖީލު ވިދާޅުވީ ބޮޑު މުޒާހަރާއާއާ މެދު ކަންބޮޑުވެޑައިގަންނަވާ ކަމަށެވެ. ނަމަވެސް މުޒާހަރާގެ މިސްރާބު ވަކިގޮތަކަށް ބަދަލުވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުންނާއި ސިފައިން ފަސްނުޖެހޭނެ ކަމަށް އެ ދެބޭފުޅުން ވިދާޅުވި އެވެ.
ފަސީހު ވިދާޅުވީ މާދަމާގެ މުޒާހަރާގައި މާރާމާރީ ހިންގާ ގްރޫޕްތަކުން ބައިވެރިވާނެ ކަމުގެ އިންޓަލިޖެންސް މައުލުމާތުތަކެއް ލިބިފައިވާ އިރު، އެ މީހުން މަޖިލީހުގެ ބައެއް މެންބަރުނަށް ފާޅުގައި ތަފާތު އިންޒާރުތަކެއް ދީފައިވާ ކަމަށެވެ. އަދި އެއްވެސް ކަހަލަ އުސޫލެއް ހަމައެއް ނެތް ގޭންގުތަކުން މުޒާހަރާއަށް ނުކުމެ މާލޭގެ އަމަންމާންކަން ނަގާލާފާނެތީ ކަންބޮޑުވެވަޑައިގަނަންވާ ކަމަށް ފަސީފު ތަކުރާރުކޮށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މަސްލަހަތު ގެއްލި ޣަފްގާނިސްތާނާއި ޕާކިސްތާނު ފަދަ ގައުމަކަށް ރާއްޖެ ވެދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައި ވަނީ ޓޫރިޒަމަށް ކަމަށް ވެފައި ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ވެދާނެތީ ހިތާމަ ކުރައްވާ ކަމަށް ފަސީފު ވިދާޅުވި އެވެ.
"ވަރަށް ދެރަވާނެ ހަގީގަތުގައި ޣަފްގާސިންތާނާއި ޕާކިސްތާނު ފަދަ ތަނަކަށް ވެއްޖެއްޔާ. އެއީ އަޅުގަނޑުމެންގެ އަތުގައި ގޮވާމެއް ނެތް. އެ ގައުމުތަކުގައި ގޮވާން ވެސް އެބަހުރި. އަޅުގަނޑުމެން ގައުމުގައި ސެކިއުރިޓީ އަށް މިކަހަލަ ކަމެއް ވެއްޖެ ނަމަ ޓޫރިޒަމަށް އިޕެކްޓް ކުރާނީ. ޓޫރިޒަމަކީ އަޅުގަނޑުމެންގެ މެއިން ސޯސް އޮފް އިންކަމް، ]އާމްދަނީ ލިބޭ މައިގަނޑު ވަސީލަތް[،" ފަސީހު ވިދާޅުވި އެވެ.
މޫސާ އަލީ ޖަލީލު ވިދާޅުވީ މާދަމާގެ މުޒާހަރާގައި ރައްޔިތުންނާ ކުރިމަތިލާން ޖެހުމަކީ ސިފައިން އެންމެ ބޭނުން ނުވާ ކަންތައް ކަމަށާއި ނަމަވެސް މުޒާހަރާ ވަކިގޮތަކަށް އެނބުރިއްޖެ ނަމަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވާ ފުލުހުންނަށް ސިފައިންގެ ފަރާތުން ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު މުޒާހަރާގެ ވެބް ސައިޓްގައި މީހުން މަރާނެ ކަމަށް ޝާއިރު ކުރި ހިސާބުން ފެށިގެން ގައުމީ ސަލާމަތުގެ ކޮމެޓީން އަންނަނީ މުޒާހަރާގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަ ކޮމެޓީގެ ސަމާލުކަމަށް ގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ.
މުޒާހަރާއާ ދެކޮޅަށް އެމްޑީޕީ ނުކުތުމުން ހިނގާފާނެ ހަމަނުޖެހުމެއްގެ ސަބަބުން ގައުމުގެ މަސްލަހަތު ގެއްލިދާނެތީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ބޮޑު މުޒާހަރާ އިންތިޒާމް ކުރާ މަދަނީ އިއްތިހާދާއި އަދާލަތުގެ އިސްވެރިން ވަނީ ކޮމެޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެ ބޭފުޅުން ވަނީ މާދަމާގެ މުޒާހަރާގައި ހަމަނުޖެހުމެއް ނުހިންގާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ބޮޑު މުޒާހަރާ މާދަމާ ނިނުމު ނަމަވެސް، މުޒާހަރާއާމެދުކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ކޮމެޓީގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށެވެ.