06 May 2020, 14:17
މިއަދުގެ މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވީ އެންމެ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މިހާރު ރާއްޖޭގެ ޖުމްލަ އަދަދަކީ، 574 އެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ 22 މީހެކެވެ.
އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓްވީޓެގައި ބުނީ، މިއަދު ޕޮޒިޓިވްވި މީހާއަކީ ބަންގްލަދޭޝް މީހެއް ކަމަށެވެ.
މިހާތަނަށް ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުން ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ. އެގޮތުން އިއްޔެ ވަނީ، މި ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކު މަރުވެސް ވެފަ އެވެ. ނަމަވެސް އޭނާ މަރުވީ، ކޮވިޑާ ގުޅިގެން ކަމަށް ނުބެލެވޭ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުންގެ ޓީމުން ބުނެެ އެވެ. ނަމަވެސް އެ މަރުވެސް ގުނާނީ، ކޮވިޑް ކޭސްއެއްގެ ގޮތުގައި ކަމުން، މިހާތަނަށް ރާއްޖެއިން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، ދޭކެވެ. އެންމެ ފުރަތަމަ މި ވައިރަސް ޖެހިގެން މަރުވީ 83 އަަހަރުގެ ދިވެހި އަންހެނެކެވެ.
މިއަދު މިހާތަނަށް އެންމެ ކޭސްއެއް ފެނުނު އިރު، އިއްޔެ ފެނުނު ކޭސްތަކުގެ އަދަދަކީ، 22 އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސް އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެއަށްވުރެވެސް ގިނަ ކޭސްތައް ފެނުމުގެ ފުުރުސަތު އެބައޮތް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެެވެ. އަދި މިދިޔަ ހޯމަ ދުވަހު ރައީސް އިބްެރާހިމް މުހައްދު ސޯލިހް ދެއްވި ހިތާބުގައިވެސް އެކަން ފާހަގަ ކުރަށްވައި ކުރިއަށް އޮތް ދެ ހަފްތާގައި އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިހާތަނަށް މި ވައިރަސް ޖެހިގެން ރާއްޖެއިން ރަނގަޅުވެފައި ވަނީ 20 މީހުންނެވެ.