06 May 2020, 14:26
ވޫހާން (މެއި 6): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ޗައިނާގެ ވޫހާންގެ ސްކޫލުތައް ބަންދު ކުރިތާ ތިން މަސް ފަހުން އެ ސިޓީގެ ބައެއް ސްކޫލުތައް މިއަދު ހުޅުވާލައިފި އެވެ.
އަލްޖަޒީރާގައިވާ ގޮތުން ވޫހާންގެ 120އަށް ވުރެ ގިނަ ސްކޫލު ހުޅުވާލި އިރު، ސްކޫލަށް ދާން ހުއްދަ ދީފައި ވަނީ ހައި ސްކޫލުގައި ކިޔަވާ، ޔުނިވަސިޓީއަށް ވަންނަން ތައްޔާރުވަމުންދާ ދަރިވަރުންނަށެވެ. އަދި ގިނަ ޕްރައިމަރީ ސްކޫލުތަކާއި ސެކަންޑަރީ ސްކޫލުތައް އަދިވެސް ހުރީ ބަންދުކޮށްފަ އެވެ.
ވޫހާންގެ ސްކޫލުތައް ހުޅުވާލާފައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކާ އެކުގަ އެވެ. އެގޮތުން ސްކޫލަށް ދެވެނީ ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް ފަހު ނެގެޓިވްވާ ކުދިންނަށެވެ. އަދި ސްކޫލުގައި ކުދިންގެ ހުން ހުރިތޯ ބަލާ، ކުލާސް ތެރޭ ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށްޓަކައި އެއް ކުލާހެއްގައި ތިބޭ ދަރިވަރުންގެ އަދަދު ވަނީ މަދުކޮށްފަ އެވެ.

ވޫހާންގެ ސްކޫލުތައް ފެށޭއިރު އެއް ކުލާހެއްގައި ތިބޭ ދަރިވަރުންގެ އަދަދު ވަނީ މަދުކޮށްފަ -- ފޮޓޯ: އޭއެފްޕީ
ވައިރަސް ފުރަތަމަ ފެނުނު ވޫހާންގެ އިތުރުން ޗައިނާގެ އެހެން ސަރަހައްދުތަކުގެ ސްކޫލުތައް ވަނީ މިދިޔަ މަހު ހުޅުވަން ފަށާފަ އެވެ.
ޗައިނާއިން ވަނީ އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. އެގޮތުން ވޫހާން ނިސްބަތްވާ ހޫބެއި ޕްރޮވިންސުން ބަލީގެ ކޭސްއެއް ނުފެންނަތާ މިހާރު 32 ދުވަސް ވެއްޖެ ކަމަށް އެ ޕްރޮވިންސުގެ ހެލްތު ކޮމިޝަނުން މިއަދު ބުންޏެވެ. އަދި އެގައުމުން ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މީގެ ތިން ހަފްތާ ކުރިންނެވެ.
ޗައިނާގައި ވައިރަހުގެ ކޭސްތައް މަދުވުމާ ގުޅިގެން އެގައުމުން ވަނީ މީގެ ކުރިން އަޅާފައި އޮތް ގިނަ ހަރުކަށި ފިޔަވަޅުތައް ލުއިކޮށްފަ އެވެ. އަދި މިދިޔަ މާޗް މަހު އެގައުމުން ވަނީ އޭގެ ކުރިން އެއްކޮށް ބަންދުކޮށްފައި އޮތް ހޫބެއި އާއި ވޫހާން ހުޅުވާލާފަ އެވެ.
ޗައިނާގައި މިހާތަނަށް 82،800އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 4،633 މީހަކު ވަނީ މަރުވެފަ އެވެ.