06 May 2020, 14:51
މި މަހުގެ ހަތަރު ވަނަ ދުވަހު ގިނަ ދިވެހީންގެ ކަންބޮޑުވުންތަކަށް ފިނިކަމެއް ލިބުނީ، ދިވެހި ސިފައިންގެ ސިގްނަލްސް ޓީމުން ކޮވިޑް-19ގެ ފަރުވާގައި ބޭނުން ކުރާ މުހިންމު އާލާތެއް ކަމަށްވާ، ވެންޓިލޭޓަރެއް އުފެއްދި ހަބަރުންނެވެ. ދައުލަތުން އެތައް މިލިއަން ރުފިޔާ ހަރަދުކޮށްގެން ވެންޓިލޭޓަރު ގަތުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ރާއްޖޭގައި ވެންޓިލޭޓަރު އުފެއްދޭނެކަމުގެ އުންމީދު އެއާއެކު މިވަނީ ލިބިފަ އެވެ.
ކޮވިޑްގެ ހާލު ބޮޑުވާ ބަލި މީހުންނަށް ވެސް ވެންޓިލޭޓަރު ބޭނުން ވަނީ، އަމިއްލަ ބާރުގައި ނޭވާލާން ދަތިވާ ހާލަތްތަކުގައި ހަށިގަނޑުގެ ތެރެއަށް އޮކްސިޖަން ފޮނުވުމުގެ ގޮތުންނެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ، ސިގްނަލްސް އިން ވެންޓިލޭޓަރު އުފައްދަން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެކި ތަންތަނުން ހޯދި އިލެކްޓްރޯނިކް ސާމާނު ބޭނުންކޮށްގެން ފުރަތަމަ ޕްރޮޓޯޓައިޕް ހަދާ ނިންމާލީ 14 ދުވަހުގެ ތެރޭގަ އެވެ.
ރާއްޖޭގައި ވެންޓިލޭޓަރު އުފެއްދުމުން ހިޔާލު ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅީ އެސްޓީއޯގައި މަސައްކަތް ކުރައްވާ ދިވެހި ބަޔޯމެޑިކަލް އިންޖިނިއަރެއް ކަމަށްވާ ބ. މާޅޮހަށް އުފަން، މުހައްމަދު އަންވަރެވެ. އޭނާ އަކީ ވެންޓިލޭޓަރު ފަދަ ސިއްހީ ދާއިރާގައި ބޭނުންކުރާ އާލާތްތައް ބޭނުން ކުރަން ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރާ މީހެެކެވެ.
އޭނާއަށް އެ ހިޔާލު ލިބުނީ ބަޔޯމެޑިކަލް އިންޖިނިއަރިންއާ ގުޅޭ ކޯހެއް ހަދަން ސްޕެއިންގައި އުޅެފައި ރާއްޖެ އައިސް، ކަރަންޓީނުގައި ހޭދަ ކުރަމުން ދިޔަ ދުވަސްތަކުގެ ތެރޭގަ އެވެ. ކަރަންޓީނު ނިމުމުން އެ ހިޔާލު ހިފައިގެން އޭނާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ދިޔަ އެވެ.
"އަޅުގަނޑު ވާހަކަދެއްކީ މިކޮޅުގައި ތިިބި (އެންއީއޯސީގެ) ކޮމާންޑަރާ، މިއީ ވެދާނެ ކަމެއް ކަމަށް. ކަރަންޓީނުގައި ހުރި އިރު އަޅުގަނޑު ދިޔައީ އެކަމަށް ރިސާޗް ކުރަމުން،" އަންވަރު ވިދާޅުވި އެވެ.
އެންމެ ފުރަތަމަ އެ ހިޔާލު ހަގީގަތަކަށް ހެދޭތޯ ބަލަން ބަޔޯމެޑިކަލް އިންޖިނިއަރުންނާއި މެލޭޝިއާގައި ތިބި ދިވެހި އިލެކްޓްރޯނިކް އިންޖިނިއަރުން ކޮޅެއް ލައިގެން ގްރޫޕެއް އުފެއްދި އެވެ. އަދި ވެންޓިލޭޓަރެއް ހެދޭނެ ގޮތަކާ ބެހޭގޮތުން ހިޔާލު ބަދަލުކުރި އެވެ. އެ މީހުންނާއެކު މަސައްކަތައިގެން ކުރިއަށް ދަނިކޮށް، އަންވަރަށް އެމްއެންޑީއެފްގެ ސިގްނަލްސް ޓީމުގެ ބޭފުޅެއްގެ ނަމްބަރު ލިބުނެވެ. ދެން އަންވަރު ނިންމީ، ސިގްނަލްސް ޓީމާއެ ކުރިއަށްދާށެވެ.
"އޭނައަށް [އެމްއެންޑީއެފްގެ ބޭފުޅާއަށް] ގުޅާފައި އެ މީހުންގެ ޓީމާއެއްކޮށް ވީޑިއޯ ކޯލްއެއްގައި އަޅުގަނޑު ކިޔައިދިނީ މި ގޮތަށޭ މީތި ވޯކް ކުރަނީ. މިކަހަލަ ވޭރިއޭޝަންތަކެކޭ ގެންނަން ބޭނުންވަނީ. މީތި ކޯޑުކޮށްދޭށޭ،" އަންވަރު ވިދާޅުވި އެވެ.

ސިފައިންގެ ސިގްނަލްސް ޓީމުން އުފެއްދި ވެންޓިލޭޓަރުގެ ޕްރޮޓޯޓައިޕް --
އަންވަރު ކިޔައިދިން ގޮތަށް އެމްއެންޑީއެފްގެ ބޭފުޅުން ޗިޕެއް ޕްރޮގްރާމު ކުރި އެވެ. ވެންޓިލޭޓަރު މަސައްކަތް ކުރާ ގޮތަށް ކޯޑު ކުރި އެވެ.
"ނަބްތަކުން ވޭރީކޮށްދޭނީ ކިހާބޮޑަކަށްތޯ ފިއްތާލާނީ، ނޫނިއްޔާ ކިހާ އަވަސްމިނަކަށްތޯ ފިތާނީ، އެތެރެއަށް ޖަހާނެ ވަޔާއި، މި ހުރިހާ ވަކި ވަކި ޕެރެމީޓާތަކުން އެ ނޮބްތަކުން މި ވޭރިއޭޝަންތަކޭ ގެންނަން ބޭނުންވަނީ ބުނީމަ އެ މީހުން އެ ނޮބްތައް ބޭނުން ކުރީމަ އަންނާނީ މި ބަދަލުތައް ގޮތަށް ޕްރޮގްރާމް ކުރީ،" އަންވަރު ވިދާޅުވި އެވެ. "ވަކި ވަކި ސްޓެޕްބައި ސްޓެޕް އެ މީހުން ދިޔައީ އަޅުގަނޑަށް ފޮނުވަމުން. ޗެކް ކުރީމަ ހަމަ ފުރަތަމަ އޭތި މޯޓަރެއް ލައިގެން ވޯކްކޮށްފައި، ދެން އިންފޮމޭޝަން މިކޮޅަށް ފޮނުވައިގެން އޭގެ ހައުސިންގަނޑު ހަދާފައި އަދި އާދެވުނީ އެބޫ ބޭގްގެ މޫވްމަންޓާ ހަމައަށް،"
އަންވަރު ގަބޫލުކުރައްވަނީ އަދި ވެންޓިލޭޓަރު ހެދުނީ ކަމަށް ބަލާފައި އުފާފާޅުކުރަން މާ އަވަސް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ވެންޓިލޭޓަރު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށެވެ.
ވެންޓިލޭޓަރު ކެލިބަރޭޝަންވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އުފެއްދި ވެންޓިލޭޓަރު ޑޮކްޓަރަކު ޓެސްޓުކޮށް، އެއީ ޕޭޝަންޓުންނަށް ރައްކާތެރި އެއްޗެއްތޯ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ޕޭޝަންޓު ބޭރަަށްލާ ނޭވާގައި ހުންނަ ވައިރަހުން ޑޮކްޓަރުންނާއި ނަރުހުން ސަލާމަތް ކުރާނެ ގޮތްތަކެއްވެސް އަދި ހޯދަން ޖެހޭ ކަމަށް އަންވަރު ވިދާޅުވި އެވެ.
"ކޮވިޑްގައި ވީމަ ޕޭޝަންޓު ބޭރަށްލާ ނޭވާއިން ޑޮކްޓަރުންނާއި ނަރުހުން ސަލާމަތް ކުރަންޏާ އަދި އެއަށް ފިލްޓާއެއްވެސް އަހަރެމެން އެޑް ކުރަން ޖެހޭނެ. ބެކްޓީރިއަލް ވައިރަލް ފިލްޓާއެއް،" އަންވަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ސިފައިންގެ ސިގްނަލްސް ޓީމުން އުފެއްދި ވެންޓިލޭޓަރުގެ ޕްރޮޓޯޓައިޕް ބައްލަވާލައްވަނީ --
އެހެންނަމަވެސް، ވެންޓިލޭޓަރު މަސައްކަތް ކުރުމަކީ ހުރިހާ ދިވެހީންގެ އުންމީދެވެ. އަންވަރުވެސް ބޭނުންވަނީ އޭތި ބޭނުންވާ ގޮތަށް މަސައްކަތް ކުރާ ނަމަ ރާއްޖޭގައި ގިނަ އަދަދަކަށް އުފައްދާށެވެ.
"އަހަންނަށް އެނގޭ ވަންސް ވަން ޕްރޮޓޯޓައިޕް ހެދުނީމަ ދެން ބޭނުންވާނީ މާސް ޕްރޮޑިއުސް ކުރަން ރިސޯސަސްކަން. ދެން މިނިސްޓާއަށްވެސް [ހެލްތު މިނިސްޓަރަށް] ދަންނަވާފައި އިންނާނެ މީތި ވޯކް ކުރަންޏާމުން މިނިސްޓާއޭ އަހަރެން ބޭނުމޭ މީއްޗެހި [އުފައްދަން ބޭނުންވާ ތަކެތި] ކޮންމެވެސް ތާކުން ގެނެސްދޭން ވާނެއޭ،" އަންވަރު ވިދާޅުވި އެވެ.
ކޮވިޑް-19 ވައިރަސް ދުނިޔޭގައި ފެތުރުނު ފަހުން ވެންޓިލޭޓަރުގެ ޑިމާންޑު ބޮޑުވެ، ސަޕްލައި މަދުވުމުން އޭގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ދިވެހި ސަރުކާރުން މީގެ ކުރިން 151 ވެންޓިލޭޓަރު ގެންނަން 57 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. ސަރުކާރުން ހަރަދުކޮށްގެން ގެންނަ ވެންޓިލޭޓަރުތަކުގެ އިތުރުން ބޭރުގެ ބައެއް މަހުޖަނުންވެސް ވަނީ ރާއްޖެއަށް ވެންޓިލޭޓަރު ހަދިޔާކޮށްފަ އެވެ.