"ވެކްސިން އަނިޔާ" ގެ ނަމުގައި ވެކްސިން ޖެހުމާ ދެކޮޅަށް ވާހަކަދައްކާ ޓުވިޓާ އެކައުންޓެއް ސަސްޕެންޑުކޮށްފިއެވެ.

ޓުވިޓާއިން އެކައުންޓެއް ސަސްޕެންޑު ކުރަނީ، އެ އެކައުންޓަކުން ޓުވިޓާގެ ގަވާއިދުތަކާ ހިލާފުވެފައިވުމުންނެވެ.

"ވެކްސިން އަނިޔާ" ވެސް ސަސްޕެންޑުކޮށްފައި ވަނީ މީހަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ އެކައުންޓުން ވަނީ ވެކްސިން ޖެހުމާ ދެކޮޅަށް ގިނަ އަދަދެއްގެ ވާހަކަތަކެއް މީގެކުރިން ދައްކައިފައެވެ.

ޓުވިޓާއިން ވެކްސިނާ ދެކޮޅު ވާހަކަ ފަތުރާ އެކައުންޓެއް ސަސްޕެންޑްކޮށްފައި ވާއިރު، ވެކްސިން ޖެހުމާ ދެކޮޅަށް އާންމުންނަށް މައުލޫމާތުދޭ ވައިބާ ގްރޫޕެއްގެ މަައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިންނަށް ވެކްސިން ދިނުން ވަނީ ލާޒިމުކޮށްފައެވެ.

އެގޮތުން ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށާއި، އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމަކީ މައިންބަފައިންނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އަދި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ވެސް މަނާކަމެކެވެ.