06 May 2020, 13:13
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން ސްކޫލުތައް ބަންދުކޮށް، ކުޑަކުދިންނަށް ވަނީ ގޭގައި މަޑު ކުރަން ޖެހިފަ އެވެ. ނަމަވެސް އެކި ކުދިންނަށް ގެއިން ބޭރަށް ދާން ޖެހޭ ޒަރޫރީ ބޭނުންތައް ތަފާތެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ޔޫޓާގައި ދިރިއުޅޭ ފަސް އަހަރުގެ ކުއްޖަކު ވަނީ އޭނާ ދުއްވަން ބޭނުންވާ ކާރެއް ގަތުމަށް ޓަކައި، އޭނާގެ މަންމަގެ ކާރުގައި އެހެން ސްޓޭޓަކަށް ދިޔުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ނިންމާފަ އެވެ.
އެޑްރިއަން ޒަމަރިޕާ ނަމަކަށް ކިޔާ އެ ކުއްޖާ ގަންނަން ބޭނުންވީ ލަގްޒަރީ ކާރެއް ކަމަށްވާ ލަމްބޯގިނީއެކެވެ. ނަމަވެސް އެންމެ އަގުހެޔޮ މޮޑެލްތައްވެސް 180،000 ޑޮލަރަށް އަރާ އެ ކާރު ގަންނަން އެޑްރިއަންގެ މަންމަ ދެކޮޅު ހެދުމުން، އޭނާ ނިންމީ ކެލިފޯނިއާއަށް އަމިއްލައަށް ގޮސް ކާރެއް ގަންނާށެވެ. އަދި އޭނާގެ މަންމަގެ ކާރު ނަގައިގެން ދަތުރުފެށީ އޭނާގެ މަންމަ އާއި ބައްޕަ ވަޒީފާއަށް ދިޔުމުންނެވެ. އެއީ އެޑްރިއަން ބަލަން ހުރި އޭނާގެ ދައްތައަށް ނިދުނު ގަޑި ބަލާފަ އެވެ.
ޔޫޓާ ހައިވޭ ޕެޓްރޯލްއިން ބުނި ގޮތުގައި އެޑްރިއަންގެ ކާރު ހުއްޓުވީ އޭނާގެ ގެޔާ ދެ މޭލު ދުރުންނެވެ. އަދި ގަޑިއަކު 30 މޭލުގެ ބާރުމިނުގައި ދުއްވަމުން ދިޔަ އެ ކާރު ހުއްޓުވީ އެހެން ލޭންތަކަށް އެ ކާރު އަރަމުން ދިޔުމުންނެވެ.
އެޑްރިއަން ދުއްވަމުން ދިޔަ ކާރު ހުއްޓުވި އޮފިސަރު ބުނި ގޮތުގައި އެ ކާރުގައި އިނީ ކުޑަ ކުއްޖެއްކަން އެނގުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އަދި އެކުއްޖާ ވަނީ އޭނާ ދަނީ ކާރެއް ގަންނަން ކަމަށާއި އެކަމަށް ތިން ޑޮލަރު ގެންދާ ކަމަށް ވެސް ބުނެފަ އެވެ.
"މަންމަ ކާރު ގަނެދޭން ދެކޮޅު ހެދުމުން އެޑްރިއަން ނިންމީ ކެލިފޯނިއާއަށް ގޮސް އަމިއްލައަށް ކާރެއް ގަންނަން. ނަމަވެސް އޭނާގެ ވޮލެޓުގައި އޮތީ އެންމެ ތިން ޑޮލަރު ކަމުން، [ފިހާރައަށް ދެވުނު ނަމަވެސް] ކާރު ގަނެވޭނެ ހެން ހިޔެއް ނުވޭ،" ޔޫޓާ ހައިވޭ ޕެޓްރޯލްގެ ޓުވީޓެއްގައިވެ އެވެ.
އެޑްރިއަން ހުއްޓުވި އޮފިސަރު ބުނި ގޮތުގައި އެކުއްޖާ ސީޓުގެ އެންމެ ކުރީކޮޅުގައި އިންނަ އިރު ބްރޭކް ޕެޑަލްއަށް ކިރިޔާ ފައި ފޯރަނީ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އަދި ކުއްޖާގެ ބެލެނިވެރިންގެ މައްޗަށް ދައުވާ ކުރާނެކަން އެނގިފައި ނުވާ ކަމަށް ޔޫޓާގެ މީޑިއާތަކުން ބުންޏެވެ.
އެޑްރިއަންގެ އާއިލާއިން ވަނީ އެ ހާދިސާއާ ގުޅިގެން މާފަށް އެދިފަ އެވެ. އަދި ކުޑަކުދިން އަތްފޯރާ ހިސާބުގައި ކާރުގެ ތަޅުދަނޑި ނުބޭއްވުމަށް ހަނދާން ކޮށްދީފަ އެވެ.
ނަމަވެސް އެ ހާދިސާއަށް ފަހު، ލަމްބޯގިނީ ބޭނުން ކުރާ ބައެއް މީހުން ދަނީ އެމީހުންގެ ކާރުގެ ޕެސެންޖާ ސީޓުގައި ދުއްވާލަން އެޑްރިއަންއަށް ފުރުސަތު ދޭނެ ކަމަށް އާއިލާގެ ގާތުގައި ބުނަމުން ކަމަށް ކުއްޖާގެ ބެލެނިވެރިން ބުންޏެވެ. އަދި އެމީހުންނަށް ދޭނެ ޖަވާބެއް އަދި ނުނިންމާ ކަމަށް ވެސް އެ އާއިލާއިން ބުންޏެވެ.