06 May 2020, 12:56
ދެހާސް ހައްދިހަ ވަނަ އަހަރު އަންނައިރު ތިން ބިލިއަނަށް ވުރެ ގިނަ މީހުން ގަދަ ހޫނުގައި އުޅެން ޖެހިދާނެ ކަމަށް އަލަށް ހެދި ދިރާސާއެއްގައި ބުނެފި އެވެ.
އެ ދިރާސާ ކުރުމުގައި އުޅުއްވި ކްލައިމެޓް ސްޕެޝިލްސްޓެއް ޓިމް ލެންޓަން ބީބީސީއަށް ވިދާޅުވީ އެ ދިރާސާއާ އެކު ކްލައިމެޓް ޗޭންޖްގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރު ކުރިއަށް ވުރެ ބޮޑަށް އެނގިގެންގޮސްފައިވާ ކަމަށެވެ.
ޓިމް އެ ދިރާސާކޮށްފައިވަނީ ޗައިނާއާއި އެމެރިކާއާއި ޔޫރަޕްގެ ސައިންޓިސްޓުންނާ ގުޅިގެންނެވެ،
އެ ދިރާސާގައި ބުނީ ޖައްވަށް ދޫކުރާ ގޭހުގެ މިންވަރު މަދުނުކުރެވިއްޖެނަމަ ފިނިހޫނުމިން އެވްރެޖްކޮށް 29 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށެވެ.
"ކަނޑުގެ ސަރަހައްދަށް ވުރެ ބިން އަވަހަށް ހޫނުވޭ. ބިމުގެ ސަރަހައްދު ތިން ޑިގްރީ އިތުރަށް ދަނީ ހޫނުވަމުން. މިހާރު ވެސް ހޫނު ގަދަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ ދަނީ އިތުރުވަމުން." ޓިމް ވިދާޅުވި އެވެ.
އިތުރަށް ހޫނު ގަދަވާނެކަމަށް ބެލެވޭ ސަރަހައްދުތަކުގެ ތެރޭގައި އޮސްޓްރޭލިއާގެ އިތުރުގެ ސަރަހައްދުތަކާއި، އިންޑިއާ، އެފްރިކާ، ދެކުނު އެމެރިކާ އަދި މެދު އިރުމަތީގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ.
ހޫނު ގަދަވާ ސަރަހައްދުތަކުގައި ދިރުއުޅޭ ފަގީރުންނަށް މާބޮޑުކަމެއް ނުކުރެވޭނެކަންވެސް ދިރާސާގައި ވަނި ފާހަގަކޮށްފައެވެ.
"މި ދިރާސާއަކީ ހަމައެކަނި މުއްސަނދިންނަށް އަލިއަޅުވާލައިފައި އޮތް ދިރާސާއެއް ނޫން. މުއްސަނދިންނަށް އެއާކޯނާއެކު ހޫނުން ރައްކާތެރިވެވިދާނެ. ހޫނުން ރައްކާތެރިވެވޭނެ ގޮތެއް ނެތް މީހުންނާމެދު ވެސް އެބަ ޖެހޭ ވިސްނަން،" ޓިމް ވިދާޅުވި އެވެ.
މައުލޫމާތު: ބީބީސީ