22 Dec 2011, 15:22
އެމްޑީޕީން ދައްކާ ބިރަށް ފަސްޖެހުމެއް ނެތި ދިވެހި ހުރިހާ ރައްޔިތުން މާދާމާ ހަވީރު ސްނާމީ ބިނާ ސަރަހައްދުގައި އޮންނަ ބޮޑު މުޒާހާރާގައި ބައިވެރި ވުމަށް ޕީޕީއެމުން ގޮވާލައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބަދަލްވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ވަގުތީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވީ މާދަމާ މަދަނީ އިއްތިހާދުންނާއި އިދިކޮޅު ފަރާތްތައް ގުޅިގެން ބާއްވާ ބޮޑު މުޒާހަރާ އަށް ހުރަސް އެޅުމަށްޓަކައި ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ މުޒާހަރާގެ އަސަރު އެ މުޒާހަރާ އަށް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މުޒާހަރާ އަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޔަގީން ކަން އަރުވަން ބޭނުން ވަނީ ރައީސް ނަޝީދު އެ ރާވާ ރޭވުމުގައި އެއްވެސް އަސަރެއް ނުކުރާނެޔޭ. އެއްވެސް ޖެހިލުމެއް ނެތި މުޒާހަރާއަށް ހުރިހާ ބޭފުޅުން ވެސް ވަޑައި ގަންނަވާށޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝިދު އިސްކޮށް ހުންނަވައިގެން މާދަމާ އާޓިފިޝަލް ބީޗްގައި ބާއްވާ މުޒާހަރާގައި އެއްވެސް އުރަތްޕެއް ނުހުންނާނެ ކަމަށާއި، އެ މުޒާހަރާއަށް ދާނީ ރައީސް ނަޝީދާއި އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަން މޫސާ މަނިކާއި، މާރިޔާ އަހްމަދު ދީދީއާއި އެބޭފުޅުންގެ އާއިލާގެ ބޭފުޅުން އެކަނި ކަމަށެވެ.
"އެތަނަކަށް އެ މުޒާހަރާގައި ބައިވެރިވާކަށް ދިވެހި ރައްޔިތަކު ނުދާނެ. މުޒާހަރާގެ ސަބަބުން އެއްވެސް އަސަރެއް އިސްލާމް ދީނުގެ ހިމާޔަތުގައި ކުރާ މުޒާހަރާ އަކަށް ނުކުރާނެ،" އުމަރު ވިދާޅުވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ މާދަމާ ކުރާ މުޒާހަރާ އަކީ ވަރަށް ސުލްހަ ވެރިކަމާ އެކު ކުރާ މުޒާހަރާއެއް ކަމަށާއި މުޒާހަރާ ފަނިކޮށްލައި ހަމަނުޖުހެމުއްގެ ތެރެއަށް ވައްޓާލަން އެމްޑީޕީން މަސައްކަތް ކޮށްފި ނަމަ ދެން ވާނެ ގޮތެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އެމްޑީޕީ އަށާއި ސަރުކާރަށް އަޅުގަނޑުމެން ގޮވާލަފައި އޮންނާނެ އިދިކޮޅަށް މުޒާހަރާ އަށް ނުނިކުންނަށް މުޒާހަރަ ފަނިކޮށް ގަނޑުބަޑުކޮށްލާން މަސައްކަތް ކޮށްފިނަމަ އެންމެ ތަންފުކެއް ވެސް ދުލެއް ނުދޭނަން ބިރަކުން ފަހަތަށްކަށް ނުޖެހޭނެ. އަދި ސިފައިންނާއި ފުލުހުން ޣައިރު ގާނުނީގޮތުން ފަހަތަށް ޖައްސަން އުޅުނަސް އެކަމެއް އެގޮތަށް ވިޔަނުދޭނަން،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް އަދި ވިދާޅުވީ މައުލުމާތު ލިބޭ ގޮތުގައި ސަރުކާރުގެ ބައެއް ތަންތާގައި ރޯކޮށް ޓީވީ އާއި އިންޓަނެޓް ހިދުމަތް މެދުކަނޑާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަންކަން ބައިނަލްއަގްވާމީ މުޖުތަމައުއަށް އެންގުމުގެ މަސައްކަތް ޕީޕިއެމުން ކުރަމުންގެންދާ ކަމަށެވެ.
ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ވަގުތީ ނައިބް ރައިސް އަބުދުއްރަހިމް ވިދާޅުވީ މުޒާހަރާ އޮންނާތީވެ މުޒާހަރާ ފަނިކުރުމުގެ ނިޔަތުގައި އަބުދުﷲ ޔާމީނާއި މަޖިސް މެންބަރުން ފުލުހުންގެ ހިމާޔަތަށް އެދިއްޖޭ ބުނަނީ ހަގީގަތް އޮޅުވާލައި މުޒާހަރާގެ ކަންތައް އެމީހުން ބޭނުންވާ މަގުސަދެއް ހާސިލްކުރުމަށެވެ.
"އޭގެ ބޭނުމަކީ އިދިކޮޅު އިސްފަރާތްތައް ބިރުގަނެފައި ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ދައްކާ ވާހަކައެއްއެއީ،" އަބުދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ހިމާޔަތައް އެދުނުކަމަށް ދައްކާ ވާހަކައަކީ ދޮގެއްކަމަށާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރުނަށް ދޭން ޖެހޭ ސެކިއުރިޓީއަށް އެދުމަކީފުލުހުނންގެ ހިމާޔަތަށް އެދުމެއް ނޫންކަމަށެވެ.