06 May 2020, 10:54
ރ. އަތޮޅު ވާދޫއަށް މިރޭ ފަތިހު އައިސްފައިވާ ކޮޅިގަނޑެއްގައި އެރަށުގެ ބޮޑު ބަޔަކަށް އެކި ކަހަލަ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ވާދޫ ކައުންސިލުގެ ރައީސް ހުސައިން އަލީ މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި އެރަށަށް އައި ކޮޅިގަނޑެއްގައި ރަށުގެ ބޮޑު ބަޔަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އެގޮތުން ބޮޑެތި ގަސްތައް ވެއްޓި ގޭގޭގެ ފުރާޅުތަކާއި ބައެއް ފާރުތައްވެސް ވެއްޓިފައިވާ ކަމަށް އޭޭނާ ވިދާޅުވިއެވެ.
"ރަށުގެ ގޭގޭގައި ހުރި ދުވަސްވީ ބޮޑެތި ޖަނބުރޯލު ގަސްތަކާއި ބަނބުކެޔޮ ގަސްތަކުގެ އިތުރުން މަގުމަތީގައިހުރި ބައެއް ގަސްތައް އަދި ރުއްތައް ވެސް ވަނީ ކޮޅިގަނޑުގައި ވެއްޓިފައި،" އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ރަށު ކައުންސިލުގެ ޒިންމާދާރުވެރިޔާ އަހުމަދު ޒިޔާއު ވިދާޅުވީ ފަތިހު ކޮޅިގަނޑު އައިސްފައިވާއިރު ގަސްތަކާއި އެއްޗެހި ވެއްޓިފައި ހުރި ގޮތަށް ބަލާ ކަމުގައިވާނަމަ ބޮޑަށް ލަފާކުރެވެނީ ނަގޫރޯޅިއެއް އައިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމެއް ކަށަވަރު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒިޔާއު ވިދާޅުވީ އެ ކޮޅިގަނޑުގައި ރަށުގައި ހުރި ބޮޑެތި ގަސްތައް މުލުން ލުހިގެން ގޮސްފައިވާ ކަމަށެވެ.

ކޮޅިގަނޑުގައި ވާދޫގެ ގެއެއްގެ ފުރާޅު ނެއްޓިފައި --- ފޮޓޯ : ވާދޫ ކައުންސިލު
އެ ކޮޅިގަނޑުގައި ރަށުގެ 80 ވަރަކަށް ޕަސެންޓަށް އެކި ކަހަލަ ބޮޑެތި ގެއްލުން ލިބިފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 50 ޕަސެންޓް އަށްވުރެ ގިނަ ގެތަކަށްވެސް ކޮޅިގަނޑުގެ އަސަރުކޮށްފައިވާ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން ކައުންސިލުން މިއަދު ހެނދުނު ވަނީ ރަށުގެ ހާލަތު އެސެސްކޮށް ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ރަށުގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެހެން ރައްޔިތުން ގާތު އިލްތިމާސްކުރުމުން ރައްޔިތުން ނިކުމެ މިހާރުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން މަގުތައް ސާފުކުރުމާއި ވެއްޓިފައިވާ ގަސްތަކާއި ރުއްތައް ކަނޑައި އެތަކެތި ނެގުމަށް ކައުންސިލާއެކު ރައްޔިތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް ޒިޔާއު ވިދާޅުވިއެެވެ.
މިރޭ ފަތިހު ކޮޅިގަނޑެއް އައި ނަމަވެސް މިހާރު އެ ސަރަހައްދުގެ މޫސުން ރަނގަޅު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.