މައްކާއިން ފައިބާ ވަޑައިގެން އެ ބޭފުޅުން ވަޑައިގަތީ ޖިއްދާއަށެވެ. އާދަމުގެފާނުގެ ހުރިހާ ބޭފުޅުން އުފަންވެ ވަޑައިގަތީ ޖިއްދާގައެވެ. ޙައްޥާގެފާނު އަވަހާރަވެ ފަސްދާނުލެވިފައިވާ މަގުބަރާ މިއަދުވެސް ޖިއްދާގައި ފެންނާން އެބަ ހުށްޓެވެ. ޖިއްދާ މި ކަލިމައިގެ އަސްލަކީ "ޖައްދާ"އެވެ. މާނައަކީ "މާމަ" އެވެ. އެ ނަން ކިޔައިފައި ވަނީ ހުރިހައި އިންސާނުންގެ މާމަ ޙައްޥާގެފާނަށް ނިސްބަތް ކޮށެވެ.

*****

"ބައްޕާ! އާދަމުގެފާނު ފަސްދާނު ލެވިފައި ވަނީ ކޮންތާކު ތޯ؟" ސަލްމާ ސުވާލު ކުރެއްވިއެވެ.

"އާދަމުގެފާނު ފަސްދާނު ލެވިފައި ވަނީ ކޮންތަނެއްގައި ކަމާ މެދަކު ކަށަވަރު މައުލޫމާތެއް ނެތް. ތާރީޚުގެ ބައެއް ފަތްފުށްތަކުގައި ވާ ގޮތުން އެ ކަލޭގެފާނާއި އެ ކަލޭގެފާނުގެ ބޭފުޅުންނަށް މައްކާއަށް ޒިޔާރަތް ކުރުމުގެ ހުއްދަ ފަހުން ލިބިވަޑައިގަތް. އަދި އާދަމުގެފާނުގެ ދަރިކަލުން ޝީސްގެފާނު ގެފުޅު މަރާމާތު ކުރެއްވި. އާދަމުގެފާނު އަވަހާރަވުމުން ގެފުޅުގެ ކައިރީގައި އަބޫޤުބައިސް ފަރުބަދައިގެ ސަރަހައްދުގައި އެކަލޭގެފާނު ފަސްދާނު ލެއްވީ ޝީސްގެފާނު. އަދި އެހެން ބައެއް ފަތްފުށްތަކުގައި ވާ ގޮތުން އާދަމްގެފާނު ފަސްދާނު ލެވިފައިވަނީ އަރަފާތުގެެ ބިމުގައި. އަދި އާދަމުގެފާނު ފަސްދާނު ލެވިފައި ވަނީ ބައިތުލްމަޤްދިސްގައި ކަމަށް ވެސް ބުނެވޭ. އާދަމުގެފާނުގެ ދަރިކަލުން ޝީސްގެފާނުން ފަހުން އުޅުއްވީ ޝާމު ކަރައިގެ ޖަބަލު ލިބާން ސަރަހައްދުގައި އޮންނަ ބިޤާޢު ވާދީގައި." ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަޅުގަނޑު އަޑު އެހިން އާދަމުގެފާނުގެ ފައިތިލަފުޅުގެ ނިޝާން ސިލޯނުގައި ހުންނަ ފަރުބަދައެއްގައި ހުންނަ ވާހަކަ. އެ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯ؟" ސަލްމާ ސުވާލު ކުރެއްވިއެވެ.

"އެއީ ސައްހަ އެއްވެސް މަސްދަރަކުން ބާރު ލިބޭ ވާހަކައެއް ނޫން. ސިލޯނުގެ ބޫދީން އެ ތަނަށް ކިޔަނީ ޝްރީ ޕާދަ. މާތްވެގެންވާ ފިޔަވަޅުފުޅު. ބޫދީން ބުނަނީ އެއީ ބުއްދާގެ ފިޔަވަޅު ކަމަށް. ހިންދޫން ބުނަނީ އެއީ ހަނޫމާން ނުވަތަ ޝިވާގެ ފިޔަވަޅު ކަމަށް. ބައެއް ނަޞާރާއިން ބުނަނީ އެއީ ޤިއްދީސް ތޫމާސްގެ ފިޔަވަޅު ކަމަށް. އެއީ އާދަމުގެފާނުގެ ފިޔަވަޅުފުޅު ކަމަށް ބުނާން ފެށި ވެސް ނަޞާރާއިން. ފަހުން މުސްލިމުންގެ ތެރެއިން ވެސް އާއްމުންގެ ބަޔަކު އެހެން ކިޔާން ފެށީ. އިސްލާމީ އެއްވެސް މަސްދަރަކުން އެ ވާހަކައަކަށް ބާރެއް ނުލިބޭ. އެއްވެސް އިލްމުވެރިއަކު އެ ވާހަކަ އެ ގޮތަކަށް ނުދައްކަވާ. ވީމާ އަހަރެމެން އެ ވާހަކަ ގަބޫލުކޮށްގެން ނުވާނެ. އެއީ އިންސާނެއްގެ ފިޔަވަޅާ އެއް ސިފައަކަށް ފަސްހަވަރަކަށް ފޫޓުގެ ބޮޑު މިނުގައި ސިލޯނުގެ ފަރުބަދައެއްގެ މަތީގައި ހުންނަ ތަނެއް. ބެލެވޭ ގޮތުގައި އެއީ ބަޔަކު ކަނޑައި ނަގައިގެން ހަދައިފައިވާ ތަނެއް. ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ހަދީސް ބަސްފުޅަކުން ބާރު ނުލިބޭ ގޮތަށް އެފަދަ ވާހަކައެއް ގަބޫލު ކުރުމަކީ ފުރިހަމަ މުސްލިމުންގެ ގޮތެއް ނޫން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކާފާ ދެން އެހެން ވާހަކައެއް ނެތް ތޯ؟" އަމީރު މުޙައްމަދު ސުވާލު ކުރެއްވިއެވެ.

"ދެން އާ ވާހަކައެއް ފަށާކަށް މި ވަގުތު މުނާސިބެއް ނޫން. ހިނގާ ނިދާން ދަމާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެންމެ ރަނގަޅު ކާފާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

*****

ހެނދުނުގެ ނާސްތާ ކުރެއްވުމަށް ފަހު އަމީރާ ޞަފާއާއި އަމީރު މުޙައްމަދު ނުކުމެވަޑައިގަތީ ބަގީޗާއަށެވެ. އަމީރާ ޞަފާ އިންނެވީ ކުރަހާށެވެ. އަމީރު މުޙައްމަދު ހުންނެވީ ކޮންމެވެސް ކަމަކާ ހިތްޕުޅު ހަމަ ޖެހިވަޑައި ނުގެންނެވެ. އެ ވަގުތު އެ ތަނަށް އެ ދެ ބޭފުޅުންގެ މަންމަ ސަލްމާ ވަޑައިގަތެވެ. އަދި އަމީރާ ޞަފާއާ ސުވާލު ކުރެއްވިއެވެ.

"ދަރިފުޅާ! ކޮން އެއްޗެއް ތި ކުރަހަނީ؟"

"އަޅުގަނޑު މި ކުރަހަނީ އެއްކަލަ ޠުޢުމާ ކަނޑަށް ޣަރަޤު ވާ މަންޒަރު." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ރީތި ކުރެހުމެއް." ސަލްމާ ވިދާޅުވިއެވެ.

"ދަރިފުޅާ ޞަފިއްޔު! ތިޔަ ގޮތަށް ހަމަ ހިމޭންކަމާ އެކު ތިޔަ ހުރީ ކީއްވެގެން؟" ސަލްމާ އެއްސެވިއެވެ.

"ބައްޕަ ވަނީ އަޅުގަނޑު ގޮވައިގެން ޝިކާރަ ދަތުރެއްގައި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި. ދުނި ޖެހުން ފަރިތަ ކުރުމަށް. އެކަމަކު ބައްޕަ އަނެއްކާ ވެސް ރަށުން ބޭރަށް އެ ވަޑައިގަތީ." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"އެއީ ރަސްމީ ކަމެއްގައި ކޮންމެހެން ވަޑައިގަންނަވާން ޖެހިގެން." ސަލްމާ ވިދާޅުވިއެވެ.

"ކޮބައިތޯ އަޅުގަނޑުގެ ކުށަކީ. އަޅުގަނޑު ބޭނުން ވާ ކަންކަމަށް އެހެން ކަންކަމުގެ ސަބަބުން ހުރަސް އެޅޭން. މި ހަފްތާއަކީ އަޅުގަނޑު ގޮވައިގެން ޝިކާރަ ދަތުރުގައި ވަޑައިގަންނަވާން ވިދާޅުވި ހަފްތާ." އަމީރު މުޙައްމަދު ސުވާލު ކުރެއްވިއެވެ.

"މި ހަފްތާގައި ނޫނަސް ބައްޕަ އެ ވައުދު ފުއްދަވާނެ. އިންޝާ ﷲ." ސަލްމާ ވިދާޅުވިއެވެ.

"ކޮން އިރަކުން ތޯ މަންމާ؟" އަމީރު މުޙައްމަދު އެއްސެވިއެވެ.

"ބައްޕައަށް އެ ކަމަށް ވަގުތު ލިބިވަޑައިގަތުމުން ދަރިފުޅު ގޮވައިގެން ޝިކާރަ ދަތުރުގައި ވަޑައިގަންނަވާނެ." ސަލްމާ ވިދާޅުވިއެވެ.

"ކޮން އިރަކުން ތޯ ބައްޕައަށް ތިޔަ ވިދާޅުވާ ވަގުތެއް ލިބިވަޑައިގަންނަވަނީ؟ ބައްޕަ އަބަދު ވެސް އުޅުއްވަނީ ކޮންމެވެސް ކަމަކާ މަޝްއޫލު ވެގެން." އަމީރު މުޙައްމަދު ޝަކުވާގެ ރާގުގައި ވިދާޅުވިއެވެ.

"ބައްޕައާ މެދު ދަރިފުޅު ފަޚުރުވެރި ވާން ޖެހޭ. ބައްޕަ މަޝްއޫލު ވެ އުޅުއްވަނީ ރައްޔިތުންގެ ކަންކަމާ. ދައުލަތުގެ މަސްލަހަތަށް ޓަކައި. ވީމާ ބައްޕަގެ މަސައްކަތުގައި އެހީތެެރިކަމާއި އެއްބާރުލުން ދިނުމަކީ އަހަރެމެން ކުރާން ޖެހޭ ކަމެއް. ވިސްނިއްޖެ ތަ ދަރިފުޅާ؟" ސަލްމާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުވިސްނޭ." އެހެން ވިދާޅުވެފައި އަމީރު މުޙައްމަދު ވަޑައިގަތީ ކާފަ ޞަފިއްޔުއްދީނު އިންނެވި އަށްޓާ ދިމާއަށެވެ. އަދި ކާފަ ގާޒީ ޞަފިއްޔުއްދީނުގެ ކުރިފުޅު މަތީގައި ހުއްޓި ވަޑައިގެން ވިދާޅުވިއެވެ.

"ކާފައަކީ ގާޒީއެއް ނޫން ތޯ؟ އަޅުގަނޑު ބޭނުން ބައްޕަގެ ޝަކުވާއެއް ހުށަހަޅަން. ބައްޕަ އުޅުއްވާނީ އަބަދުވެސް ކޮންމެވެސް ކަމެއްގައި މަޝްއޫލު ވެ ވަޑައިގެން. ނޫނީ ކޮންމެވެސް ދަތުރެއްގައި. އަޅުގަނޑު ގޮވައިގެން ބޭރަށް ވަޑައިގަންނަވާނެ ވާހަކައާއި އަޅުގަނޑާ އެކު ކުޅުއްވާނެ ވާހަކައާއި އަޅުގަނޑު ގޮވައިގެެން ޝިކާރައަށް ވަޑައިގަންނަވާނެ ވާހަކަ ވިދާޅުވާނެ. އެކަމަކު ދުވަހަކުވެސް އެ ވައުދެއް ނުފުއްދަވާ." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ހމމ. ގަސްތުގައި ވައުދު ނުފުއްދައި ހުރުމަކީ ވަރަށް ބޮޑު މައްސަލައެއް. ހިނގާ ތިޔަ މައްސަލަ ބަލަމާ. ދަރިފުޅުގެ ބައްޕަ އަމީރު މުރާދު ޚާލިދު ހަމަ ޔަގީނުން ވެސް ދަރިފުޅު ގޮވައިގެން ޝިކާރަ ދަތުރެއްގައި ވަޑައިގަތުމަށް އޮތީ ނިންމަވައިފަ. ކާފަ ގާތުގައި ވެސް އެ ވާހަކަ ދެއްކެވި." ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ދެން ކީއްވެ ތޯ ވަޑައިނުގަންނަވަނީ؟" އަމީރު މުޙައްމަދު އެއްސެވިއެވެ.

"އަމިއްލަފުޅު މަސްލަހަތަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވާތީ. ދައުލަތުގެ ވަރަށް މުހިއްމު މަސްއޫލިއްޔަތުތަކެއްގެ ޒިއްމާ ކޮނޑުފުޅުގައި އަޅުއްވައިގެން ބައްޕަ އެ ޚިދުމަތް ކުރައްވަނީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ބައްޕަގެ މަސްއޫލިއްޔަތުތަކުގެ ސަބަބުން އަޅުގަނޑުގެ ކަންކަމަށް ހުރަސް އެޅޭން ވީ ކީއްވެ ތޯ؟ ބައްޕައާ އެކު ކުޅިވަރު ކުޅެ މުނިފޫހިފިލުވުމަކީ އަޅުގަނޑުގެ ހައްގެއް ނޫންތޯ؟" އަމީރު މުޙައްމަދު އެއްސެވިއެވެ.

"ބައްޕައަކީ އެއްމެ މީހެއް. ވީމާ އެއް ވަގުތަކާ ހުރިހާ ކަމެއް ނުކުރެވޭނެ. ދަރިފުޅު ބައްޕައާ އެކު ކުރާން ބޭނުން ވާ ކަމަކަށް ބައްޕައަށް ވަގުތު ދެއްވޭނީ ބައްޕައަށް ވަގުތު ލިބިވަޑައިގަތުމުން. ވީމާ ދަރިފުޅު އެބަ ޖެހޭ އެކަން ގަބޫލު ކުރަން. ދަރިފުޅާ އަހަރެމެން މި ދުނިޔޭގައި މި އުޅެނީ އެކަންޏެއް ނޫން." ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ތިޔަ ވާހަކަތަކެއް ފަހުމެއް ނުވޭ. އަޅުގަނޑަށް އެނގެނީ އެއީ އަޅުގަނޑުގެ ބައްޕަ ކަަން. އަޅުގަނޑަށް ވަގުތު ދެއްވާން ޖެހޭނެ ކަން." އަމީރު މުޙައްމަދު ވިިދާޅުވިއެވެ.

"ތިޔަ ކަމަކަށް ކާފަ އިންކާރެއް ނުކުރަން. ކާފަ މި ބުނީ އާއްމު ރައްޔިތުންގެ މަސްލަހަތު އޮތް ކަމެއްގައި އަމިއްލަ މަސްލަހަތަށް ވުރެ އިސްކަން ދޭން ޖެހޭނީ އާއްމު ރައްޔިތުންގެ މަސްލަހަތަށޭ. އޭރުންނޭ ހަގީގީ މާނައިގައި އަމިއްލަ މަސްލަހަތު ވެސް ހިމާޔަތް ކުރެވޭނީ." ގާޒީ ޞަފިއްޔުއްދީނުު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުވިސްނޭ ކާފަ ތިޔަ ވިދާޅުވާ އެއްޗެއް." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ކާފަ މި ދައްކާ ވާހަކަ ދަރިފުޅަށް ފަހުމުވުމުގައި އެހީއަކަށް ވާނޭ އިބުރަތްތެރި ވާހަކައެއް ކާފަ ކިޔައިދޭނަން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަވަހަށް ވާހަކަ ކިޔައިދެއްވާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"އަހަރެމެންގެ މި ވާހަކައަކީ ކަޢުބު ބްނު މާލިކުގެ ވާހަކަ. އެއީ އީމާންކަން ވަރުގަދަ ބޭކަލެއް. ހިތްވަރުގަދަ މުޖާހިދެއް. މި ހުރިހައި ރަނގަޅު ސިފައަކާ އެކު ވެސް ވަރަށް ބޮޑު ކުށެއް އޭނާއަށް ކުރެއްވުނު." ގާޒީ ޞަފިއްޔުއްދީނު ވާހަކަ ކިޔައި ދެއްވާން ފެށްޓެވިއެވެ.

*****

"ބައްޕާ! މަދީނާގެ ހުރިހައި ކުޑަކުދީން ދައްކަނީ އަހަރެމެންގެ މައްޗަށް ރޫމީންގެ ވަރުގަދަ ހަމަލާއެއް އަންނާން އުޅޭ ވާހަކަ. އެއީ ކޮން ވާހަކައެއް ތޯ؟" ޢަބްދުﷲ ބުންޏެވެ.

"ދަރިފުޅު ތިޔަ ހުރީ ބިރުން ތަ؟" ކަޢުބު އޭނާގެ ދަރިފުޅު ޢަބްދުﷲ ގެ ގާތުން އެހިއެވެ.

ނޫން. އަޅުގަނޑު ބިރެއް ނުގަނޭ. އަޅުގަނޑަކީ ވެސް ބައްޕަ ފަދަ ބަޠަލެއް. އިންޝާ ﷲ." ޢަބްދުﷲ ބުންޏެވެ.

"އެކުވެރި ކުދީންނާ އެކު ކުޅޭން ދޭ ދަރިފުޅާ." ޢަބްދުﷲގެ މަންމަ ބުންޏެވެ.

"ވިދާޅުވި ގޮތެއް މަންމާ!" ޢަބްދުﷲ އެހެން ބުނެފައި ހިނގައިގަތެވެ.

"ބުނެބަލަ! ބާޒާރުމަތީގައި އެ ދެކެވޭ ވާހަކައަކީ ތެދެއްތަ؟" ޢަބްްދުﷲގެ މަންމަ އަދި ކަޢުބުގެ އަންހެނުން ކަޢުބު ކުރެން އެހިއެވެ.

"އާނ! ރޫމީން ދަނީ އަހަރެމެންނާ ހަނގުރާމަ ކުރުމަށް ތައްޔާރު ވަމުން. އެކަމަކު ﷲގެ ރަސޫލާ ވަނީ އެކަމާ ކުރިމަތި ލައްވާނެ ހިކުމަތްތެރި ގޮތެއް ނިންމަވައިފަ." ކަޢުބު ބުންޏެވެ.

"އެއީ ކިހިނެއް؟ ﷲއަށް ޓަކައި ބުނެބަލަ!" ކަޢުބުގެ އަންހެނުން ބުންޏެވެ.

"އެމީހުން އައިސް ޙަމަލާ ދިނުމުގެ ކުރީން އެ މީހުންނާ ކުރިމަތި ލުމަށް އަހަރެމެން ތަބޫކަށް ދާ ގޮތަށް." ކަޢުބު އޭނާގެ އަންހެނުންނަށް ކިޔައި ދިނެވެ.

"ތަބޫކަށޭ! އެ ރަށާއި މަދީނާއާ ދެމެދު ހުރި ދުރުމިން ކުރެއް ނޫން." ކަޢުބުގެ އަންހެނުން ބުންޏެވެ.

"އާނ. ތިޔަ ބުނީ ތެދެއް. އެ ހިސާބަށް ދެވޭނީ 10 ދުވަހުން ނުވަތަ އެއަށް ވުރެ ދުވަސް އިތުރު ވެސް ވެދާނެ." ކަޢުބު ބުންޏެވެ.

"ތިޔަ ދަތުރަށް އަހާއި ޖަމަލު ހޯދަނީ ކޮންް ތާކުން؟" ކަޢުބުގެ އަންހެނުން ސުވާލު ކުރިއެވެ.

"ނަބިއްޔާ މި ކަން ތަދުބީރު ކުރެއްވުމުގައި ތިޔަ ކަން ހަނދުމަފުޅު ނައްތަވައެއް ނުލައްވާ." ކަޢުބު ބުންޏެވެ.

"ޞައްލަﷲ ޢަލައިހި ޥަސައްލަމް! ކޮން ގޮތަކަށް އިރުޝާދު ދެއްވީ؟" ކަޢުބުގެ އަންހެނުން އެހިއެވެ.

"ކޮންމެ ޖަމަލެއްގައި ދަތުރު ކުރާނީ ތިން މީހަކު. ނުވަތަ އަހުގައި. ދަތުރުގެ މަސާފަތުގެ ތިންބައިކުޅަ އެއްބައިގައި ކޮންމެ މީހަކު ވެސް ދާނީ ސަވާރު ވެގެން. ދެން ތިބޭ މީހުން ދާނީ އެމީހުންގެ ސަވާރުވުމުގެ ވަގުތު އަންނާން ދެން ހިނގާފައި." ކަޢުބު ބުންޏެވެ.

"ތިޔައީ ހާދަަ އުނދަގޫ ދަތުރެކޭ!" ކަޢުބުގެ އަންހެނުން ބުންޏެވެ.

"އާނ. ޚާއްޞަކޮށް މި ގަދަފަދަ ހޫނުގައި." ކަޢުބު ބުންޏެވެ.

"ބަގީޗާއިން މޭވާ ބިނދެ ގެނައުމަށް ފުދޭ ވަރުގެ ވަގުތު ލިބޭނެ ތަ ތިޔަ ދަތުރުގެ ކުރީން. ނުވަތަ އެ ކަން ތިޔަ ދަތުރު ގޮސް އައުމުގެ ފަހަށް ލަސް ކޮށް ލާނީ ތަ؟" ކަޢުބުގެ އަންހެނުން ސުވާލު ކުރިއެވެ.

"މޭވާތައް ފީވެދާނެ ކަމުގެ ބިރު އެބަ އޮތް. އެހެންވީމާ އެންމެ ފުރަތަމައަށް އެކަން ކުރާނީ. ﷲއާ ވަކީލް." ކަޢުބު ބުންޏެވެ.

- ނުނިމޭ -