07 May 2020, 13:33
މުޅި ދުނިޔެއަށް އިއްތިފާގުވެވޭ އެއްކަމެއް އެބަ އޮތެވެ؛ ހަލުއިކަމާ އެކު ފެތުރިގެންދާ ކޮރޯނާވައިރަސް މައިިތިރިކުރަން އޮތީ "ގޭ ބަންދުވުން" ނުވަތަ ލޮކްޑައުން އެވެ. ލޮކްޑައުންއެއްގެ ހަރުކަށިކަން އޮންނަ މިންވަރަކަށް ވައިރަސް މައިތިރިވެ މަޑުޖެހެ އެވެ. ވައިރަސް ބާރަށް ފެތުރިގަތް ގައުމުތައް ކަމަށްވާ، އިޓަލީ ސްޕެއިން އަދި އިނގިރޭސިވިލާތުން އެ ވައިރަސް މައިތިރި ކުރީ މުޅި ގައުމު ބަންދުކޮށްގެންނެވެ. ބޭނުމަކީ، ސިއްހީ ނިޒާމާ އެއްވަރެއްގައި ވައިރަސް މައިތިރިކޮށް، ވައިރަހާ ދެކޮޅު ފިޔަވަޅުތައް އަޅަން ވަގުތު ހޯދުމެވެ. ސިއްހީ ބޭފުޅުންގެ ނަޒަރުގައި ލޮކްޑައުންއަކީ ކޮރޯނާވައިރަސް އެއްކޮށް މަރާލާ ފިޔަވަޅެއް ނޫނެވެ. ނަމަވެސް، އެއީ ވައިރަސް ފެތުރިގަންނަ ހަލުއިކަން ނުވަތަ ސްޕީޑް ދަށްކޮށްލުމުގެ ފިޔަވަޅެކެވެ.
އެކަމަކު ގަބޫލު ކުރަން ޖެހޭ އެހެން ހަގީގަތެއް ވެސް އެބަ އޮތެވެ. ލޮކްޑައުންއާ އެކު ގައުމުތަކާއި ރައްޔިތުން ދައްކަން ޖެހޭ އަގު އުޅެނީ، އެތައް ޓްރިލިއަން ޑޮލަރެއްގަ އެވެ. ވިޔަފާރިތަކާއި އިގްތިސާދު މުޅިން ހަލާކުވެ، ވަޒީފާ ގެއްލި އަތްމަތި ދަތިވެ އެތައް ބަޔަކު ފަގީރުވެދެ އެވެ. ރާއްޖެ ލޮކްޑައުންއަކަށް ދިޔަފަހުން މަހަކާއި ދުވަސްކޮޅެއްވެފައިވާ އިރު، އެ ހަގީގަތުން ރާއްޖެ ވެސް އިސްތިސްނާއެއް ނުވެ އެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ސޯބު ޓޫރިޒަމް ހުއްޓި، ރާއްޖެ މި އޮތީ ކަރުތާ ފެނުގަ އެވެ. އެތައް ހާސްބައެއްގެ ވަޒީފާ ގެއްލި އަތް މަތި ދަތިވެއްޖެ އެވެ. އޭގެ އަސަރު އާންމު ވިޔަފާރިތަކަށްކޮށް، ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކެއް ވެސް ހުރީ ބަނގުރޫޓްވުމުގެ މަގުމަތީގަ އެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވާ ގޮތަށް މުޅި ރާއްޖޭގެ އިގްތިސާދު މި އޮތީ ވެންޓިލޭޓަރުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވަނީ، ރާއްޖެއަށް ވެސް އަބަދު މިގޮތަށް ނުތިބެވޭނެ ކަމަށެވެ. ދިވެހިންނަށް ވެސް އޮތް މަގަކީ، މި ވައިރަހާ އެކު އުޅެން ދަސްކޮށް "ނިއު ނޯމަލް"އަށް ބަދަލުވުން ކަމުގެ ވިޝަން އެމަނިކުފާނު ވެސް ގެންގުޅުއްވަ އެވެ.

އޭޕްރީލް 24، 2020: ލޮކްޑައުންގައި މާލޭގެ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަމަވެސް، އެ މަގުން ހިނގާ ނަމަ، ދައްކަން ޖެހޭ އަގުވެސް ވަކި ކުޑައެއް ނުވާނެ އެވެ. މާނައަކީ، ބަލި ޖެހޭ މީހުން ގިނަވެ ބަލީގައި ސީރިއަސްވާ މީހުންނާއި ދުނިޔެ ދޫކުރާ މީހުން ގިނަވުމުގެ ފުރުސަތު މި ހާލަތުގައި ވަރަށް ބޮޑަށް އޮންނާނެތީ އެވެ. ކޮމިޔުނިޓީ ސްޕްރެޑުގެ އެންމެ ނުރައްކާ ދަރަޖައަށް ވެއްޓުނު ގައުމުތަކުން މި ހިތި ބޭސް ބުއިގޮތަށް، ރާއްޖެއިން ވެސް އެ ވޭން އުފުލަން ނުޖެހި، ނުދާނެ އެވެ.
ދެން ރާއްޖެ ކުރިމަތިލާނީ އެ މަރުހަލާއަށް ކަމުގެ އިޝާރާތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑޮމިލޮޖިސްޓް، ޑރ. އިބްރާހިމް އަފްޒަލް ރޭ ވެސް ދެއްވި އެވެ.
"ހަގީގަތުގައި އަޅުގަނޑުމެން ޓްރޫ ޕީކްއޭ މިކިޔާ ޕީކްއަކީ، ލޮކްޑައުންއިން ބޭރުގައި އަންނަ ޕީކްއެއް، މާނައަކީ ލޮކްޑައުން ހުޅުވާލުމަށްފަހު އެ ފެތުރިގެންދާ ދިޔުމުގައި އަންނަ ޕީކެއްގެ ވާހަކަ އެ އަންނަ ނެޗުރަލް ޑިޒީޒްގެ (ބަލީގެ ގުދުރަތީ) ޕީކްއަކީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ދެން ކުރިމަތިލާން ޖެހެނީ ހަގީގީ ޕީކްއަކާ އެވެ. އޭގެ މާނައަކީ، ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުވެސް، އާންމު ހާލަތުގައި ބަލި ފެތުރެން ދޫކޮށްލުމެވެ. އެއީ މިބަލިމަޑުކަމުން އަރައިގަންނަން ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ގިރާކުރި ހަރުފަތެކެވެ. އަދި އެއީ، ދިވެހިން ވެސް ކުރިމަތިލާން ޖެހޭ ހިތި ހަގީގަތެކެވެ.
ރާއްޖެއަށް ވެސް "ނިއު ނޯމަލް" އާއި އިގްތިސާދު ހުޅުވުން!
"އަޅުގަނޑުމެންގެ ސިއްހީ ދާއިރާގެ ބޭފުޅުން ވެސް ވިސްނަންވަން އެބަ ޖެހިވަޑައިގަންނަވާ، އެބޭފުޅުންގެ ސިކުނޑިތައް ގާނާލައްވައިގެން ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކެއް ވެސް ހިންގޭނެ ގޮތްތަކެއްގެ ހައްލުތަކެއް އެބަ ހޯއްދަވައި ދެއްވަން. އެހެން ނޫނީ އަޅުގަނޑުމެންގެ އިގްތިސާދު އެކީ މަރުވެގެން ހިނގައިދާނެ. އަދި އެއަށް ފަހު އަޅުގަނޑުމެންނަށް ނޭނގި ތިއްބާ ކުރިމަތިވާން އޮތް މައްސަލަތައް މާބޮޑުވެދާނެ،" އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި، އަދި އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ، ޑރ. ފަޒީލް ނަޖީބު ވިދާޅުވި އެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ދެކޮޅަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯއިން ކުރާ މަސައްކަތުގައި އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމުގެ އިތުރަށް، "ސޭވިން ލައިވްލި ހުޑް" ނުވަތަ ރައްޔިތުންގެ ދިރިއުޅުން ހިމާޔަތް ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ. އިގްތިސާދީ ތަޖުރިބާކާރުން ވެސް އެ ވާހަކަތަށް އެކި ރާގުރާގަށް ފަށްފަށް ކުރައްވާއިރު، އެއީ އާންމު ރައްޔިތުންގެ މެދުގައި އެހާ މަގުބޫލު ވާހަކައަކަށް ނުވެދާނެ އެވެ.

އޭޕްރީލް 22، 2020: މާލެ ލޮކްޑައުންކޮށްފައިވާއިރު އާންމުން ވިޔަފާރި ކުރަން ފިހާރައެއްގެ ދޮށުގައި ކިޔު ހަދާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެކަމަކު އިގްތިސާދީ ހަގީގަތަކީ ވިޔަފާރީގެ ހަރަކާތްތައް ފެށޭނީ އާންމުންނަށް ބޭރަށް ނިކުމެ ހެލިފެލިވެ، އުޅެވޭނެ ގޮތްތަކެއް ވެގެންނެވެ. ވިޔަފާރިތައް ހިނގައި ގަންނާނީ ސައިހޮޓާތަކާއި ފިހާރަތަކާއި އެހެން ވެސް ވިޔަފާރިތަކުން ވިޔަފާރިކޮށްގެންނެވެ. އާންމުންގެ އަތުގައި ފައިސާ ހުންނާނީ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އަކުން، ފައިދާވެ އެ މީހުންނަށް މުސާރަ ލިބިގެންނެވެ. އިގްތިސާދަކީ އެއްބޮޅު، އަނެއް ބޮޅާ ގުޅިފައިވާ ޗޭނުގަނޑެެއް ފަދަ އެެއްޗެކެވެ. ޗޭނުގަނޑުން އެންމެ ބޮޅެއް ބުރިވެގެން ދިޔަ ނަމަވެސް، އޭގެ އަސަރު އެންމެ ފުރަތަމަ ކުރާނީ އާންމު ރައްޔިތު މީހާގެ ޖީބަށެވެ.
އެހެންވެ، ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ކޮރޯނާވައިރަސް ފެތުރިގެން ދިޔުމަށް ވުރެ "ލޮކްޑައުން"ގެ ސަބަބުން ރައްޔިތުން ދައްކަން ޖެހޭ އަގު އެތައް ތަނެއް ބޮޑުވެ އެވެ. އެކަމަކު މީގެ މާނައަކީ ރައްޔިތުންގެ ފުރާނަ ގުރުބާން ކޮށްފައި އިގްތިސާދު ހުޅުވާލުމެއް ވެސް ނޫނެވެ.
އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވާ ގޮތުގައި ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ވެސް މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކަތެރި ކަމާ ގުޅޭ އެއްވެސް ކަމެއްގައި މި ސަރުކާރުން އެއްވެސް ރިސްކެއް ނުނަގާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. މިއީ، އާންމުން ވަރަށް ގަދަޔަށް އަތް ޖަހައި ތަރުހީބު ދޭނެ، "ވަރަށް ޕޮޕިއުލާ" ވާހަކައަކަށް ވެދާނެ އެވެ. އެކަމަކު މިއީ ކަމުގެ ހަގީގަތާ ކިހާ ގާތް ވާހަކައެއް ހެއްޔެވެ؟
އޭޕްރީލް 2، 2020: ރާއްޖެއަށް އޮންއެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮރޯނާވައިރަހާ އެކު އިގްތިސާދެއް ކުރިއަށް ގެންދިއުމުގެ ބަހުސް ފަށަން ޖެހެނީ، މިދެބައި ހަމަހަމަ ވާނެ ގޮތަކަށް އިގްތިސާދު ހުޅުވާލެވޭނެ ވިސްނުންތަކެއްގެ ތެރެއިންނެވެ. އެހެންވީއިރު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަމުން، އިގްތިސާދެއް ހިންގާލުމަށް ރާއްޖެ އެނބުރެންވީ މަގަކީ ކޮބައި ހެއްޔެވެ؟
އިގްތިސާދު ހުޅުވޭނީ ރޭވުންތެރި ޕްލޭނަކުން!
ކޮރޯނާވައިރަހާ އެކު އިގްތިސާދެއް ހުޅުވާލުމަކީ އޭގެ ވަށައިގެން އެތައް ނުރައްކަލެއް ހުރިކަމެވެ. ސާފު ސީދާ ތެދަށް ބުނާ ނަމަ، އެއީ އިންސާނުންގެ ފުރާނައާ ކުޅެލުން ކަމަށް ދެކުމުގެ ޖާގައެއް މިކަމުގައި އޮންނާނެ އެވެ. އެހެންވެ ދުނިޔޭގެ ގައުމުތަކުން އެކަމުގައި އަމަލު ކުރަނީ ދުރާލާ ރޭވުންތަކެއް ރާވައި ލަނޑުދަޑިތަކެއް ކަނޑައަޅައި ކަރުދާހަށް އެ ކަންކަން ތިރިކޮށްގެންނެވެ. އެއީ ސިއްްހީ މާހިރުންނާއި އިގްތިސާދި ތަޖުރިބާކާރުންނާއި ސިޔާސީ ލީޑަރުންގެ އަދި ޓެކްނޮކްރެޓުންގެ މެދުގައި ކުރެވޭ މަޝްވަރާތަކުގެ ނަތީޖާ އެވެ.
ދުނިޔޭގެ ގިނަ ގައުމުތައް އެނބުރެމުން އެދަނީ އެ ގައުމުތަކުގެ އާންމުން ބަންދުން ވީއްލާ އިގްތިސާދު ހުޅުވާލުމާ ދިމާލަށެވެ. އެންމެ ހަރުކަށި ލޮކްޑައުންއެއްގައި އޮތް އިޓަލީ އާއި ސްޕއިން މަޑުމަޑުން ބަންދުން ވީއްލާން ފަށައި އާންމުން ގޭންބޭރަށް ނިކުންނަން ހުއްދަ ދީފި އެވެ. ޖަރުމަނުގެ ސްކޫލްތައް ހުޅުވައި ފުޓްބޯޅަ މެޗްތައް ފަށަން ތައްޔާރުވެއްޖެ އެވެ. އަދި އެންމެ ފުރަތަމަ ވައިރަސް ފެށުނު ޗައިނާގެ ރައްޔިތުން ގާތްގަނޑަކަށްހެން އާންމު ދިރިއުޅުމަށް މިހާރު ރުޖޫއަވެއްޖެ އެވެ. އެކަމަކު މި ހުރިހާ ގައުމެއްގައި ވެސް އިގްތިސާދު ހުޅުވުމުގައި އެއްކަމެއް ގެންގުޅެވެ އެވެ. އިގްތިސާދު އަލުން ހުޅުވައި ރައްޔިތުން އާންމު ދިރިއުޅުމަށް ގެންނާނެ ގޮތުގެ މަގު ޗާޓެކެވެ. އެއީ ފިލިން ފިއްޔަށް ލިޔެ، ހިސާބު ޖަހައި އާންމު ކުރާ މަގުޗާޓެކެވެ.
މިސާލަކަށް އެމެރިކާ މެރީލޭންޑް ސްޓޭޓުން އެތަނުގެ އާންމުން ނިއު ނޯމަލްއަށް ތައްޔާރުކޮށް އިގްތިސާދު ހުޅުވުމުގެ ކުރިން،މަގު ޗާޓެއް އެކުލަވާލައި ވަރުގަދަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމާއި އާންމުން އެއްވާ ތަންތަނުގައި ގައިދުރު ކުރުމުގެ މެކޭނިޒަމްތައް އަންނަނީ ގާއިމް ކުރަމުންނެވެ. އަދި ސިއްހީ ފަރުވާ ދޭނެ ތަންތަން ގާއިމްކޮށް، އެކަންކަމުގައި އުޅޭ ފަރާތްތަކަށް ބޭނުންވާނެ ސާމާނު އަންނަނީ އެއްކުރަމުންނެވެ. އެ ފިޔަވަޅުތައް އަޅާ ނިންމާނެ ގޮތުގެ ޓައިމްލަނެއް ވަނީ އެކުލާވާލައިފަ އެވެ.
އިގްތިސާދު ހުޅުވުމަށް މެރީލޭންޑްގެ ފިޔަވަޅުތައް:
1. ބައި މިލިއަން މީހުން ޓެސްޓް ކުރެވޭނެ ކެޕޭސިޓީ ގާއިމްކުރުން.
2. 6،700 މީހުންނަށް ފަރުވާދެވޭނެ ވަރަށް އެނދުތައް އިތުރުކުން.
3. ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ ސާމާނު ގުދަންކުރުން.
4. ދުވާލަކު 1،000 އާ ކޭސް ޓްރޭސް ކުރެވޭނެ ވަރަށް ޓްރޭސިން ކެޕޭސިޓީ އިތުރުކުުރުން.
މި ފިޔަވަޅުތަކަށް ފަހު، ވިޔަފާރިތައް ހުޅުވާނެ ތާރީހުތަކާއި ގޮތްތައް ސާފުކޮށް ލިޔެފައިވެ އެވެ. އެ ސްޓޭޓްގެ ގަވަރުނަރު ވިދާޅުވާ ގޮތުގައި، އެ މަގުޗާޓްގެ ބޭނުމަކީ މާޔޫސްވެފައިވާ އާންމުންނަށް އުންމީދެއް ގެނެސްދީ، އިގްތިސާދަށް ދިރުމެއް ގެނެސް ދިނުމެވެ.
އެކަމަކު ރާއްޖެއިން އެކަހަލަ ޕްލޭނެއް އެބަ ފެނޭ ހެއްޔެވެ؟ ސަރުކާރުން އެކަމުގައި ގެންގުޅޭނެ ޕްލޭނެއް ލިޔެވި ހިސާބުކޮށްފައި އެބަ އޮތް ހެއްޔެވެ؟ އިގްތިސާދު ހުޅުވުމުގައި ސަރުކާރުގެ ވިޝަންއަކީ ކޮބައި ހެއްޔެވެ؟

ރައީސް ސޯލިހު އޮންލައިންކޮށް ޓާސްކް ފޯހުގެ ބައްދަލުވުމެއް ޗެއާކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގައުމީ ޓާސްކް ފޯހެއް ވަނީ އެކަމަށް އެކުލަލާވައިފަ އެވެ. އެކަމަކު އެ ޓާސްކް ފޯހުން ރާއްޖެ ހުޅުވާލާނެ ގޮތުގެ މަގު ޗާޓެއް ކުރަހައެއް ނުދެވެ އެވެ. އެކި ފަހަރު ސަރުކާރުގެ ވިޝަން އެކި ގޮތަށް ބަދަލުވެ އެވެ. ސްޓިމްލަސް ޕެކޭޖް ރިލީފް ޕެކޭޖަށް ބަދަލުވެ އެވެ. ސަރުކާރުގެ ހަރަދުތައް މަނިޓައިޒްކުރަން އެމްއެމްއޭގައި ފައިސާއަށް ނޭދޭނެ ކަމަށް ބުނުމަށް ފަހު، އެކަން ވެސް ކުރަން ޖެހުނެވެ.
ސަރުކާރުގެ މި ސިޔާސަތުތައް ލާހޫރޭ ގޮތެއްގައި މިދަނީ، ރާއްޖެ އާންމު ހާލަތަކަށް ގެންނަން ލިޔެވި ހިސާބު ކުރެވިފައިވާ މަގު ޗާޓެއް ނެތީމައި ހެއްޔެވެ؟ އިގްތިސާދު އަލުން ހުޅުވާލޭނެ ގޮތުގެ ސާފު ވިޝަންއެއް ސަރުކާރުގެ ނެތީ ހެއްޔެވެ؟ އެކަމަކަށް މުޅި އަހަރު ހޭދަކުރާނެހާ ވަގުތެއް ނެތެވެ. ބަންދުވެފައި އޮތް ދުނިޔެ މިދަނީ ހުޅުވުމަކަށެވެ. ސަރަހައްދުގެ ގައުމުތައް ވެސް މި ހިނގަނީ އެމަގުންނެވެ. ރާއްޖެއަށް ވުރެ ކުރިން ސަރަހައްދުގެ ގައުމުތައް ފައިދާ ނަގައި ކުރިއަށް ދެމިގެންފި ނަމަ، ރާއްޖެއަށް ގެއްލުނުތައް ހޯދަން ވަރަށް ދަތިވާނެ އެވެ.
ފުރަތަމަ ސާފުވާންވީ، ރާއްޖޭގައި މި އޮތް ކޮމިޔުނިޓީ ސްޕްރެޑް މައިތިރިކުރަން ސަރުކާރުން ރާވާފައިވާ ޕްލޭނެވެ. ހާސިލް ކުރަން މަސައްކަތް ކުރާ ލަނޑުދަނޑި އެވެ. އިގްތިސާދު ހުޅުވާނީ ކިހާ އަދަދަކަށް ކޭސްތައް މަދުކޮށްފައި ކޮންއިރަކު ކޮން ތާރީހެއްގައި ހެއްޔެވެ؟ ރާއްޖެއަށް ވެސް މިވަގުތަށް ބޭނުންވަނީ އެ ހުރިހާ ކަމެއް ވަށައި ޖެހޭ ގޮތަށް އޮންނަ އިގްތިސާދީ މަގުޗާޓެކެވެ. އެ ޗާޓް އާންމުކޮށް އެއަށް އަމަލު ކުރުމެވެ. ރާއްޖެއަށް ވެސް އޮތީ ފަރުވާތެރިކަމާ އެކު އިގްތިސާދު ހުޅުވުމެވެ. އާންމުން "ނިއު ނޯމަލް"އަށް ތައްޔާރުކުރުމެވެ. އެކަން ކުރެވޭނީ ސަރުކާރުގެ ވިޝަނަރީ ސިޔާސަތަކުންނެވެ.