ގިނަ ބާވަތްތަކަކުން ޑިއުޓީ ކަނޑާލަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނައިރު، ޓޫރިޒަމްގެ ބޭނުމަށް ގެންނަ އުޅަނދުފަހަރުން ޑިއުޓީ ކަނޑާލުމުން ދިވެހި ސަފާރީ ޔޮޓްތަކުގެ ވިޔަފާރި އަށް ހުއްޓުމެއް އައިސްފާނެ ކަމަށް ބުނެ ސަފާރީ ޔޮޓްތައް ތަމްސީލްކުރާ، ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ޓޫރިޒަމްގެ ބޭނުމަށް ވަކި މުއްދަތެއް ނެތް ގޮތަށް ޑިއުޓީ ފްރީކޮށް އުނޅަދު ފަހަރު އެތެރެކޮށް ބޭނުންކުރެވޭ ގޮތަށް އޮތް އޮތުމަކީ ރާއްޖެ އިން ބޭރުގައި ސަފާރީ ޔޮޓްގެ ވިޔަފާރިތައް ކުރާ ކުންފުނިތަކުން ބޮޑަތި ބޯޓު ރާއްޖެ ގެނެސް ވިޔަފާރި ކުރަން މަގުފަހިވާނެ ކަމެއް ކަމަށާއި އެހެންވެއްޖެ ނަމަ އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ވެރިންނަށް ފުރުސަތުތައް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

"... އެގޮތަށް (ރާއްޖޭގެ އިގްތިސޯދު) ހުޅުވާލަންވާނީ ރާއްޖޭގައި ވެސް މި ވަގުތު ތިބި އިންވެސްޓަރުން އެކަމުގެ ގެއްލުން ނުވާނެ ފަދަ ގޮތަކަށެވެ. އެގޮތުން އެކަހަލަ މިސާލެއް މި ދުވަސްވަރު އަވަށްޓެރި އިންޑިއާއިން (ފެނެއެވެ). ބޭރުގެ އިންވެސްޓަރުންނަށް ސްޕަމާކެޓްތައް ހުޅުވާލަން ނިންމާފައި އެންމެ ފަހުވަގުތު އިންޑިއާގެ ވިޔަފާރިތަކަށްވާނެ ގެއްލުން ވިސްނިގެން ނުކުރާ ގޮތަށް ނިންމުން އެއީ ކޮންމެ ގައުމަކުން ވެސް އެ ބައެއްގެ ލޯކަލް ވިޔަފާރި އާ މެދު ވިސްނާކަން ފެންނަ މިސާލެކެވެ،" އެ ޖަމްއިއްޔާގެ ބަޔާނުގައިވެ އެވެ.

ސަފާރީބޯޓުތަކުގެ ސަބަބުން ދިވެހިން ވަޑިންނަށާއި އަދި ދިވެހިންނަށް އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ހުޅުވޭކަމަށް ބުނަމުން ލިވަބޯޑުން ބުނީ 10 މީޓަރާއި 30 މީޓަރުގެ އުޅަނދުތައް ރާއްޖެ އެތެރެ ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށާއި އަދި ވަގުތީ ގޮތުން އެތެރެކުރެވޭ އުޅަނދުތައް ވެސް ރާއްޖޭގެ ގެންގުޅެވޭނެ ވަކި މުއްދަތެއް ގާނޫނުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.

އަދި އެގޮތަށް އެތެރެކުރާ އުޅަނދުތަކުން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް އެއްވެސް ޓެކްސްއެއް ސަރުކާރަށް ދެއްކުމެއް ނެތި ރާއްޖޭގައި އޮޕަރޭޓް ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ. އެހެންވެ އެ އުޅަނދުފަހަރު މެނޭޖްކުރެވޭނެ މެކޭނިޒަމެއް އޮންނަން ޖެހޭ ކަމަށް ވެސް ލިވަބޯޑުން ބުނެ އެވެ.

"ބިލް ފަރުމާ ކުރުމުގައި އެ ކަންކަމަށް ރިއާޔަތް ނުކުރެވުނު ކަމީ ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ. އަދި މިކަމަމީ މިހާރުން މިހާރަށް ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށް މި ފުރުސަތުގައި ފާހަގަ ކުރަމެވެ. އެގޮތުން ރާއްޖެ އަށް އެތެރެކުރެވޭ އެފަދަ އުޅަންދުތައް މޮނީޓާކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ،" ބަޔާނުގައިވެ އެވެ.

ސަތޭކަ ސާޅީސް އަށް ސަފާރީ އުޅަނދެއް ލިވަބޯޑުގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ރާއްޖެ އިމްޕޯޓް ކުރާ މެރިން އިކްވިޕްމަންޓުން ވެސް ޑިއުޓީ މާފުކުރުމަށް ވެސް ގޮވާލައިފަ އެވެ.