06 May 2020, 00:43
ރިސޯޓެއް ތަރައްގީކުރާ ށ. ކަނބާލިފަރުގައި މަރުވި ބިދޭސީއެއް ކޮވިޑް19 އަށް ޓެސްޓު ކުރާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ އެ ރަށުގައި މަރުވި ބިދޭސީއަކު ބައްޔަށް ޓެސްޓު ކުރަން ނިންމީ ގޮތް ނޭނގޭ މަރުތަކާ ގުޅިގެން ސާމްޕަލް ނަގާ ބައްޔަށް ޓެސްޓު ކުރުމުގެ އުސޫލުގެ ތެރެއިން ކަމަށެވެ.
ބިދޭސީ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީއަކު މާލޭގައި މަރުވެފައެވެ. އުމުރުން 33 އަހަރުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ އެ މީހާ މަރުވީ ފިޓްޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ. އޭނާ ބައްޔަށް ޕޮޒިިވް ވެފައިވާކަން އެނގުނީ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ކުރުމުންނެވެ.
މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު ފައިޝަން ވިދާޅުވީ، އުމުރުން 33 އަހަރުގެ ބަންގްލަދޭޝްގެ އެ މީހާ މަރުވީ، ކޮވިޑް19 ޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ.
ޑރ. ވިދާޅުވީ އޭނާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން ކަމަށާއި އޭނާއަށް ފިޓް ޖެހުނީވެސް އެކަމުގެ ސަބަބުން މެދުވެރިވި ކަންތައްތަކެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން، ބައެއް ފަހަރު ސިކުނޑިއަށް ލޭ ފޮނުވާ ނާރުތައް ބެދުމުގެ މައްސަލަ ދިމާވާ ކަމަށް ހޯދިފައި ހުރި ނަމަވެސް، ބިދޭސީ މީހާގެ ސިކުނޑިއަށް ލޭ އެޅުނީ، ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށް ވެސް ޑރ. ފައިޝަން ވިދާޅުވި އެވެ.