06 May 2020, 00:38
ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މާލޭގެ ހާލަތު އިތަރަށް ގޯސް ވެދާނެ ކަމުގެ އިންޒާރެއް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ދީފި އެވެ.
ކޮވިޑް-19ގެ ބަލި މީހަކު މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ އިން ފެނުނު ފަހުން މިހާތަނަށް ވަނީ 500 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލި ފެތުރި އެތައް ހާސް މީހުނެއް ވަނީ އެކަހެރި ކުރަން ޖެހިފަ އެވެ.
ރާއްޖެއިން ބޭރުގައި ތިބި މީހުން ރާއްޖެ ގެނައުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުރި ގޮތާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ރާއްޖެ އިން ބޭރުން މީހުން ނުގެނެވިދާނެ ކަމަށާއި އަދި އެ މުއްދަތުގެ ތެރޭގައި ވެރިރަށް މާލެގެ ހާލަތު އިތުރަށް ގޯސް ވެސް ވެދާނެ ކަމަށެވެ.
"ކުރިއަށް މިއޮތް ދެ ހަފްތާއަކީ ކަރަންޓީން ފެސިލިޓީތައް ވަރަށް ބޮޑަށް އަޅުގަނޑުމެނަށް ބޭނުން ޖެހޭނެ މާލޭގެ ސިޓިއުޝާނާ ޑީލް ކުރާ އިރުގައި. އަދި މާލެއަކީ ވެސް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެންމެ ރައްކާތެރި ތަނަކަށް ނުވާނެ،" މަބްރޫކް ވިދާޅުވި އެވެ.
ވަރަށް ގިނަ ގައުމުތަކުގައި ދިވެހިން ތިބިކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ، މާލެގެ ހާލަތު ހުރި ގޮތުން ކަރަންޓީން ގިނަ ފެސިލިޓީތަކެއް މިވަގުތު ހުރީ ފުރިފައި ކަމަށެވެ. އަދި ވިދާޅުވީ އިތުރަށް ވެސް މާލެ އިން ކަރަންޓީނަށް ގެންދަން ޖެހޭ މީހުން ފެންނާނެ ކަމަށް ޑޮކްޓަރުން އަންދާޒާ ކުރާ ކަމަށެވެ.
އެހެންކަމުން ކުރިން ވެސް ޑޮކްޓަރުން ވިދާޅުވާ ފަދައިން މި ދަނޑިވަޅަކީ ދަތުރު ކުރުން އެންމެ ރައްކާތެރި ވަގުތު ނޫން ކަން މަބްރޫކް ވަނީ ތަކުރާރު ކުރައްވާފަ އެވެ. އަދި ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރުމުގެ ބަދަލުގައި މި ވަގުތު އެންމެ ރައްކާތެރި ގޮތަކީ އެ މީހަކު އެ ހުރި ތަނެއްގައި ހުރުން ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ތިބި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް ގެނައުމުގެ މަސައްކަތް ހުއްޓާ ނުލާކަން ވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފަ އެވެ.
ކުރިއަށް އޮތް ދެހަފްތާއަކީ، ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެދާނެ ދުވަސްތަކެއް ކަމަށާއި އިތުރަށް ސަމާލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 573 މީހުންނެވެ. އޭގެ ތެރެއިން 20 މީހުން ރަނގަޅުވެފައިވާއިރު ދެ މީހަކު ވަނީ މަރުވެފަ އެވެ.