ދީނީ މިނިވަން ކަމަށް ގޮވާލައި އާޓިފިޝަލް ބީޗްގައި މުޒާހަރާ ކުރި ހިއްލަތު ރަޝީދުއަކީ ޒަމީރުގެ ގައިދީއެއް ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ، ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަލް އިން ގޮވާލައިފި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ވެބްސައިޓްގައި އިއްޔެ އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ހިއްލަތު ރަޝީދު މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭނެ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ބެހެއްޓި ބެހެއްޓުމަށް ބަދަލު ވެސް ދޭން ޖެހޭނެ ކަމަށެވެ.

އެމްނެސްޓީން ބުނެފައި ވަނީ ހިއްލަތު ރަޝީދު އާއި އިތުރު 30 ވަރަކަށް މީހުން ދީނީ މިނިވަން ކަމަށް ގޮވާލައި މާލޭގައި މުޒާހަރާއެއް ބޭއްވި ކަމަށާއި މުޒާހަރާކުރި މީހުންގެ ގަޔަށް ބަޔަކު ގާއުކުމުގެ ސަބަބުން ހިއްލަތު ޒަހަމްވެ، އައިޖީއެމް އެޗްގައި އޭނާ އަށް ފަރުވާ ދިން ކަމަށެވެ.

އަދި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފުކަމަކަށް ގޮވާލައި އެއްވުމެއް ބޭއްވި މައްސަލައިގާ ސުވާލުކުރަން ކަމަށް ބުނެ އޭނާ ހައްޔަރުކުރީ އެ ހާދިސާގެ އެތައް ދުވަހެއް ފަހުން ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ބަހައްޓަމުންދާ ބެހެއްޓުމަކީ ރާއްޖެ އިން ސޮއިކޮށްފައިވާ މުއާހަދާއެއް ކަމަށްވާ "އިންޓަނޭޝަނަލް ކޮވެނެންޓް އޮން ޕޮލިޓިކަލް އެންޑް ސިވިލް ރައިޓްސް" އާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސުލްހަވެރިކަމާ އެކު ޕްރެކްޓިސް ކުރި އިސްމާއިލް ހިއްލަތު ރަޝީދަށް ހަމަލާ ދިނުމުން އޭނާގެ ދިފާއުކުރުމުގެ ބަދަލުގައި ދިވެހި ސަރުކާރުން އޭނާ ހައްޔަރުކޮށްފައި ވާތީ އެމްނެސްޓީ އިންޓަނޭޝަނަލް އިން ހިތާމަކުރަމެވެ." އެމްނެސްޓީގެ ބަޔާނުގައިވެ އެވެ.

އިސްލާމްދީން ނޫން އެހެން ދީންތަކަށް ދިވެހިން އުޅުމަކީ ރާއްޖޭގެ ގާނޫނު އަސާސީގައި މަނާކަމެއް ކަން ވެސް އެމްނެސްޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.