ހަންގޭރީ އަދި ބަހްރައިންގެ ހާރިޖީ ވަޒީރުންނާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ބަހްރެއިންގެ ހާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ އާއި ހަންގޭރީގެ ހާރިޖީ ވަޒީރު ޕީޓަާ ޒިއާޓޯ އަށް މިނިސްޓަރު ޝާހިދު ވަކިވަކިން ފޯނުން ގުޅުއްވައި، ކޮވިޑް-19 އާއި ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

މި ފޯނު ކޯލްތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ވައިރަސްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވައިރަސް އިން ރައްކާތެރިވުމަށް ބަހްރެއިން އާއި ހަންގޭރީ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިނިސްޓަރު ޝާހިދު ވަނީ ތައުރީފް ކުރެއްވިއެވެ.

ބަހްރައިންގެ ހާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަހުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިއަހަރު ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމް ކުރެވުނުތާ 40 އަހަރު ވާނެކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ހަންގޭރީގެ ހާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ސަބަބުން ގައުމުތަކަށް ލިބޭ އިގްތިސޯދީ އަދި މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ މުޖްތަމައު އެކީގައި މަސައްކަތްކުރަން ޖެހޭކަމަށް ދެބޭފުޅުންވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ގެންދަވަނީ ކޮވިޑް19 އާއި ގުޅޭގޮތުން އެކުވެރި ގައުމުތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައި، ރާއްޖެއަށް ބޭނުންވާ އެހީ ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.