06 May 2020, 08:47
ކޮވިޑް-19 އާ ގުޅިގެން ރެސްޓޯރަންޓުތައް ބަންދުކުރުމަށްފަހު އެމެރިކާގެ ޓެކްސަސްގައި އަލުން ހުޅުވުމާއެކު ކަސްޓަމަރެއްގެ ފަރާތުން ރެސްޓޯރެންޓަށް ޓިޕްގެ ގޮތުގައި 1،300 ޑޮލަރު ދީފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ޓެކްސަސްގައި ވަނީ ލޮކްޑައުންއެއް އިއުލާނުކޮށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަންގާފައެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހަށް އެ އެންގުމުގެ ދުވަސް ހަމަވެފައިވާތީ މިހާރު ޓެކްސަސްގައި އަލުން ވަނީ ރެސްޓޯރެންޓްތައް ހުޅުވަން ފަށާފައެވެ.
ނަމަވެސް ރެސްޓޯރެންޓްތައް އަލުން ހުޅުވާއިރު ގިނަ ގަވާއިދުތަކަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ. އޭގެތެރޭގައި ރެސްޓޯރެންޓުގެ އޮކިއުޕެންސީ 25 ޕަސެންޓަށްވުރެ ދަށުގައި ބެހެއްޓުން ހިމެނެއެވެ.
ދާދި ފަހުން ޓެކްސަސްގައި ހުރި ދަ ފްރޮގް އެންޑް ބުލް ނަމަކަށް ކިޔާ ރެސްޓޯރެންޓެއް ވަނީ ކޮވިޑް-19 އަށް ބަންދުކުރުމަަށްފަހު އަލުން ހުޅުވާފައެވެ. އެ ރެސްޓޯރެންޓަށް ދާދި ފަހުން ދިޔަ ކަސްޓަމަރަކު ވަނީ އެތަނަށް ޓިޕް ގެ ގޮތުގައި 1،300 ޑޮލަރު ދީފައެވެ.
ރެސްޓޯރެންޓުގެ އޯނަރު ޑޭވިޑް ފެނާންޑޭޒް ބުނެފައިވަނީ ރެސްޓޯރެންޓަށް ދިޔަ ކަސްޓަމަރެއް ވަނީ ފިލެ މިންޏޯން އާއި ސްކެލޮޕްސް އަދި ގްރިލްޑް ސްޓޭކްގެ އިތުރުން ތަފާތު އެއްޗެހި ނަގާފައި ކަމަށެވެ. އަދި އޭނާގެ ބިލަށް ޖުމްލަ 337 ޑޮލަރު އެރި ކަމަށް އޭނާ ބުންޏެވެ.
ބިލު ހަވާލު ކުރުމުން ކަސްޓަމަރު ވަނީ އޭނާގެ ވެއިޓަރު، ޖޯޝް ޕިކްއޮފް ގާތުގައި ބިލު ދެގުނައަށް ބޮޑުކޮށްދިނުމަށް އެދިފައި ކަމަށް ފެނާންޑޭޒް ބުންޏެވެ. އެއާކު ބިލަށް 674 ޑޮލަރު އަރާފައިވެއެވެ.
"ޖޯޝް އޭނާ ގާތު އަހަންވެސް އެހި އޭނާ ބޭނުންވެގެންހޭ ބިލު ބޮޑު ކުރަން އެދުނީ. އޭނާ ބުނީ އާއެކޭ،" ފެނާންޑޭޒް ބުންޏެވެ.
ފެނާންޑޭޒް އިތުރަށް ބުނެފައިވަނީ، ބިލުގެ އިތުރުން އަދި ޓިޕްގެ ގޮތުގައި ޖޯޝް އަށް 300 ޑޮލަރު ދިނުމަށްފަހު ރެސްޓޯރެންޓަށް 1،000 ޓިޕްގެ ގޮތުގައި އެ ކަސްޓަމަރު ދީފައިވާ ކަމަށެވެ.
އެއާއެކު ކަސްޓަމަރު ދިން ފައިސާގެ އަދަދު ޖުމްލަ 2،029 އަށް އަރައެވެ.