މިއަދު މަރުވި ކޮވިޑް ޖެހިފައިވާ ބަންގުލަދޭޝް މީހާ އަކީ ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރޭ މަރުވި ބިދޭސީ މީހާ އާއި ކޮންޓެކްޓުވި 69 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން އިތުރު ބަޔަކު ފާހަގަވާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

މިއަދު މަރުވި ބަންގްލަދޭޝް މީހާ ރޭ ހޮސްޕިޓަލަށް ގެންދިޔައީ ފިޓް ޖެހިގެންނެވެެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު ފައިޝަން ވިދާޅުވީ، އުމުރުން 33 އަހަރުގެ ބަންގްލަދޭޝްގެ އެ މީހާ މަރުވީ، ކޮވިޑް19 ޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ.

ޑރ. ވިދާޅުވީ އޭނާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން ކަމަށާއި އޭނާއަށް ފިޓް ޖެހުނީވެސް އެކަމުގެ ސަބަބުން މެދުވެރިވި ކަންތައްތަކެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން، ބައެއް ފަހަރު ސިކުނޑިއަށް ލޭ ފޮނުވާ ނާރުތައް ބެދުމުގެ މައްސަލަ ދިމާވާ ކަމަށް ހޯދިފައި ހުރި ނަމަވެސް، ބިދޭސީ މީހާގެ ސިކުނޑިއަށް ލޭ އެޅުނީ، ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށް ވެސް ޑރ. ފައިޝަން ވިދާޅުވި އެވެ.

މަރުވި މީހާގެ ސީޓީ ސްކޭންއާ ހަވާލާދެއްވާ އޭނާ ވިދާޅުވީ، ލޭ ހޮޅިއެއް ފަޅައިގެން ދިޔައީ ޓިއުމަރު ނުވަތަ ކެންސަރެއްގެ ސަބަބުން ނުވަތަ އުފެދުމުގައި ހުރި ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.

އެ މީހާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކަށް ވާތީ، ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކަށް ބަލާއިރު، މިއީ ކޮވިޑް-19 ގުޅުން ހުރި މަރެއްގެ ގޮތުގައި ގުނާނެ ކަމަށް ޑރ. ވިދާޅުވިއެވެ.

މަރުވި މީހާގެ ފުއްޕާމެއިން ވެސް އަދި އެހެން ގޮތަކުން ވެސް ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެނުނުތޯ "ސަން"އިން ސުވާލުކުރުމުން ޑރ. ފައިޝަން ވިދާޅުވީ އެފަދަ އެއްވެސް އަލާމާތެއް މަރުވި މީހާގެ ކިބައިން ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އެ މީހާ ޓެސްޓް ނުކުރި ނަމަ، އެސިމްޓޮމެޓިކް ނޫނީ އަލާމާތްތައް ނުފެންނަ ކޮވިޑްގެ ބަލި މީހަކަށް ވުން ގާތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، މިއީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ރާއްޖެއިން މަރުވި ދެވަނަ މީހާ އެވެ.

ރާއްޖެެއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ 573 މީހުން ފެނިފައިވާއިރު އޭގެ ތެރޭގައި ސިފައިންގޭގައި މަސައްކަތްކުރާ މީހުންވެސް ހިމެނެއެވެ.