05 May 2020, 22:30
ކޮވިޑް ޖެހިފައިވާ އިތުރު މީހަކު ވެންޓިލޭޓަރަށް ލާފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި މިހާރު ފަރުވާދެމުންދާ ހަ މީހުންގެ ތެރެއިން އުމުރުން 70 އަހަރުގެ މީހަކަށާއި 88 އަހަރުގެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށެވެ. އެ ދެމީހުންގެ ހާލު ސީރިއަސް ކަމަށް ޑރ. ވިދާޅުވިއެވެ.
ޑީއެޗް11 ގައި ފަރުވާ ދެމުންދާ އަނެއް ހަތަރު މީހުންގެ ހާލު ރަނގަޅު ކަމަށް ޑރ. ވިދާޅުވިއެވެ. އޭގެ ތެރެއިން އުމުރުން 80 އަހަރުގެ މީހަކަށް އޮކްސިޖަން ދެމުންދާ ކަމަށާއި އުމުރުން 58 އަހަރުގެ މީހާއާއި 48 އަހަރު އަދި 80 އަހަރުގެ މީހާގެ ހާލު ސްޓޭބަލް ކަމަށް ޑރ. ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 573 މީހުންނެވެ. ޕޮޒިޓިވްވާ މީހުން އިތުރުވާ ވަރަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މީހުންވެސް އިތުރުވަމުންދާނެއެވެ. އެހެންކަމުން، ސަރުކާރުން މިހާރު ވަނީ ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ޓްރީޓޮޕް ހޮސްޕިޓަލްވެސް ބޭނުންކުރަން ފަށައިފައެވެ.
ރާއްޖެއިން ކޮވިޑް ޖެހިފައިވާ ދެ މީހަކު ވަނީ މަރުވެފައެވެ.