ބްރަސެލްސް (މެއި 5): ކޮރޯނާވައިރަހަށް ވެކްސިނަކާއި ފަރުވާއެއް ހޯދުމަށް އެހީވުމަށް އަށް ބިލިއަން ޑޮލަރު ދޭން ދުނިޔޭގެ ލީޑަރުންނާއި ޖަމްއިއްޔާތަކުން ވައުދުވެއްޖެ އެވެ.

އެ ފައިސާ ދޭނެކަން ގައުމުތަކުން އިއުލާންކޮށްފައި ވަނީ އިއްޔެ ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސިވިލާތާއި ނޯވޭ އާއި ސައުދީ އަރަބިއާއިން އިންތިޒާމުކޮށްގެން ބޭއްވި އޮންލައިން ކޮންފަރެންސެއްގަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި 40 ގައުމާއި ޑޯނަރުންގެ ތެރޭގައި ޗައިނާ، ޖަޕާން، ކެނެޑާ އަދި ދެކުނު އެފްރިކާ ހިމެނެ އެވެ. ނަމަވެސް އެމެރިކާ އާއި ރަޝިއާއިން އެ ކޮންފަރެންސުގައި ބައިވެރި ނުވެ އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާސަލާ ވޮން ޑާ ލަޔަން ވަނީ ވެކްސިނެއް އުފައްދަން ކުރާ މަސައްކަތަށް މުޅި ދުނިޔެއިންވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ފައިސާ ހަދިޔާ ކުރާ ފަރާތްތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ މެޑޯނާ ހިމެނޭ ކަމަށާއި އޭނާ 1.08 މިލިއަން ޑޮލަރު ހަދިޔާ ކުރާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޔޫރަޕިއަން ކޮމިޝަނާއި ނޯވޭއިން ވަނީ އެއް ބިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. އަދި ފްރާންސާއި ސައުދީ އަރަބިއާ އާއި ޖަރުމަނުން 542 މިލިއަން ޑޮލަރު ދޭނެ ކަމަށް ވައުދުވެފައިވާ އިރު ޖަޕާނުން ވަނީ 800 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

އެ ފައިސާގެ ތެރެއިން 4.4 ބިލިއަން ޑޮލަރު ދޭނީ ވެކްސިން އުފެއްދުމުގެ މަސައްކަތަށެވެ. އަދި ފަރުވާއެއް ހޯދުމަށް ދެ ބިލިއަން ޑޮލަރު ދޭ އިރު ޓެސްޓުތައް އުފެއްދުމަށް 1.6 ބިލިއަން ޑޮލަރު ދޭނެ ކަމަށް އީޔޫއިން ބުންޏެވެ. މީގެ އިތުރުން އެންމެ ނާޒުކު ހާލަތުގައި އޮތް ގައުމުތަކަށް އެހީވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް 1.25 ބިލިއަން ޑޮލަރު ދޭން ހަމަޖެހިފައިވެ އެވެ.

ކޮރޯނާވައިރަހަށް ވެކްސިނަކާއި ފަރުވާއެއް ހޯދުމަށް އެކި ގައުމުތަކުގައި ދަނީ ޓެސްޓުތައް ހަދަމުންނެވެ. ކަމާ ބެހޭ ގިނަ މާހިރުން ވިދާޅުވާ ގޮތުގައި ވެކްސިނެއް ލިބޭ ވަރުވާނީ އަންނަ އަހަރުގެ މެދު ތެރޭގަ އެވެ. ނަމަވެސް ވެކްސިން ދިރާސާ ކުރާ ބައެއް ޓީމްތަކުން ވަނީ މި އަހަރު ތެރޭވެސް ވެކްސިނެއް ތައްޔާރުވުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކަމަށް ބެލެވޭ ކޮރޯނާވައިރަހަށް މިހާތަނަށް 3.6 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 250،000 ހުރަސްކޮށްފަ އެވެ.