ނަވާރަ އަހަރު އިޓަލީގެ ރޯމާ އަށް ކުޅުމަށް ފަހު އެކުލަބުން ވަކިވާން ވިސްނާކަމަށް އެޓީމުގެ އިޓަލީ ފޯވާޑް ފްރެންޗެސްކޯ ޓޮޓީ ބުނެފި އެވެ.

އެޓީމުން ޓޮޓީ ވަކިވުމުގެ ފަހަތުގައި ވަނީ އެކުލަބުގެ ސަޕޯޓަރުން ކަމަށް ވެސް ޓޮޓީ ބުނެފައި ވެއެވެ.

ރޯމާގެ އެންމެ ސީނިއާ ކުޅުންތެރިޔާ ކަމަށްވާ ޓޮޓީ މިސީޒަނުގެ ބޮޑުބައެއް ހޭދަކުރަމުން ދަނީ އެޓީމު ބެންޗުގަ އެވެ. އެގޮތުން އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށް ރޯމާ އެންމެ ފަހުން ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވި މެޗުގައި އެޓީމަށް ލިބުނު ޕެނަލްޓީ ޓޮޓީ އަތުން ވަނީ ނާކާމިޔާބު ވެފަ އެވެ.

"ރޯމާ ދޫކޮށް ދިއުމަށް ވިސްނީ ވަރަށް ފަހުން. މިކަހަލަ ކަންތައްތައް ދިމާވަންޏާ ދެން ޖެހޭނީ އެހެން ކުލަބަކާއި ގުޅެން. އަހަރެންނަކީ ޓީމުގެ މައްސަލަ ކަމަށް ބަޔަކު ދެކެންޏާ އަމިއްލަ އަށް ޓީމު ދޫކޮށް ދާނަން. އަހަރެން ނުބުނާނަން އެއީ ކޯޗެކޭ، ނޫނީ ޓީމުގެ ކުޅުންތެރިންނެކޭ. އެއީ މަދު ސަޕޯޓަރުންތަކެއް." ޓޮޓީ ބުންޏެވެ.

ޓޮޓީ އަކީ ރޯމާ ގައި އުފެދި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެކުލަބަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ އެވެ. ޓޮޓީ އަކީ 1992 ވަނަ އަހަރު ރޯމާ އާއި ގުޅުނު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް ވެސް މޮޅު ކުޅުމެއް ދައްކުވައި ދީފަ އެވެ.