މާލޭގެ މަގުމަތީ އުޅޭ ބުޅާތަކަށް ކާންދިނުމުގެ މަސައްކަތް ފުލުހުން ކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

މާލޭގެ މަގުމަތީ ގިނަ އަދަދެއްގެ "ސްޓްރޭ ކެޓްސް" އުޅޭއިރު އާންމު ހާލަތުގައި ބައެއް އާންމުން ބުޅަލަށް ކާންދިނުމަށް، އާންމުކޮށް ބުޅާ އުޅޭ ސަރަހައްދުތަކަށް ކެޓް ފުޑްސް އަޅަ އެވެ.

އެގޮތުން އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަކީ ގިނަ އަދަދެއްގެ ސްޓްރޭ ކެޓްސް އުޅޭ ސަރަހައްދެކެވެ. މީގެ ކުރިން އާންމުންގެ މީހުން މި ސަރަހައްދުގައި އުޅޭ ބުޅާތަކަށް ކާން އެޅިނަމަވެސް، ލޮކްޑައުންގެ ސަބަބުން އާންމުންނަށް ބޭރަށް ނުނިކުމެވޭތީ، މިހާރު މި ބުޅާތަކަށް ކާންދިނުމުގެ ޒިންމާ ފުލުހުންގެ ބައެއް އޮފިސަރުން ދަނީ އަދާކުރަމުންނެވެ.

ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ބަލިމަޑުކަމުގެ މި ދުވަސްވަރު، މަގުމަތީ ބަނޑުހައިވެގެން އުޅޭ ބުޅާތަކުގެ މަތިން ފުލުހުން ހަނދާން ނުނެތޭ ކަމަށެވެ. ބައެއް ފުލުހުން ބުޅަލަށް ކާންއަޅާ ފޮޓޯތަކެއް ވެސް ފުލުހުން ވަނީ ޓްވީޓު ކޮށްފައެވެ.

މާލޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި އުޅޭ ކޮތަރުތަކަށް ކާންދިނުމުގެ މަސައްކަތްވެސް ފުލުހުންނާއި ސިފައިން ކުރެއެވެ. އާންމުހާލަތުގައި އެ ސަރަހައްދުގެ ކޮތަރުތަކަށް ކާންދިނުމަށް ހަވީރު ވަގުތު ކުޑަކުދިންނާއެކު މައިންބަފައިންނާއި އާއިލާތަކުން ދެއެވެ.