ޅެން ހަދަން ދަސްކޮށްދިނުމަށް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހި ބަހުގެ އެކެޑެމީ އިން ކުރި އިއުލާނެއްގައި ބުނީ ލޮކްޑައުންގެ ދުވަސްވަރު ގޭގައި ތިބެގެން ޅެންހަދަން ދަސްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހުރިހާ އުމުރަކަށްވެސް ހުޅުވާލާފައިވާ މި ކޯހުމް ޖާގަ ދޭން ނިންމާފައިވަނީ 25 ފަރާތަކަށެވެ. ކޯހުގެ ފީއެއް ނުނަގާނެ ކަމަށާއި 15 މެއި އިން ފެށިގެން ކުރިއަށް ގެންދާ މި ކޯހުގެ މުއްދަތަކީ 20 ގަޑިއިރު ކަމަށް އެކެޑެމީ އިން ބުންޏެވެ.

މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ފޮޓޯއެއް، މި މަހުގެ 10 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން އެކެޑަމީގެ ނަންބަރު 7986230 އަށް ވައިބާ ކުރުމަށް ވަނީ އެދިފައެވެ.

އެކެޑެމީ އިން ބުނީ މި ކޯހަކީ އޮންލައިންކޮށް ހިންގަން ހަމަޖެހިފައިވާ ކޯހެއް ކަމަށް ވާތީ ކޯހުގައި ބައިވެރިވާން ވާނީ އެ ފަދަ ވަސީލަތެއް މެދުވެރިކޮށް އުނގެނުމުގެ ފަހިކަން ހުރި ފަރާތްތަކުން ކަމަށެވެ.